ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު އަންނަ މޭ މަހު

12 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން: ސްވިމިންގައި ރާްއްޖޭގެ އެތުލީޓުން އަންނަނީ ފާހަގަ ކޮށްލެވޭ ފަދަ ކުރިއެރުން ތަކެއް ހޯދަމުން ---- ފޮޓޯ: އިމޭޖަސް/ އެމްވީ

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތިންވަނަ އިންތިޚާބު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

މެއި މަހުގެ 18 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ރައީސް ގެ އިތުރުން ނައިބް ރައީސް އަކާއި ހަޒާންދާރުގެ މަގާމަށް މީހުން އިންތިޚާބު ކުރާނެއެވެ.

އޭގެ އިތުރުން އެ އެސޯސިއޭޝަނުގެ އެކްޒެކެޓިވް ކޮމިޓީ އަށް އާންމު މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ތިން މެންބަރުންނާއި ކްލަބުތަކުން އިންތިޚާބު ކުރާ މެންބަރަކު އިންތިޚާބުކުރާނެ އެވެ.

ސްވިމިން އެސޯސިއޭޝަނުގެ އެކްޒެކެޓިވް ކޮމިޓީ އަށް އިންތިޚާބުކުރާ މެންބަރުންގެ ތެރެއިން އެސޯސިއޭޝަނުގެ މެންބަރުން ފިޔަވައި އެހެން ފަރާތްތަކަށް ކުރިމަތިލެވޭނީ ރައީސް އަދި ނައިބު ރައީސްގެ އިތުރުން ޚަޒާންދާރުގެ މަގާމަށް އެކަންޏެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލެވޭނީ އެ އެސޯސިއޭޝަނުގެ ދާއިމީ މެންބަރެއް މެދުވެރިކޮށް އެ މެންބަރަކު ހުށަހަޅާ ފަރާތެއްގެ ގޮތުގައެވެ.

ސްވިމިން އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު ބުނާ ގޮތުން އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާނީ އެސޯސިއޭޝަނުގެ މެންބަރުންގެ ތެރެއިން ފާއިތުވި އަހަރާއި ހިނގަމުންދާ އަހަރު އެސޯސިއޭޝަނުގެ ހަރަކާތެއް ނުވަތަ ހަރަކާތްތަކެއްގައި އަމަލީ ގޮތުން ބައިވެރިވެ އަހަރީ ފީ ދައްކާފައިވާ މެންބަރުންނަށެވެ.

އިންތިޚާބު އިއުލާންކުރުމަށް ފަހު މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވާ މެންބަރަކަށް އެ އިންތިޚާބުގައި ވޯޓްލުމުގެ ފުރުސަތެއް ނުލިބެނޭ އެވެ.

ސްވިމިން އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަނުގެ ތިންވަނަ އިންތިޚާބުގައި ވާދަކުރަން އެދޭ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް