އީރާނުން ރާއްޖެ އަށް ސާފުކުރި ތެޔޮ ފޯރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ސާފު ތެޔޮ ފޯރުކޮށްދިނުމުގެ ދާއިރާ އިން އީރާން ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކުގެ މައްޗަށް، ރައީސް އަބްދުﷲ ޔާމީން އަދި އީރާން ސަރުކާރުން ރާއްޖެ އަށް ކަނޑައެޅާފައިވާ އާ ސަފީރު މަޝްވަރާކުރައްވައިފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ އީރާނުގެ އާ ސަފީރު، މުހައްމަދު ޒައޭރީ އަމިރާނީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޔާމީން އަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތައް ފަހު އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ހާއްސަކޮށް، ސާފު ތެޔޮ ހޯދުމުގައި ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާ ކޮށްފައިވާ އިރު، އާ ސަފީރު ވަނީ އޭނާގެ ސަފީރުކަމުގައި ރާއްޖެއާ އީރާނުގެ ކުރިއެރުމަށް ބޭނުންވާ ހުރިހާ ކަމެއްގައި އެހީތެރިކަން ބޭނުންވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

comment ކޮމެންޓް