ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް ނަޝީދު އައްޔަން ކުރައްވައިފި

ކޮމިޝަނަރު އޮފް ސްޕޯޓްސް ގެ މަގާމަށް އަހުމަދު ނާޝިދު އައްޔަނު ކުރުމަށްފަހު ރައީސް ޔާމިން އޭނާ އަށް ފަތްކޮޅު އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކުރީގެ ރައީސް އަހުމަދު ނަޝީދު(ޑޭވް) މިއަދު އައްޔަން ކުރައްވައިފި އެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަކީ ރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކުޅިވަރުގެ ކްލަބް ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ސަން އަށް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލައްވާފައި ވަނީ ދެ ބޭފުޅެއް ކަމަށެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު ނާޝިދެވެ. ނާޝިދު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހަފްލާއެއްގައެވެ.

ކުޅިވަރުގެ ގާނޫނު ބުނާގޮތުން ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅޭ އެންމެހައި ކުޅިވަރެއްގައި ހަރަކާތްތެރިވާ ކްލަބު ޖަމްއިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އަސާސީ އަދި ހިންގާ ގަވާއިދަށް އެ ތަންތަނުން އަމަލުކުރޭތޯ ބެލުމަށް ފާރަވެރިވުން ހިމެނެއެވެ.

ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅޭ އެންމެހައި ކުޅިވަރެއްގައި ހަރަކާތްތެރިވާ ފަރުދުންނާއި ކްލަބު ޖަމްއިއްޔާތަކާއި އެތަންތަނުގެ މެމްބަރުންގެ ދަފްތަރަށް ސައްޚަނޫން މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ މައްޗަށް ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު ވެސް ކޮމިޝަނަރު އޮފް ސްޕޯޓްސް އަށް ލިބިގެންވެއެވެ.

comment ކޮމެންޓް