ޕްރިންސް މަރުވީ އެއިޑްސް ޖެހިގެން، ފަރުވާއަށް އޭނާ ދެކޮޅު ހެދި

ލަވަ ކިޔުންތެރިޔާ ޕްރިންސް --- ފޮޓޯ: ފެކްޓްމެގް.ކޮމް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕްރިންސް ރޯޖާސް ނެލްސަން މަރުވީ އެއިޑްސް ޖެހިގެން ކަމަށް ހަބަރުތައް ބުނެފި އެވެ.

ޕްރިންސާ ގުޅޭ ގޮތުން މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހު މަރުވި ޕްރިންސް އަށް އެއިޑްސް ޖެހިފައި ވަނީ އޭނާ މަރުވުމުގެ ހަ މަސް ދުވަސް ކުރިންނެވެ. ނަމަވެސް އެ ބައްޔަށް ފަރުވާ ހޯދުމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށް ވެސް އެ ފަރާތާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

އެގޮތުން، 57 އަހަރުގެ ޕްރިންސް މަރުވި އިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ 36 ކިލޯ ކަމަށާއި އޭނާ އައީ މަރަށް ތައްޔާރުވަމުން ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ހަމައެއާއެކު، ޕްރިންސްގެ ހަށިގަނޑުން އިންތިހާއަށް ލޭ މަދުވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށާއި ހަށިގަނޑުގެ ޓެމްޕަރޭޗާ ވެސް ނުރައްކާ މިންވަރަކަށް ދަށް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޕްރިންސްގެ މައުލޫމާތު ދިން ފަރާތާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

"އޭނާގެ ހަށިގަނޑުން ދަގަނޑުގެ ބައި ވަރަށް ބޮޑަށް މަދުވެފައި ހުރީ. ވަރު ވަރުދެރަވެފައި. ވަރަށް މަދުން ކެވެނީ، ކެވުނަސް ހޮޑު ލެވޭ،" ޕްރިންސްގެ މައުލޫމާތު ދިން ފަރާތާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

"މޫނު އެއްކޮށް ރީނދޫވެފައި ހުރީ. އިންގިލީގެ ކޮޅުތައް ވެސް މުށި-ރީނދޫ ކުލައަކަށް ހުރީ،" ޕްރިންސްގެ މައުލޫމާތު ދިން ފަރާތާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން، ޕްރިންސް އަށް އެޗްއައިވީ ޖެހުނީ 1990 ގެ އަހަރުތަކުގަ އެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި އެޗްއައިވީ، އެއިޑްސް އަށް ބަދަލުވީ މިދިޔަ އަހަރު ފަހުކޮޅު އެވެ.

މައުލޫމާތު: ޑެއިލީ މެއިލް.ކޮމް

comment ކޮމެންޓް