ސްޕައިޑަމޭންގެ އާ ފިލްމުން އަޔަން-މޭން!

އަންނަ އަހަރުގެ މެދުތެރޭގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ސްޕައިޑަ-މޭން ރީބޫޓުގައި އަޔަން-މޭން ފެންނާނެކަން ޔަގީންވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ސިނަމާކޮންގެ ޕްރެސެންޓޭޝަނެއްގައި، ސޮނީ އިން ވަނީ ސްޕައިޑަ-މޭންގެ އާ ފިލްމާއެކު އެ ފިލްމުގައި އަޔަން-މޭން އާއި ސްޕައިޑަ-މޭން ބައްދަލުކުރާ މަންޒަރެއް ދައްކާލާފަ އެވެ.

ދަ ހޮލީވުޑް ރިޕޯޓަރުން ބުނީ، ސްޕައިޑަ-މޭންގެ ކުރިއަށް އޮތް ފިލްމު، "ސްޕައިޑަ-މޭން: ހޯމް ކަމިން"ގައި އަޔަން-މޭން ގެ ރޯލު ކުޅޭ ރޮބާޓް ޑައުނޭ ޖޫނިއާ ފެނިގެންދާނެ ކަން މިހާރު ޔަގީން ވެފައިވާ ކަމަށާއި އެކަމުގެ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.

ސޮނީ އާއި މާވެލް ސްޓޫޑިއޯ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާވެލް ސްޓޫޑިއޯ ފިލްމު ތަކުގައި ސޮނީއަށް ނިސްބަތްވާ ސްޕައިޑަ-މޭން ފެނިގެންދާނެ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މާވެލް ސްޓޫޑިއޯ ކެރެކްޓާތައް ސޮނީ އިން އުފައްދާ ސްޕައިޑަ-މޭން ފިލްމުތަކުގައި ފެނިގެންދާނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ސްޕައިޑަ-މޭން ފެނިގެންދާނީ މާވެލް އިން އަންނަ މޭމަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު، "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އިންނެވެ.

ސްޕައިޑަ-މޭންގެ އާ ފިލްމުގައި ސްޕައިޑަ-މޭންގެ ރޯލުން ފެނިގެންދާނީ އިނގިރޭސި އެކްޓަރު ޓޮމް ހޮލޭންޑެވެ. އަދި އެ ފިލްމު ޑައިރެކްޓްކުރާނީ ޖޮން ވޮޓް އެވެ.

އަންނަ އަހަރުގެ ޖުލައި މަހު 17 ވަނަ ދުވަހު ރިލީޒްކުރަން ޝެޑިއުލްކޮށްފައިވާ ފިލްމު ވެގެންދާނީ ސްޕައިޑަ-މޭން ފްރެންޗައިޒްގެ ހަ ވަނަ ފިލްމަށެވެ. އަދި ސްޕައިޑަ-މޭންގެ ފިލްމުތަކަށް މިހާތަނަށް މުޅި ދުނިޔެއިން ވަނީ ހަތަރު މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ.

comment ކޮމެންޓް