ރާއްޖޭގެ ތާރީޚީ ހާދިސާއަކަށް ބިނާކޮށް ކޮމިކާއި މިއުޒިކަލް ތައްޔާރުކުރުމުގެ މުބާރާތް އިއުލާނު ކޮށްފި

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ނެށުމުގެ ހަރަކާތެއް ދައްކާލަނީ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާނު

ރާއްޖޭގެ ތާރީޚީ ހާދިސާއެއް އަސްލަކަށް ބަލައިގެން، ނުވަތަ ދިވެހި ފޯކުލޯރއެއްގެ މައްޗަށް ބިނާކޮށް، މިއުޒިކަލްއާއި ކޮމިކު ތައްޔާރު ކުރުމުގެ މުބާރާތް، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްއިން އިއުލާން ކޮށްފި އެވެ.

މަތީ ދަރަޖަ ލިބޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދެވޭ ދާއިރާއެއް ކަމުގައިވާ، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތީގައި، ވިޝުއަލް އަދި ޕަފޯމިންގ އާޓްސްގެ ދާއިރާ ހިމެނޭ އިރު، މި ދާއިރާއިން ދެ އިނާމެއް ދިނުމަށް ހަމަޖެހިފައި ވެ އެވެ.

އެންސީއޭއިން ކުރި އިއުލާނުގައި ބުނާ ގޮތުގައި، ދިވެހިރާއްޖޭގެ ތާރީޚީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ހާދިސާއެއް އަސްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކުލޯއެއްގެ މައްޗަށް ބިނާކޮށް، އޭގެ އަސްލު ނުގެއްލޭ ގޮތަށް ވިޝުއަލް އާޓްސްއާއި ޕަފޯމިންގ އާޓްސްއިން އުފެއްދުމެއް އުފައްދަން ޖެހެ އެވެ.

އެ ގޮތުން، އެ މައުޟޫއަށް، މިއުޒިކަލްއެއް ނުވަތަ ކޮމިކެއް އުފެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. މިއިން ކޮންމެ މީޑިއަމަކުން ވެސް އެންމެ ރަނގަޅު މަސައްކަތަށް ހޮވޭ ފަރާތެއް، މަތީ ދަރަޖަ ލިބޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ލިބޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެންސީއޭއިން ބުނީ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މޭ މަހުގެ ތިންވަނަ ދުވަހު 11:00 އަށް އެންސީއޭއަށް އައިސް މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށާއި، މޭ ފަސްވަނަ ދުވަހުގެ 13:30 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ސިޓީ ފޮނުވަން ޖެހޭ ކަމަށެވެ.

މަތީ ދަރަޖަ ލިބޭ ފަރާތްތަކަށް ރައީސް ދެއްވާ އިނާމުގައި، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން، ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދައްކުވައިދޭ އެއްޗެހި އުފެއްދުމުގެ މުބާރާތް، އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. އެގޮތުން، މިފަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނާށިން ތަކެތި އުފެއްދުމުގެ މުބާރާތެކެވެ.

comment ކޮމެންޓް