މޯލްޑިވިއަން އައިޑަލް: ގަދަ ތިނަކަށް ދަތުރު ކުރާނީ ކޮން ބައިވެރިންނެއް؟

މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގައި ބައިވެރިން ގެސްޓު ޖަޖު ހައިޝަމް އާ އެކީ --- ފޮޓޯ: ޕީއެސްއެމް

ޕަބްލިކް ސާވިސް މީޑިއާ އިން ގެނެސްދޭ މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްއިން ވެސް ވަރަށް ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން، ރާއްޖޭގެ ރީތިކަން ސިފަކޮށްދޭ ލަވަތަކާއި "ރެގޭ ސްޓައިލް"ގެ ލަވަތައް ފަސް ބައިވެރިން ވަނީ ހުށަހަޅައިދީފަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ޖަޖުން ހައިޝަމް އާއެކު --- ފޮޓޯ: ޕީއެސްއެމް

ކޮންމެ ބައިވެރިއަކު ވެސް ދެ ލަވަ ހުށަހަޅައިދިން އެ ޝޯވްގައި ގެސްޓު ޖަޖެއްގެ ގޮތުގައި ބައިވެރިވީ ރާއްޖޭގެ މިއުޒިކު އިންޑަސްޓްރީގައި ވިއްސަކަށް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، ރެގޭ ސްޓައިލްގެ ލަވަތައް ކިއުމަށް މަޝްހޫރު ހައިޝަމް މުހަންމަދު ރާޝިދެވެ.

މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގައި ޝަލަބީ ލަވަ ހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް

ރޭގެ ޝޯވްގައި ބައިވެރިން ހުށަހަޅައިދިން ލަވަތަލަކަށް ބަލާ އިރު، ޝަލަބީ އިބްރާހިމް ހުށައަޅައިދީފައި ވަނީ، "ހޭވައްލާ" އާއި "މަހަލްދީބް" އެ ދެ ލަވަ އެވެ. އަބްދުﷲ ފާލިހު، "ތަންތަން މި ބަލަން" އަދި "ކުދި ޖަޒީރާ ތަކޭ" ހުށަހަޅައި ދިން އިރު، ލައިޝާ ޖުނައިދު ހުށަހަޅައިދީފައި ވަނީ "އެކުވެރި ވަފާތެރި" އަދި "ދިވެހި ބިން" މި ދެ ލަވަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގައި ޒަލީފް ލަވަ ހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް

މުހައްމަދު ޒަލީފު އަބްދުﷲ، "ކާލާ މަންނަ" އާއި "އޯ ވަޒަން" ހުށަހަޅައިދިން އިރު މުހައްމަދު އިޝާން ހުށަހަޅައިދީފައި ވަނީ "ސަޅިގެންދާނީ" އާއި "މީ ރާއްޖެ އޭ" އެ ދެ ލަވަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގައި ފާލިހު ލަވަ ހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް

ޖުމްލަކޮށް ހުރިހާ ބައިވެރިންގެ ހުށަހެޅުންތަކަށް ޖަޖުންގެ "ޕޮޒިޓިވް" ކޮމެންޓުތައް ލިބުނު ނަމަވެސް ކޮންމެ ބައިވެރިއަކު ވެސް ރަނގަޅު ކޮށްލަން ޖެހޭ ކަންތައްތައް ޖަޖުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެގޮތުން ރަނގަޅު ކުރަން ޖެހޭ ކަންކަން އެންމެ ބޮޑަށް ފާހަގަ ކުރި ދެ ލަވަ ކިއުންތެރިންނަކީ ފާލިހު އާއި ޒަލީފެވެ. ޖަޖުން ބުނީ ޒަލީފުގެ ފުރަތަމަ ލަވަ "ކާލާ މަންނަ" ކިޔިލެއް ރީތި ކަމަށާއި ނަމަވެސް އެ ލަވަ ކިޔަން މަސައްކަތްކޮށްފައި ވަނީ އެ ލަވައިގެ އަސްލު އަޑުގެ ވެރިޔާގެ އަޑާ އެއްގޮތަށް ކަމަށެވެ. ޖަޖުން ފާހަގަ ކުރީ އެއީ ނެގެޓިވް ކޮމެންޓެއްގެ ގޮތުގަ އެވެ. އަދި ފާލިހާ މެދު ޖަޖުން ކުރި ކޮމެންޓްތަކުގެ ތެރޭގައި "ޑައިނަމިކާއި މައިކް ބެލެންސް" ކުރުމާ ދޭތެރޭ ސަމާލުވާން ޖެހޭ ކަމަށް ބުންޏެވެ.

މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގައި އިޝާން ލަވަ ހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް

ކޮންމެއަކަސް، ރޭ ފެނިގެން ދިޔައީ މޯލްޑިވިއަން އައިޑަލްގެ ގަދަ ފަހެއްގެ ލަވަތަކެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ޝޯވްގައި ޖަޖުން "ނޯ އެލިމިނޭޝަން ޕަވާ" ބޭނުން ކުރި ނަމަވެސް، މިރޭގެ ޝޯވްގައި ކޮންމެވެސް ދެ ބައިވެރިއަކު ޝޯވް އާ ވަކިވެގެންދާނެ އެވެ. އަދި ގަދަ ތިނަކަށް ދާ ތިން ބައިވެރިން ފައިނަލް ވެގެން ދާނެ އެވެ.

ރޭގެ ޝޯއަކީ ހިތްގައިމު މޮޅެތި ހުށަހެޅުންތަކެއް ހުށަހަޅައިދިން ޝޯއެކެވެ. އެހެންކަމުން، މިރޭގެ ޝޯވް އިން ވަކިވާނެ ދެ ބައިވެރިންނަކީ ކޮބައި ކަމެއް ކަނޑައެޅިގެން ނޭނގެ އެވެ. އަދި ގަދަ ތިނަކަށް ދަތުރު ކުރާނެ ތިން ނަސީބުވެރިންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ. ފަނޑިޔާރުންގެ އެންމެ ގިނަ ނެގެޓިވް ކޮމެންޓް ލިބުނު ދެ ލަވަކިއުންތެރިންނަކީ ފާލިހާއި ޒަލީފު ކަމަށްވި ނަމަވެސް އެ ޝޯއަކީ ފަނޑިޔާރުންގެ 50 ޕަސެންޓް މާކްސްގެ އިތުރަށް ބެލުންތެރިންގެ 50 ޕަސެންޓް ވޯޓާ އެކު ނެރޭ ޝޯއަކަށް ވާތީ، ނަތީޖާ ނުކުންނާނީ ކޮން ގޮތަކަށް ކަމެއް ބުނާކަށް ނޭނގެ އެވެ. އެކަމަކު ޔަގީނުން ވެސް މިރޭގެ ޝޯވްއަކީ ނޭވާ ހިފަހައްޓާލަން ޖެހޭނެ ވަރުގެ ޝޯވްއަކަށްވާނެ އެވެ.

comment ކޮމެންޓް