ގްރޭންޑް ފިނާލޭ ފަސްކޮށް، ފިނާލޭއަށް ރާއްޖޭން ބޭރުގެ ފަންނާނެއް!

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރި، ޝަލަބީ (ވ) އިޝާން (ކ) އަދި ލައިޝާ (މ) ރޭގެ ޝޯގައި ލަވައެއް ހުށަހަޅަނީ -- ފޮޓޯ: މޯލްޑިވިއަން އައިޑަލް

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ ބާއްވާ ތާރީހް ފަސްކޮށް، ގްރޭންޑް ފިނާލޭއަށް ބައިނަލްއަގްވާމީ ފަންނާނެއް ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ޝޯވ އިންތިޒާމްކުރާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފި އެވެ.

ޕްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވގެ ގްރޭންޑް ފިނާލޭ މީގެ ކުރިން ބާއްވަން ހަމަޖެހިފައި އޮތީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

ނަމަވެސް މިހާރު ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ ދެ ވަނަ ދުވަހު ކަމަށް ޕީއެސްއެމް އިން ބުނެ އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ހެޑް އާމިނަތު ޝާޔަން ޝާހިދު ވިދާޅުވި ކަމަށް ޕީއެސްއެމްގެ ވެބްސައިޓުގައި ބުނެފައިވަނީ، އެ ޝޯ ފަސްކުރަން ނިންމީ ގްރޭންޑް ފިނާލޭ ޝޯވގައި ބައިނަލްއަގްވާމީ ފަންނާނެއް ބައިވެރިކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް ކުރަންޖެހޭ އިދާރީ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

ގްރޭންޑު ފިނާލޭ ފަސްކުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް ހުކުރު ދުވަހު އޮންނަ ޕާފޯމެންސް ޝޯ އޮންނާނެ ކަމަށް ޝާޔަން ވިދާޅުވެފައިވެ އެވެ. އަދި އެރޭވެސް ބައިވެރިންނަށް ވޯޓު ދިނުމަށްޓަކައި އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށާއި ނަމަވެސް، ވޯޓު ދިނުމަށް ހުޅުވާލެވޭ މުއްދަތު އިތުރުކުރުމާމެދު ވަކިގޮތެއް އަދި ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއިން ޖާގަ ހޯދާފައިވަނީ ޝަލަބީ އިބްރާހިމް، ލައިޝާ ޖުނެއިދު އަދި މުހައްމަދު އިޝާން އެވެ. ގްރޭންޑް ފިނާލޭއަށް ދިޔަ ބައިވެރިން އިއުލާންކޮށްފައިވަނީ މިދިޔަ ހަފްތާގައި ބޭއްވި އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގައެވެ.

ގާލާ ރައުންޑުގެ ކޮންމެ ޝޯވ އަކުން ވެސް ތަފާތު އެކި ފަންނާނުން ގެސްޓް ޖަޖުންގެ ގޮތުގައި ޖަޖުންގެ ޕެނަލުގައި ބައިވެރިވެ، ޝޯވގެ ބައިވެރިންގެ ހުށަހެޅުންތަކަށް ކޮމެންޓް ކޮށްފައިވާއިރު، ތަފާތު އެކި ހަރަކާތްތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ގަދަ 12 ބައިވެރިންނާއެކު ފެށި މުބާރާތުގެ ގާލާ ރައުންޑުގެ ޝޯވތައް މިހާރު ނިމިފައިވާއިރު، ގަދަ 10 އަކާ ހަމައަށް ދަތުރުކުރި ބައިވެރިންނާއެކު ޕީއެސްއެމުން ވަނީ ޓެލެންޓް މެނޭޖްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ބައިވެރިންނަށް ބޭނުންވާ ތަމްރީނާއި ލަވަކިޔުމާއި މިއުޒިކް ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ޕީއެސްއެމް އިން ހޯދައިދޭނެ އެވެ.

comment ކޮމެންޓް