ޒުހާގެ ކަރުގައި ހިފިން، މަރުވި ކަމެއް ނޭނގޭ: ސުމޮން މިއާ

ޒުހާ މަރާލުމުގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ މިއަދު ކޯޓަށް ހާޒިރު ކުރަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަހަރުގެ ޖެނުއަރީ މަހު މާލޭ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެއްފައި އޮއްވާ ފެނުނު ލ. ގަން ބާބުލްއަވާލީ، ހައްވާ ޒުހާގެ މަރާލި ކަމުގެ ދައުވާ ލިބޭ ބަންގުލަދޭޝް މީހާ ޒުހާގެ ކަރުގައި ފިހި ކަމަށް އެއްބަސްވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން ތަރުޖަމާނެއްގެ އެހީތެރިކަމާ އެކު ސުމޮން މިއާ ބުނީ ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ޒުހާގެ ކަރުގައި ހިފި ކަމަށާއި ނަމަވެސް ޒުހާ މަރުވި ކަމެއް ނޭނގޭ ކަމަށެވެ.

ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ޒުހާއާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް މިއަދު ބޭއްވި ޝަރީއަތުގައި ސުމޮން މިއާ ވަނީ އެއްބަސްވެފަ އެވެ. ޒުހާއާއެކު ބަދުއަހުލާގީ އަމަލު ހިންގީ ފައިސާ ދީގެން ކަމަށާއި އެގޮތުން ޒުހާއަށް 700 ރުފިޔާ ދީފައިވާނެ ކަމަށް ވެސް ބަންގުލަދޭޝް މީހާ ބުންޏެވެ.

އެއަށްފަހު އިތުރަށް ފައިސާ ހޯދަން ޒުހާ އުޅުނު ކަމަށާއި ލާލުކުރި ގޭގެ ކޮޓަރިން ނުކުމެގެން ދާން އުޅުމުން އަވަގުރާ ގޮވުމަށްފަހު ލާރިގަނޑު ނުދީ ނުދެވޭނެ ކަމަށް ޒުހާ ބުނި ކަމަށް ސުމޮން މިއާ ބުންޏެވެ.

ސުމޮންމިއާ ބުނީ ލާރިގަނޑު ހޯދަން ޒުހާގެ އަތުގައި އޭނާ ހިފި ކަމަށާއި އެވަރުން ވެސް ލާރިގަނޑު ނުލިބުމުން ޒުހާގެ ކަރުގައި ހިފި ކަމަށެވެ.

އޭގެފަހުން ޒުހާ ސިޓިން ރޫމަށް ވެއްޓުމުން އޭނާ ނަގައިގެންގޮސް ލާލުކުރި ގޭގެ ގޯޅިގަނޑުގެ ތެރޭގައި ބޭއްވުމަށްފަހު ލާރިގަނޑު ހިފައިގެން ދިޔައީ ކަމަށް ވެސް ސުމޮން މިއާ ބުންޏެވެ. އެވަގުތު ޒުހާ ހަޅޭލައްވައިގަތް ކަމަށް ވެސް އޭނާ ބުންޏެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ ސުމޮން މިއާގެ މައްޗަށް އުފުލާފައި ވަނީ ޖެނުއަރީ ހަ ވަނަ ދުވަހުގެ ރޭ 12:00 އެހައިކަންހާއިރު ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ސުމޮންމިއާ ޒުހާއާ އެކު ޖިންސީ ގުޅުން ހިންގުމަށްފަހު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު ކަނާތުން ޒުހާގެ ކަރުގައި ހިފުމަށްފަހު އޭނާ މަރާލާފައިވާތީ ކަމަށެވެ.

އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުންނެވެ.

ސުމޮން މިއާ ބުނީ އެ މައްސަލަ ކުރިއަށްގެންދަން ބޭނުން ވަނީ ވަކީލަކާ ނުލައި ކަމަށެވެ. އޭނާ ބުނީ ޒުހާ މަރުވި ކަމެއް ނޭނގޭ ކަމަށާއި ވެއްޓުނުފަހުން ޒުހާ ވަނީ ފިޓުޖެހިފައި ކަމަށެވެ. އަދި ޒުހާއަކީ "ހަކުރުބޯ" ކުއްޖެއް ކަމަށް ވެސް ސުމޮން މިއާ ބުންޏެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އައިޖީއެމްއެޗަށް ޒުހާ ގެންދިޔުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އޭނާގެ ކަރުގައި ނިޔަފަތިން ކަނޑައިގެން ގޮސްފައިވާ ތަންތަން ހުރި ކަމަށް ބުނެފައިވާ ކަމަށެވެ.

ސުމޮން މިއާގެ ވާހަކަތަކަށްފަހު ގާޒީ އިބްރާހީމް އަލީ ވިދާޅުވީ އޭނާ އެވަނީ ދައުވާ އަށް އިއުތިރާފުވެފައި ކަމަށެވެ. އެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއް ކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ.

ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި އެ މައްސަލަ ތަހުގީގު ކުރި ތިން ފުލުހުން ކަމުގައިވާ ޗީފް ސްޓޭޝަން އިނިސްޕެކްޓަރު އުސްވަތު އަހުމަދާއި ސްޓާފް ސާޖަންޓު މުހައްމަދު ޝަރުމީލާއި ސާޖަންޓު އަހުމަދު އަބޫބަކުރު ހިމެނެއެވެ.

އައިޖީއެމްއެޗުގެ ރިޕޯޓާއި ޕޯސްޓު މޯޓަމްގެ ވަގުތީ ރިޕޯޓު ހެކީގެ ގޮތުގައި ހުށަހެޅުމަށްފަހު ދައުލަތުން ވަނީ އައިޖީއެމްއެޗުގެ ރިޕޯޓު ތައްޔާރުކުރި ފަރާތާއި ޕޯސްޓު މޯޓަމްގެ ރިޕޯޓުގެ ތަރުޖަމާ ތައްޔާރުކުރި ފަރާތް ޝަރީއަތަށް ހާޒިރުކޮށްދޭން އެދިފައެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ޕޯޓު މޯޓަމްގެ ދާއިމީ ރިޕޯޓު އަދި ނުލިބޭ ކަމަށާއި އެ ރިޕޯޓު ލިބުމުން ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތު ދިނުން އެދޭ ކަމަށެވެ. ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ.

comment ކޮމެންޓް