"ބަން"، "ބަން" ގެ އަޑުތަކުން، މިއަދުވެސް އެ އައު ކޮށްދެނީ މުހިންމު ހަނދާން ތަކެކެވެ.!

އޭޕްރިލް 16، 2015: ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން --- ސަންފައިލްފޮޓޯ

ދިވެހިންގެ މާޒީގެ ހަނދާންތަކަކީ، ދިވެހިންގެ ހިތްތަކުގައި ވިންދު ޖަހަމުން އަންނަ ހިތްގައިމު މިއުޒިކެކެވެ. މިފަދަ އެއް މިއުޒިކަކީ، އެކަންކަމަށް ފުންކޮށް ވިސްނާ ފިކުރު ކުރުމަށްފަހު، ދެނެގަތް އަޑުތައް، ދިވެހިން ބޭނުންވާ ގޮތަށް ބަދަލުކޮށް، ލަފުޒު ތަކަކަށާއި ބަސްތަކަކަށް ހެދި އަޑުތަކެކެވެ.

މާޒީގެ މިދެންނެވި އަޑުތަކަށް ބަލައިލުމުގެ ކުރިން، އެންމެ ފުރަތަމަ "ބަން" ގެ އަޑަށް ވިސްނާލަމާތޯއެވެ؟. އެއަޑު ދެނެގަތް ގޮތާއި، އެއަޑަށް ރިޢާޔަތް ކޮށްގެން އުފެއްދި ލަފްޒަށެވެ.

ދިވެހި ތާރީޚުން އެނގޭގޮތުގައި 1766މ. ގެ ކުރިން، ދިވެހިން ކައި އުޅުނު ތަރުކާރީ އާއި މޭވާގެ ލިސްޓުގައި "ބަނބުކެޔޮ" ހިމެނިފައެއް ނެތެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ބަނބުކެޔޮ ގަސް ތަޢާރަފް ކުރެއްވީ، އައްސުލްތާން ޣިޔާސުއްދިންގެ ރަސްކަމުގައެވެ. އޭރުގެ ފޯކްލޯރެއްގައި ބުނާގޮތުންނަމަ، ފުރަތަމަ ގެނައި ބަނބުކެޔޮ ގަސްތައް އިންދީ މާލޭގެ އިތުރުން ފުވައް މުލަކުގައެވެ. އޭރު މި ގަހުގަ އަޅާ އެއްޗަކަށް ކިޔާ ނަމެއް ނޭނގެއެވެ. ކޮންމެއަކަސް އެގަސް ހެދިއްޖެއެވެ.

އެންމެ ފުރަތަމަވެސް ދައްކާލީ ތޮޅިއެކެވެ. އެއީ އެގަހުގެ މޭވާކަމަށް ޤަބޫލުކުރެވި އެ ތޮޅީގެ ރަހަ ބެލިކަމަށްވެއެވެ. ނަމަވެސް އެއީ އެހައި ކަމުދިޔަ އެއްޗަކަށް ނުވިއެވެ. ދެން ދައްކާލީ ވައްކޮށް ފެންނަމުންދިޔަ އޭގެ އެހެން ބާވަތެކެވެ. ތޮޅިން ލިބުނު ރަހައިން ފަހުން ދައްކާލި ބާވަތަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.

އިސާހިތަކު އޭގެ ބައިވަރު ގަހުން ދައްކާލިއެވެ. އަދި އޭގެ ތަނޑުން ލުހިގެން ގަސްދޮށަށް ވެރެންފެށިއެވެ. އެއިން ކޮންމެ ފަހަރަކު އިވެނީ "ބަން ބަން"ގެ އަޑެކެވެ. އެންމެ ފަހުން އެގަހުގެ ޙަގީގީ މޭވާއަކީ އެއީކަން ވިސްނުނީ، ގަސްދޮށުން އެއެއްޗެއް ހޮވައިގެން ކައްކައިގެން ކަމުން ގެންދިޔަ އަންހެނެއްގެ ފަރާތުންނެވެ. މި ޚަބަރަށްފަހު އޭގެ ރަހަބެލި ކޮންމެ މީހަކަށްމެ އެ މީރު ވެއްޖެއެވެ. " ބަން ބަން" ލާފައި ވެއްޓެމުންދިޔަ މޭވާއަށް "ބަނބުކެޔޮ" ގެ ނަމުން ނަން ކިޔަންފެށިއެވެ. ބަނބުކޭލުގެ ނަމާއި އޭގެ އަޑާއި ގުޅި ލާމެހިގެން ދިޔައީއެވެ.

ކޮންމެއަކަސް 1766 ން 1773މ. ށް، ރާއްޖޭގައި ރަސްކަންކުރެއްވި ޣިޔާސުއްދީން ރަދުން، ރާއްޖެއަށް ތަޢާރަފު ކުރެއްވި ބަނބުކޭލަކީ، މިއަދުވެސް ދިވެހިންގެ މަޤްބޫލު ކެއުމެވެ. ދުނިޔޭގެ ތާރީޚު ބުނާގޮތުންނަމަ، މީގެ 3500 އަހަރުގެ ކުރިން، ބަނބުކެޔޮގަސް ފުރަތަމަ ފެނުނީ ނިއުގިނީގެ ހުޅަނގު ދެކުނު ޖަންގައްޔަކުންނެވެ. އެހެން ނަމަވެސް ރާއްޖެއަށް ބަނބުކެޔޮ ތަޢާރަފްވެފައި މިވަނީ އޭގެ މާފަހުންނެވެ. ސްރީލަންކާގެ ފޯކްލޯރެއްގައި ބުނާގޮތުންނަމަ، ލަންކާއަށް ވެސް ބަންބުކޭލަކީ ވަރަށްފަހުން ތަޢާރަފުވި އެއްޗެކެވެ. އޭގެ ތާރީޚެއް ކަމަށް ބެލެވެނީ ޑަޗް މީހުން ލަންކާއަށް އަރާތިބި ދުވަސްވަރެވެ. އެމީހުން ލަންކާއަށް ބަނބުކެޔޮ ގެނައީ ޖާވާއިންކަމަށް މިދެންނެވި ފޯކްލޯރުގައި ބުނެއެވެ.

"ބަން ބަން" ގެ އަޑު، ބަދަލުވެ ދިޔަގޮތާއި އެއަޑުން އަޅުގަނޑުމެން އުފަންކުރި ލަފުޒު އިހަށް ބާއްވަމާ ހިނގާށެވެ. ދެން ހުރި މިފަދަ ބައެއް އަޑުތައް އަހައިލުމަށެވެ.

ޕޯޗުގީޒުން ރާއްޖޭގައި ތިބި ޒަމާން ތަކުގައި އަޅުގަނޑުމެން އަހައި އުޅުނު އެއް އަޑަކީ "އަރުމާދޯ" އެވެ. މިއަދު ފެންނަން އޮތީ، މިއަޑުން އަޅުގަނޑުމެން އުފަންކުރުވި "އަރުމާޒު" ނޫންބާވައެވެ.؟ ހަމަ މިދެންނެވި ދުވަސްވަރު، " އަލްމައިރާ"ގެ އަޑު އިވިފައި ވާނަމަ، ސުވާލަކީ މިއަދު އަޅުގަނޑުމެންގެ ބަހުން މިފެންނަ "އަލަމާރި" މި ލަފުޒުގެ އަސްލުގޮސް ގުޅޭނީ ކޮންބަހެއްގެ އަސްލަކަށް ބާއެވެ.؟ ހަމަ އެހެންމެ "މީޒާ" މިއީވެސް ޕޯޗުގީޒު ބަހެކެވެ. އަޅުގަނޑުމެން "މޭޒު" ކިޔަނީ އެމީހުން "މީޒާ" ކިޔާ އެއްޗަށެވެ. މިފަދަ އެތަކެއް ބަސްތަކެކެވެ. "މަރުތެލޯ" ގެ އަޑު "މަރުތެޔޮ" އަށް ބަދަލުކޮށް، ލަޒްޒަކަށް ވެފައި ނުވޭތޯއެވެ.؟

މާޒީގެ ހަނދާންތައް އައުކުރި ވަރަކަށް ހިތަށް ކުރާނީ އެކި ކަހަލަ އަސަރުތަކެވެ. މިސާލަކަށް ބަނބު ކެޔޮ ތަޢާރަފް ކުރެއްވީ ޣިޔާސުއްދީން ކަމަށް ދަންނަވާހިނދު، އެރަދުންނަށް ޖެހިވަޑައިގަތް ޙާލުކޮޅުގެ މަތިންވެސް ހަނދާން އައުކޮށްދޭނެއެވެ. ޝަހީދުކުޅަ ބަންޑާރައިންގެ ގޮތުގައި އެރަދުންގެ ނަންފުޅު ތާރީޚުގައި ލިޔެވިގެން ދިޔައީ، އައްސުލްތާން މުޙަންމަދު މުޢިއްޒުންދީން (ކަޅު ބަންޑާރައިން) ޣިޔާސުއްދީން ކަނޑުފައްތާ ޝަހީދު ކޮށްލުމުންކަމެވެ.

ހަމައެކަނި ޝަހީދު ކޮށްލީކީ ނޫންކަމެވެ. ރަސްކަމުގެ ހަތްވަނަ އަހަރު ޙައްޖަށް ވަޑައިގަތުމާއެކު ރަސްކަންވެސް ފޭރިގަތް ކަމެވެ. އެކަން ކުރެއްވީ ދޮންބަންޑާރައިންގެ ބޭބޭފުޅު ޙަސަން ދޮށިމޭނާ ކިލެގެފާނުންގެ ދަރިކަލުން މުޙަންމަދު މަނިކުފާނު ކަމެވެ. އެއީ ދިވެހި ތާރީޚުން އެފެންނަ އައްސުލްތާން މުޙަންމަދު ޝަމްސުއްދީން އިސްކަންދަރު (2). މިރަދުންނެވެ. ދޮންބަންޑާރައިންގެ ދަރިކަލުން ކަޅުބަންޑާރައިންނަށް ފަހުން އޭނާގެ ރަސްކަން ދެއްވީއެވެ. އޭރު އޮތީ ޣިޔާސުއްދީންގެ ޢާއިލާ، ރާއްޖެތެރެއަށް އަރުވާލައި، ޣިޔާސުއްދީންގެ ވަގުފު މުދަލަށް ދަންދެއް ހިއްޕަވައިފައެވެ.

ދިވެހި ތާރީޚުގެ ތެރެއަށް ފީނަމުން ދިޔަވަރަކަށް "ބަން ބަން" ލާފައި އިވޭނީ، މިދެންނެވި ފަދަ ތަފާތު އަޑުތަކެވެ. ވެއްޓޭއަޑު އިވެމުންދާނީ ހަމައެކަނި ބަނބުކެޔޮ އޭގެ ތަނޑިން ދޫވެގެންނެއް ނޫނެވެ. ރަސްރަސްކަލުންގެ ޒަޢާމަތުވެސް ތަނޑިން ދޮންވެގެން ވެއްޓޭ އަޑު ތާރީޚުގައި މަޑެއް ނޫނެވެ.

ކޮންމެއަކަސް އިވެމުންދިޔަ އަޑުތައް، ދުލަށް ފަސޭހަގޮތަށް ބަދަލުކޮށްގެން އަޅުގަނޑުމެން ވަނީ އެތަކެއް ލަފްޒު ތަކަކާއި ނަންތަކެއް އުފައްދައި، ދިވެހި ބަސް މުއްސަނދި ކޮށްފައެވެ. މިސާލަކަށް "އުތައިމް" އުތީމަށް ބަދަލުކޮށް، "މާޕިއްލަ" މާފިލާފުއްޓަށް ބަދަލު ކުރުން ފަދަ، އެތައް ނަންތަކެކެވެ. "ވަރަންޑާ" ފެންޑާއަށް ބަދަލުކޮށް، "ކަރުތާޒް" ކަރުދާސް އަށް ބަދަލުކުރި އުސޫލުން ޢަރަބި ލަޒްފުތައްވެސް ހަމަ އެގޮތަށް ބަދަލުކުރި ކުޅަދާނަ ބަޔަކަށް، ކާބަފައިން ވިއެވެ.

ކާބަފައިން ދުއްވަންފެށި "ބައްތެލި" ، "ބަތީލް" ގެ އަސްލުން ދިވެހި ކުރުވި ފަދައިންނެވެ. މިދެންނެވި ކަންކަމުންނާއި މާޒީގެ ހަނދާން ތަކުންނާއި ޚާއްސަކޮށް ގަސްދޮށަށް "ބަން ބަން" ލާފައި ބަނބުކެޔޮ ވެރޭއަޑު އިވުމުން، މިއަދުވެސް އައުކޮށްދެނީ މުހިންމު ހަނދާންތަކެއް ކަމާއި މެދަކު ޝައްކެއް ނެތެވެ. ކެވުނު އެއްޗަކީ ބަނބުކޭލުގެ ތޮޅި ކަމަށް ވިޔަސް، ކާންވީ އެއްޗަކީ "ބަނބުކެޔޮ" ކަމެވެ. އަޅުގަނޑުމެން ދިވެހިންނަކީވެސް ދުނިޔޭގެ އެހެން ޙަޟާރަތްތަކުގެ މީހުން ފަދައިން ތަޙުލީލުކޮށް، ކަންކަން ދެނެގަނެ، ތަޖުރިބާގެ އަލީގައި ދިރިއުޅުމާއި ބަހާއި ސަޤާފަތާއި އާދަކާދަތައް، ދިރުވަމުން އައި ކުޅަދާނަ ބައެއް ކަމެވެ.

comment ކޮމެންޓް