އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި އިތުރު ހެކި ހުށަހަޅަން ފުރުސަތު ނުދެވޭނެކަން އަންގައިފި

ޖަނަވަރީ 10، 2016: މޭޑޭގައި ފިސްތޯލެއް ގެންގުޅުން ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަށް އަދީބު ކޯޓަށް ހާޒިރު ކުރަނީ -- ސަންފޮޓޯ/ އަލީ ނަސީރު

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ފިސްތޯލައެއް ގެންގުޅުނު ކަމަށްބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އިތުރު ހެކި ހުށަހަޅަން ފުރުސަތު ނުދެވޭނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ބުނެފި އެވެ.

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާ ކުރިއަށް ދިޔަވަގުތު އަދީބުގެ ހަގު އަނބިކަނބަލުން ދިރިއުޅުއްވި ގ. ހުމަށި ގެއަށް އެރޭ ދިޔަ ދެ މީހަކަށް ދެ ފިސްތޯލަ އާއި ތިން ވަޒަން އަދީބު ދައްކާފައިވާ ކަމަށް ބުނެ އެވެ.

އެމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އިތުރު ލިއުމެއް ހުށަހެޅުމަށް ފުރުސަތަކަށް އެދިފަ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ އެއީ ފުލުހުންނާއި އެންމެއެންޑީއެފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށެވެ.

ނަމަވެސް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ވިދާޅުވި މައްސަލާގައި ހެކި ހުށަހަޅަން މީގެކުރިން ފުރުސަތުދިން ކަމަށާއި ދެން އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށެވެ. މީގެކުރިންވެސް ހެކިބަސް ނެގުން ފަސްކޮށްފައި އޮތް އެމައްސަލާގައި މިއަދުވެސް ހެކިބަސް ނެގޭ ވަނީ ނުވެފަ އެވެ.

ފަނޑިޔާރު ވިދާޅުވީ ކްރިމިނަލް ކޯޓު ބަދަލުވުމާއި ގުޅިގެން ސިއްރުން ހެކިބަސް ނެގުމުގެ އިންތިޒާމު އަދި ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ އިންތިޒާމު ހަމަ ޖެހުމުން ހެކިބަސް ނެގުން ކުރިއަށް ގެންދާނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

ފިސްތޯލަ ގެންގުޅުނު މައްސަލާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އަދީބު ވަނީ މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިންކާރުކޮށްފަ އެވެ. އަދީބު ދައުވާއަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ އެ ދައުވާ ސާބިތުކުރުމަށް ތިން މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

އޭގެތެރެއިން ދެ މީހުންނަކީ އަދީބުގެ ހަނގުއަނބިކަނބަލުން ދިރިއުޅުއްވި ގޭގައި އޭނާ ފިސްތޯލަ ގެންގުޅުނު މަންޒަރު ދުށް ކަމަށް ބުނާ ދެ މީހެކެވެ. އަދި ތިންވަނަ މީހާ އަކީ އެހެން ދުވަހެއްގައި އަދީބު ފިސްތޯލައެއް ގެންގުޅުއްވި މަންޒަރު ފެނުނު ކަމަށް ބުނާ މީހެކެވެ. އަދީބުގެ ވަކީލު ވިދާޅުވެފައި ވަނީ ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށެވެ.

comment ކޮމެންޓް