ދިވެހި އަސްކަރިއްޔާއަށް އިންޑިއާއިން ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު ގެނެސްފި

ދިވެހި އަސްކަރިއްޔާއަށް އިންޑިއާއިން ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު އައިއެންއައިއޭ އަށް ތިރިކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި އަސްކަރިއްޔާގައި ބޭނުންކުރުމަށް އިންޑިއާއިން ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު މިއަދު މާލެ ގެނެސްފި އެވެ. މިއީ ދިވެހި އަސްކަރިއްޔާއަށް ލިބުނު ދެ ވަނަ ހެލިކޮޕްޓަރެވެ.

އެ ހެލިކޮޕްޓަރުގެ ޕައިލެޓުންނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން މަރުހަބާ ދެންނެވީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޗް މިޝްރާ އެވެ.

ދިވެހި އަސްކަރިއްޔާއަށް އިތުރު ހެލިކޮޕްޓަރެއް ދެ ދުވަހުގެ ތެރޭގައި ގެންނަވާނެ ކަަމަށް ޑިފެންސް މިނިސްޓަރު އިއުލާންކުރެއްވީ ސިފައިންގެ 124 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ރަސްމިއްޔާތުގައި މިދިޔަ ހޯމަ ދުވަހު އެވެ.

ދިވެހި އަސްކަރިއްޔާއަށް އިންޑިއާއިން ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރުގެ ޕައިލެޓުންނަށް ޑިފެންސް މިނިސްޓަރު މަރުހަބާ ކިޔަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިއެންއައިއޭގައި ހުރެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، މިއަދު ރާއްޖެ އަށް ލިބުނު ހެލިކޮޕްޓަރަކީ ކުރިން ލިބުނު ހެލިކޮޕްޓަރަށްވުރެ ފެންވަރު ރަނގަޅު އަދި އިސްފަންތީގެ ބޭފުޅުންނަށް ވެސް ދަތުރުކުރެވޭނެ ހެލިކޮޕްޓަރެއް ކަމަށެވެ.

"އާއްމު އެހެން ހެލިކޮޕްޓަރުތަކާ ހިލާފަށް މި ހެލިކޮޕްޓަރަކީ މުޅިން އެއާކޯން ކޮށްފަ ހުންނަ، ދުރުން މީހުން ދެނެގަނެވޭނެ ވަސީލަތްތައް ހުންނަ، އެހެން ހެލިކޮޕްޓަރުތަކަށްވުރެ ވަރުގަދަ ހެލިކޮޕްޓަރެއް،" މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހެލިކޮޕްޓަރު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގެއްލޭ މީހުން ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން ބަލި މީހުން ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދަން އުދަނގޫ މީހުން އުފުލުމަށް ކަމަށެވެ.

ދިވެހި އަސްކަރިއްޔާއަށް އިންޑިއާއިން ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރުގެ ކައިރީގައި ޑިފެންސް މިނިސްޓަރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އެމްއެންޑީއެފްގެ އިސް އޮފިޝަލުން އަދި ހެލިކޮޕްޓަރެ ކުރޫ ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރާއި މިއަދު ގެނައި ހެލިކޮޕްޓަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ، ލ. ކައްދޫގައި ތަރައްގީ ކުރަމުންދާ އެމްއެންޑީއެފްގެ އަސްކަރީ އެއާޕޯޓުގައެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ގެންނަން ނިންމާފައިވާ ކަމަށް އިއުލާންކުރައްވާފައިވާ އަސްކަރީ މަތިންދާ ބޯޓުތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ އެއާޕޯޓުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ލ. އަތޮޅު ކައްދޫ އެއާޕޯޓް ވެގެންދާނީ އެމްއެންޑީއެފްގެ ވައިގެ ވިންގަކަށް. ކުރިއަށް އޮތްތަނުގައި ތިން މަތިންދާ ބޯޓުވެސް ހޯދާނަން. އެ ތިނެތި ވެސް އޮންނާނީ ލ. އަތޮޅުގައި... މަތިންދާ ބޯޓުތައް ލިބޭނީ އިންޑިއާ ސަރުކާރުން ވެސް ފިކްސްޑް ވިންގް ޑޯނިއޯ މަރުކާގެ މަތިންދާބޯޓެއް އަދި ޕާކިސްތާނުން ވެސް ލިބޭނެ ޗައިނާއިން ވެސް ލިބޭނެ. މީގެ އިތުރުން އިތުރު ގައުމުތަކާ ވެސް މަޝްވަރާކުރަމުންމިގެންދަނީ އެހީތެރިކަން ހޯދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި އަސްކަރިއްޔާއަށް އަސްކަރީ މަތިންދާ ބޯޓްތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ އަސްކަރީ މަތިންދާ ބޯޓް ގެންނާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައިވަނީ މީގެ ހަތަރު މަސް ކުރިންނެވެ.

ދިވެހި އަސްކަރިއްޔާއަށް އިންޑިއާއިން ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު އައިއެންއައިއޭ ގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިފެންސް މިނިސްޓަރު ވިދާޅުވީ، އިންޑިއާ އަކީ ދިވެހި ސަރުކާރާއި އެކުގައި މަސައްކަތްކުރައްވާ ގައުމެއް ކަމަށާއި ހާއްސަކޮށް ކައުންޓާ ޓެރަރިޒަމްގެ ދާއިރާގައި އެހީތެރިވަމުން އަންނަ ގައުމެއް ކަމަށެވެ.

comment ކޮމެންޓް