މަލިކުގައި ނޫސްވެރިކަމެއް ނުކުރޭ!

މަލިކުގެ އަތިރިމަތީގައި މީހަކު މަސް ބާނަނީ -- ފޮޓޯ/އިބްރާހިމް މަނިކުފާނު

ނޫސްވެރިކަމާއި މީޑިއާއަކީ ރާއްޖޭގައި ކުރި އަރާފައިވާ ދާއިރާއެކެވެ. މި ދާއިރާގައި ރާއްޖެ ވަނީ އެކި ކަހަލަ ދައުރުތަކާއި ހާލަތްތައް ދެކެފަ އެވެ.

ރާއްޖޭގައި 1950 ވަނަ އަހަރު ސަރުކާރުގެ ޚަބަރުގެ ނަމުގައި ނޫހެއް ނެރެން ފެށުނެވެ. އެއަށް ފަހު ނެރޭ ނޫސްތައް ގިނަވެ، ތަފާތު ނަން ނަމުގައި ނެރެމުން ދިޔަ އެވެ.

ދެހާސް އަށް ވަނަ އަހަރު ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުވެ، ނޫސްވެރިކަން ޓެކްނޮލޮޖީ އާއި އިންޓަނެޓުގެ ތެރެއަށް ވެސް ވަނެވެ. މިހާރު ރާއްޖޭގައި ޕްރިންޓް ނޫސްތައް ނެތި ދިއުމުގެ މަގުމަތީގައި އޮތް އިރު، އޮންލައިން ނޫސްތައް ބައިވަރެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ބަލާ އިރު، ބޮޑެތި ރަށްރަށާއި ކުދިކުދި ރަށްރަށުގައި ވެސް އައިލެންޑް ބޭސްޑް އޮންލައިން ނިއުސް ވެބްސައިޓުތައް ހިންގަމުން އާދެ އެވެ.

ރާއްޖޭގެ ވާހަކައަކީ އެއީ އެވެ.

މަލިކު އޮންނަ އަތޮޅާއި އެ އަތޮޅުގެ ވިލު --

ނަމަވެސް، އަވަށްޓެރި އިންޑިއާގެ ދަށުގައިވާ "ދިވެހި ރައްޔިތުންގެ ޖަޒީރާ"ގައި ނޫސްވެރިކަމާއި މީޑިއާގެ ހާލަތު އެނގޭތޯ އެވެ؟

ހއ. ތުރާކުރުނުގެ 125 ކިލޯ މީޓަރު އުތުރުގައި އޮންނަނީ ލަކްޝަދީބުގެ މަލިކެވެ. އެތަނުގައި ދިރިއުޅެނީ އިންޑިއާ ރައްޔިތުން ވިޔަސް، އެ ރައްޔިތުންނަކީ ދިވެހީންނެވެ. ރަސްމީ ބަހަކީ ހިންދީއާއި އިނގިރޭސި ކަމަށް ވެފައި، ރަސްމީ ލިޔެކިޔުންތައް ހުންނަނީ އެ ދެ ބަހުން ކަމުގައި ވިޔަސް، ރައްޔިތުން ވާހަކަ ދައްކަނީ ދިވެހި (މަހަލް) ބަހުންނެވެ. މީހުންނާއި ތަންތަނާއި ތަކެއްޗަށް ކިޔަނީ ދިވެހި ނަން ނަމެވެ. ކަނީ ދިވެހި ކެއުމެވެ. ލަނީ ދިވެހި ފޭރާމެވެ. ދީނަކީ އިސްލާމް ދީނެވެ. ހިނގަނީ ދިވެހި ލެ އެވެ.

މަލިކުގެ އަތިރިމަތީގައި އަންހެންވެރިީން -- ފޮޓޯ/އިބްރާހިމް މަނިކުފާނު

މަލިކު އިންޑިއާގެ ބާރުގެ ދަށަށް ދިޔައީ 16 ވަނަ ގަރުނުގަ އެވެ. އޭގެ ކުރިން އެއީ ހަމަ ދިވެހި ރާއްޖޭގެ ބައެކެވެ.

މަލިކުގެ ރައްޔިތެއް ކަމުގައިވާ އިބްރާހިމް މަނިކުފާނު ވަނީ، މަލިކާ ބެހޭ ގިނަ މައުލޫމާތުތަކެއް "ސަން" އާ ހިއްސާ ކުރައްވައިފަ އެވެ. އިބްރާހިމް މަނިކުފާނަކީ މަލިކުގެ ސިންޑިކޭޓް ބޭންކުގެ މެނޭޖަރުގެ އިތުރުން، ދިވެހި ބަހުގެ ކުޅަދާނަ ޅެންވެރިއެއް ވެސްމެ އެވެ.

މަލިކުގައި ނޫސްވެރިކަން ކުރޭތޯ "ސަން"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިބްރާހިމް މަނިކުފާނު ވިދާޅުވީ، އެއީ މަލިކުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މީގެ ކުރިން ނޫހެއް ނެރުނު ކަމަށާއި، އެ ނޫސް ނެރުން މިހާރު ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު މީޑިއާއެއް އޮންނަނީ. އެންމެ މުވައްޒަފެއް ލައިގެން، ކުރީގައި ނިއުސް ޖަހާނެ ލަކްޝަދީބު ޓައިމްސް ކިޔާފައި މަހަލް (ދިވެހި) އެޑިޝަނެއް. އެއް އަހަރު ތެރޭގައި އޭތި އުވިފައި ވަނީ،" އިބްރާހިމް މަނިކުފާނު ކިޔައިދެއްވި އެވެ.

މަލިކުގެ ބަނދަރެއް -- ފޮޓޯ/އިބްރާހިމް މަނިކުފާނު

އޭނާ ވިދާޅުވީ، އެ ނޫސް ހުއްޓިފައި ވާތީ، އެކަމުގެ ޝަކުވާ މަލިކު ރައްޔިތުން ލަކްޝަދީބުގެ ސަރުކާރުގެ އޮފިޝަލުންނަށް ކުރި ކަމަށެވެ.

"މިއަހަރު މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަމުން ދިޔަ އިރު ސްޓޭޖު މަތިން ރައްޔިތުން ކުރި ސުވާލަކަށް ސަރުކާރުން ޖަވާބު ދިނީ، އެކަން [ލަކްޝަދީބު ޓައިމްސްގެ ދިވެހި އެޑިޝަން] ފައްޓަން ބޭނުންވެގެން އަނެއްކާ،" އިބްރާހިމް މަނިކުފާނު ވިދާޅުވި އެވެ.

އާބާދީގައި 10،500 ވަރަކަށް ރައްޔިތުން ދިރިއުޅޭ މަލިކުގައި، ދިވެހި ނުވަތަ މަހަލް ބަހުން ހިންގާ ޓީވީ ޗެނަލެއް ވެސް ނޯވެ އެވެ. ނަމަވެސް އެ ރަށުގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭ ފަރާތުން ދޫކުރާ އެއް ޗެނަލުން ދިވެހި ފިލްމާއި ދިވެހި ލަވަ ފޮނުވަ އެވެ. އަދި އެ ޗެނަލުގައި، މަލިކު މީހުން ތަޖުވީދު މަގަށް ޤުރުއާން ކިޔަވާ ޕްރޮގްރާމެއް ވެސް ފޮނުވަ އެވެ.

އިބްރާހިމް މަނިކުފާނު ވިދާޅުވި ގޮތުގައި، މަލިކުގެ ރައްޔިތުން ވަރަށް ގިނައިން ރާއްޖޭގެ ޓީވީ ޗެނަލުތައް ބަލައެވެ. ނަމަވެސް މަލިކަށް ފެންނަނީ ހަމައެކަނި ޕީއެސްއެމްގެ ޓީވީއެމް އާއި ވީޓީވީ އެވެ.

"ކޭބަލް ޓީވީ މީހުން ދިން އެއްޗެއް ދޯ ލިބޭނީ. ރާއްޖެ ޓީވީ، ސަން ޓީވީ އާއި ދިޓީވީ ފަދަ ޗެނަލްތައް ނުލިބޭތީ މި އުޅެނީ،" އިބްރާހިމް މަނިކުފާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ހިނގާ ކަންކަމުގެ މައުލޫމާތު ނުހަނު ބޮޑަށް ބަލާ ހިތް ވާކަމަށާއި ނަމަވެސް، އެނގެނީ ހަމައެކަނި ފެންނަ ދެ ޓީވީ ޗެނަލުން ދައްކާ އެއްޗެއް ކަމަށެވެ.

"ޓީވީ ސްކްރީނުން ފެންނަ ރަނގަޅު ތަންކޮޅު އެކަނި ފެންނަނީ. އެހެން ތަންތަނެއް ނުފެންނާނެ،"

ނަމަވެސް މަލިކުގައި އިންޓަނެޓުގެ ޚިދުމަތް ހޯދާ ރައްޔިތުން ގަވައިދުން ރާއްޖޭގެ އޮންލައިން ނޫސްތައް ކިޔަ އެވެ. އެގޮތުން، ސަން އޮންލައިން ނޫހާއި ހަވީރު ނޫހާއި ވީނިއުސް، ވަގުތު، އަދި ދުވަސް ފަދަ ނޫސްތަކަކީ މަލިކު ރައްޔިތުންގެ މެދުގައި ވެސް މަގުބޫލު ނޫސްތަކެވެ.

comment ކޮމެންޓް