ސާކްގެ އާޓް ކޭމްޕުގައި ބައިވެރިވުމަށް ދިވެހި ފަސް ކުރެހުންތެރިއަކު ބޫޓާނަށް

ބޫޓާން ގައި އޮންނަ އާޓް ކޭމްޕުގައި ބައިވެރިވުމަށް ދިޔަ ދިވެހި ކުރެހުންތެރިން ---- ފޮޓޯ: އެންސީއޭ

ސާކް އާޓް ކޭމްޕުގައި ބައިވެރިވުމަށް ދިވެހި ފަސް ކުރެހުންތެރިއަކު ބޫޓާން އަށް ފުރައިފި އެވެ.

މާދަމަ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ އެ އާޓް ކޭމްޕާ ގުޅޭ ގޮތުން ނޭޝަނަލް ސެންޓާ ފޯދި އާޓްސް (އެންސީއޭ)ގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަހުމަދު ނާޒިމް މިއަދު "ސަން" އަށް ވިދާޅުވީ، އެ އާޓް ކޭމްޕުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ ކުރެހުމުގެ މަސައްކަތްތައް ކަމަށާއި ރާއްޖެއިން ދިޔަ ފަސް ކުރެހުންތެރިން ވެސް އެކަމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

"ރާއްޖެ އިން އެ ކޭމްޕުގައި ބައިވެރިވި އަށް ވަނަ ފަހަރު، 2013 ވަނަ އަހަރު ރާއްޖޭގައި އެ ކޭމްޕު ބޭއްވި. އެފަހަރު 40 ކުދިން ބައިވެރިވި،" އަހުމަދު ނާޒިމް ވިދާޅުވި އެވެ.

ބޫޓާން ގައި އޮންނަ އާޓް ކޭމްޕުގައި ބައިވެރިވުމަށް ރާއްޖެ އިން ދިޔަ ކުރެހުންތެރިންނަކީ، އަހުމަދު ނަދީމް، އަހުމަދު ޝައްފާން، އަހުމަދު ޝަރީފުގެ އިތުރުން ހަސަން ރާއިފު ސިރާޖު އަދި މައިމޫނާ އެވެ.

ކޭމްޕު ނިންމާލުމަށް ފަހު އެ ފަސް ކުރެހުންތެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަވަނަ ދުވަހު ކަމަށް ނާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް