ރާއްޖެ އަށް ލިބޭ އެހީގެ ފައިސާ ދެފުށް ފެންނަ ގޮތަށް ހަރަދު ކުރުމަށް ޓްރާންސްޕޭރެންސީން ގޮވާލައިފި

ޕެރިސް އެގްރިމެންޓުގައި ރާއްޖެ އިން ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެ އިން ދުނިޔޭގެ ގިނަ ގައުމުތަކާ އެކު ސޮއިކުރި ޕެރިސް އެގްރިމެންޓާ ގުޅިގެން ރާއްޖެ އަށް ލިބޭ ފައިސާ ހާމަކަން ބޮޑުގޮތެއްގައި ހަރަދުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރަށް ގޮވާލައިފި އެވެ.

ޕެރިސް އެގްރިމެންޓް އެންމެ ފުރަތަމަ ތަސްދީގު ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެ އެގްރީމެންޓުގައި ރާއްޖެ އިން ސޮއިކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕެރިސް އެގްރިމެންޓާ ގުޅިގެން ލިބޭ ފައިސާ ހާމަކަން ބޮޑު ގޮތެއްގައި ހަރަދު ނުކުރާ ނަމަ އެގްރިމެންޓުގައި ސޮއިކުރިޔަސް މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށެވެ.

މާލެއަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން 20 މިލިއަން ޑޮލަރާއި ސުނާމީ ކާރިސާ އާ ގުޅިގެން ލިބުނު 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޓްރާންސްޕޭރަންސީ އިން ބުނެ އެވެ. އަދި އެ ފައިސާ ހަރަދުކުރި ގޮތް ނޭނގޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން ތުހުމަތު ކުރެ އެވެ.

"ގައުމުގެ ހާލަތު މިހެން އޮތުމުގެ ސަބަބުން މި އަހަރުގެ އާތުޑޭ އާއި ދިމާކޮށް ސޮއިކުރެވުނު އެގްރިމެންޓުން ވެސް މޫސުމަށް އަންނަ ބަދަލުން އެންމެ ބޮޑަށް އަސަރުކުރުވާފައިވާ އަދި އަސަރުކުރާނެ އާންމު ރައްޔިތުންނަށް އެދެވޭ ބަދަލެއް ލިބިދާނެ ކަމާއިމެދު ސުވާލު އުފެދޭ،" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހާމަކަންބޮޑު ގޮތެއްގައި ޕެރިސް އެގްރީމެންޓާ ގުޅިގެން ލިބޭ ފައިސާ ހަރަދުުރުމަށް ހަތަރު ކަމަކަށް އިސްކަން ދިނުމަށް ޓްރާންސްޕޭރެންސީ އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އޭގެތެރޭގައި އަމިއްލަ އަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުން ހިމެނެ އެވެ.

  • އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުން
  • ނިންމުންތައް ނިންމުމުގައި ހާމަކަންބޮޑު ސިޔާސަތެއް ގެންގުޅުން
  • ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުން
  • ފާރަވެރިވާ އަދި ޖަވާބުދާރީކުރުވަން މަސައްކަތްކުރާ މުއައްސަސާތަކުގެ ޒިންމާ އަދާކުރަން ތަންދިނުމާއި އެ ޒިންމާތައް ރަނގަޅުގޮތުގައި އުފުލުން

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އެންމެ ބޮޑު ބޭރުގެ އެހީލިބޭ އެއް ގައުމަކީ ރާއްޖެކަން ފާހަގަކޮށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައި ވަނީ ހަމައެކަނި ސާފުބޯފެން ފޯރުކޮށްދިނުމަށް ޓަކައި ގްރީން ކްލައިމެޓް ފަންޑުން ވެސް 23 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި ކޮޕް 21 ސަމިޓާ ގުޅިގެން އިޓަލީ އިން 3.4 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށާއި އެ ފައިސާ ހަރަދުކުރުމުގައި ހާމަކަން ބޮޑު ސިޔާސަތެއް ގެންގުޅެން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީ އިން ވަނީ ބުނެފަ އެވެ.

ޕެރިސް އެގްރިމެންޓްގެ މައިގަނޑު މަގްޞަދަކީ، ޖައްވަށް ބޭރުކުރާ ވިހަގޭސް ނުވަތަ ގްރީންހައުސް ގޭސް (ޖީއެޗްޖީ)ގެ މިންވަރު މަދުކޮށް ދުނިޔޭގެ މޫސުމަށް ނުރައްކާތެރި ބަދަލެއް ނާންނަ މިންވަރަކަށް ބެހެއްޓުމެވެ. މިގޮތުން އިންސާނުންނާއި ދިރޭތަކެއްޗާއި ކާބޯތަކެތި އުފެއްދުމާއި އަދި ދެމެހެއްޓެނިވި ތަރައްގީ އަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތި ނުވާނެ ގޮތްތައް ހޯދުން ހިމެނެ އެވެ.

comment ކޮމެންޓް