ވަޅިން ބިރު ދެއްކުމަށް ފަހު ފަސް ލައްކަ ވަރަކަށް ރުފިޔާ ފޭރިގަނެފި

ހައި އިންވެސްޓުމަންޓުގެ މުވައްޒަފު މީހާއާ (މ) ފުލުހަކު ވާހަކަ ދައްކަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައި އިންވެސްޓުމަންޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ ފައިސާތަކެއް ބޭންކަށް ޖަމާކުރަން ދަނިކޮށް ދެ ސައިކަލެއްގައި އައި ގްރޫޕަކުން އެ ފައިސާތައް ފޭރިގަނެފި އެވެ.

ހައި އިންވެސްޓުމަންޓުގެ ފަރާތުން "ސަން" އާ ވާހަކަ ދެއްކި ހަސަން ބުނީ އެ ފައިސާތައް ފޭރިގަނެގެން ދިޔައީ އެ ކުންފުނީގެ މުވައްޒަފަކު ބެކްޕެކަކަށް ފައިސާތައް އަޅައިގެން ބީއެމްއެލް މަޖީދީމަގު ބުރާންޗަށް ޖަމާކުރުމަށް ދިޔަ މަގުމަތީގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބޭ ސޭލްތައް ކޮންމެ ދުވަހަކު ބޭންކަށް ޖަމާކުރަން އެސޮރު [ފައިސާ ޖަމާކުރުމަށް ދިޔަ އެކުންފުނީގެ މުވައްޒަފު] ދާނެ. ބޮޑަށް ލަފާކުރެވެނީ ކުރީންސުރެ ފޮލޯ ކުރަމުން ދިޔަކަން،" ހަސަން ބުންޏެވެ.

ފައިސާތައް ބެކްޕެކަށް އަޅައިގެން ޖަމާކުރަން ދިޔަ ހައި އިންވެސްޓުމަންޓުގެ މުވައްޒަފު "ސަން" އާ ވާހަކަ ދައްކަމުން ބުނީ އޭނާ އޮފީހުން ނުކުމެގެން ދިޔައީ އާދައިގެ މަތީން ބޭންކަށް ފައިސާ ޖަމާކުރަން ކަމަށެވެ. އަދި އެ ބެކް ޕެކުގައި ހަތަރުލައްކަ ރުފިޔާ އާއި 5000 ޑޮލަރު ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"ވަކި ހިސާބަކުން އަޅުގަނޑަށް އަޑުއިވުނީ އަޅުގަނޑުގެ ފަހަތުން ސައިކަލެއް ރޭސްކޮށްލި އަޑު. ދެން ރޭސްކޮށްލީމަ ފަހަތް އަޅުގަނޑު ބަލާލިން. ބަލާލާފައި ދެން ކުރިއަށް ބަލާލި އިރު ސައިކަލެއްގައި ތިބި ދެ މީހަކު ތިބީ އަޅުގަނޑު ސައިކަލު ކުރިމައްޗަށް އަރާފައި. ދެން އެ މީހުން އައިސް ވަޅިން އަޅުގަނޑުގެ ކަނދުރާގައި ޖެއްސީ. ޖައްސާފައި ދަބަސް ފޭރިިގަނެގެން ދިޔައީ،" މިއަދު ހެނދުނު ހިނގި ހާދިސާއާ ގުޅޭ ގޮތުން އޭނާ ބުންޏެވެ.

އޭނާ ބުނީ އެ މީހުން ފައިސާތައް ހިފައިގެން ދާން އުޅެނިކޮށް އެތަނުން އެއް ސައިކަލެއްގައި އިން މީހެއްގެ ގައިގައި އަތް ޖެހުނު ކަމަށާއި ނަމަވެސް އެވަގުތު ވެސް ވަޅި ދިއްކުރުމުން ފަހަތަށް ޖެހުނީ ކަމަށެވެ.

comment ކޮމެންޓް