ޓެކުހާ ބެހޭ ޖިނާއީ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ހިއްސާކުރުމަށް މީރާ އާ ހަވާލު ކޮށްފި

ޓެކުހާ ބެހޭ ޖިނާއީ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ހިއްސާކުރުމަށް މީރާ އާ ހަވާލު ކުރުމުގެ އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----

ޓެކުހާ ބެހޭ ޖިނާއީ މައުލޫމާތު ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހިއްސާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާ ހަވާލު ކޮށްފި އެވެ.

މިއަދު ހެނދުނު މިރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެކަމާ ބެހޭ އެމްއޯޔޫގައި ސޮއިކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމެވެ. މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސްއޭޝަން ޔަޒީދު މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓާ ޖެނެރަލް ބިޝާމް ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫއަކީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު ތަންފީޒު ކުރުމަށް އެޅިގެން ދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

ބިޝާމް ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ރާއްޖެއިން ބޭރުގެ އެހީ ހޯދަންޖެހޭ ޓެކުހާ ގުޅޭ މައްސަލައެއް މީރާ އިން ތަހުގީގު ކުރާނަމަ އެފަދަ އެހީއަކަށް އެދުމުގެ ހުށަހެޅުން އެ ގައުމަކަށް ހުށަހަޅަންޖެހޭނީ ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ.

މިއީ ޖިނާއީ މައްސަލަތަކުގައި ބޭރުގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ރާއްޖޭގެ ތަހުގީގީ އިދާރާއަކާ އެކު ސޮއިކުރި ފުރަތަމަ އެއްބަސްވުން ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ މި އެމްއޯޔޫގެ ސަބަބުން މީރާއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެން ދިޔުން. މިއަދާހަމައަށް މިފަދަ އެމްއޯޔޫއެއް ގާއިމް ކުރެވިފައި ނެތީމަ ދިމާވެގެންދިޔަ ހުރަސްތަކަށް ކި އެމްއޯޔޫގެ ސަބަބުން ހައްލެއް ލިބިގެންދާނެ،" ބިޝާމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަ ޖެނެރަލް އޮފް ޓެކްއޭޝަން ޔަޒީދު ވިދާޅުވީ ޓެކުހާ ގުޅޭ މައުލޫމާތުތައް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހާމަކުރުމުގެ ފުރުސަތު މީރާ އަށް ނޯންނާތީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އެހެންވެ މިހާތަނަށް ބައެއް ތަހުގީގުތައް ދިގުލައިގެން ދިޔަނަމަވެސް މިއަދު ސޮއިކުރި އެމްއޯޔޫގެ ސަބަބުން އެކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ.

comment ކޮމެންޓް