ހުޝާމް ރިޓަޔާ ކުރެއްވުމުން ކޮމިޝަނަރު އޮފް ޕްރިޒަން ކަމަށް ޝިހާން އައްޔަންކުރައްވައިފި

ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް އަހުމަދު ޝިހާން އައްޔަން ކުރެއްވުމަށް ފަހު މިއަދު ރައީސް ޔާމީން ފަތްކޮޅު އަރުވަނީ -- ފޮޓޯ -- ރައީސް އޮފީސް

ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހުޝާމް ރިޓަޔާ ކުރެއްވުމުން އެމަގާމަށް އަހުމަދު ޝިހާން އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ކޮމިޝަނަރު އޮފް ޕްރިޒަންގެ މަގާމަށް އަހުމަދު ޝިހާން އައްޔަންކުރައްވާފައިވާ ކަމަށެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންގެ މަގާމުގައި ކުރިން ހުންނެވި ހުޝާމް ރިޓަޔާ ކުރައްވާފައި ވަނީ އޭނައާ ގުޅޭ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ ބުދަ ދުވަހު 'ސަން' އަށް ވިދާޅުވެފައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ހުޝާމް ގޭގައި މަޑުކުރުމަށް އަންގަވާފައިވާ ކަމަށެވެ.

ހުޝާމާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ހުޝާމް ގޭގައި މަޑުކުރަން އެންގުމަށް ފަހު ކަރެކްޝަންސް ހިންގުން ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒިލާލުއާ އެވެ.

comment ކޮމެންޓް