ދިވެހި ރެޑް ކްރެސެންޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން: ނާޝިދު

ދިވެހި ރެޑް ކްރެސެންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް ނާޝިދު މީޑީއާ އަށް މައުލޫމާތު ދެއްވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ

ދިވެހި ރެޑް ކްރެސެންޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށާއި އެ ދަތިކަން ފިލުވުމަށް ގިނަ މަސައްކަތްތަކެއް މި ވަގުތު ކުރަން ޖެހިފައިވާ ކަމަށް ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވެއްޖެ އެވެ.

ރެޑް ކްރެސެންޓުގެ އަށް ވަނަ ޖެނެރަލް އެސެމްބްލީއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ރައީސް ވިދާޅުވީ، އިންސާނިއްޔަތަށް ހިދުމަތް ކުރުމަށް މީގެ ކުރިން ރެޑް ކްރެސެންޓަށް ފަންޑު ކުރަމުން އައީ ސުނާމީ ފަންޑުން ކަމަށެވެ. އެހެންނަމަވެސް އެ ފަންޑު މި އަހަރު ނިމުމަކަށް އަންނާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.

"އެ ފަންޑު ހަމަވާ ހިސާބުން ބޭރު ފަންޑިންނަށް ވަރަށް ދަތިވޭ އެބަ. ދުނިޔޭގައި ހަމަ ދުވަހަކަށް ވުރެ ދުވަހެއް އެކި ކަހަލަ ކާރިސާތައް ގިނަވެ މައިގްރޭޝަން އާއި ރެފިއުޖީސް އާ މި ހުރިހާ ކަމަކަށް ވެސް ހަމަ އެހީވެ ކަންތައް ކުރަނީ އައިއެފްއާރް ސީ އިންނާއި ދުނިޔޭގެ އެކި އެންޖީއޯތަކުން،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ފަންޑު ނިމުމުން ރާއްޖެ އިން ބޭރުން ރެޑް ކްރެސެންޓަށް ލިބޭ އެހީތައް 80 ޕަސެންޓު ކުޑަވެގެންދާނެ ކަމަށެވެ. އަދި ރެޑް ކްރެސެންޓުގެ އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަންޑުތަކަށް ބަރޯސާ ވުމުގެ ބަދަލުގައި ރާއްޖެ އިން ފައިސާ ހޯދުމަށް ގަސްތުކުރާ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

"ބޭރުގެ ފަންޑިންއަށް ބަރޯސަ ނުވެ، މާލެ އާއި އަތޮޅު ތެރެއިން ފަންޑިންގް ހޯދައި ސަރުކާރުގެ އެހީއާ އެކު ރެޑް ކްރެސެންޓުގެ އޮޕަރޭޝަންސް ބަޖެޓަށް ފައިސާ ހޯދުމުގައި މަސައްކަތް ކުރާނަން،" ނާޝިދު ވިދާޅުވި އެވެ.

ހަމައެއާ އެކު، ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އިންސާނިއްޔަތަށް ޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ގޮވާލެއްވި އެވެ.

"މި ވަގުތު އެކި ކަހަލަ މައްސަލަތައް ދިމާވަމުން އަންނަނީ، އިންސާނިއްޔަތަށް އެހީ ވާންޖެހޭ ބައިވަރު ކަންތައްތައް އެބަ ހުރި. އަޅުގަނޑުމެން އެހީތެރިކަން މި ދެނީ އަޅުގަނޑުމެންގެ މުޖުތަމައު އަށް. މިއީ ގައުމީ ޖަމިއްޔާއެއް،" ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ، އިންސާނިއްޔަތަށް ހިދުމަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން އިތުރު ޕާޓްނާޝިޕްތައް އުފައްދަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އުރީދޫ، ދިރާގު އެމްޓީސީސީ ފަދަ ކުންފުނިތައް ހިމެނޭ ކަމަށެވެ.

އަދި ރާއްޖޭގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ރެޑް ކްރެސެންޓަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނާޝިދު ވިދާޅުވި އެވެ.

ރެޑް ކްރެސެންޓުގެ ދަރުމަވެރިންގެ ގޮތުގައި ރާއްޖޭގައި 4000 މީހުން ހަރަކާތްތެރިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

comment ކޮމެންޓް