ޑެހެއާ ރެއާލަށް ބަދަލުވާން އުޅޭ ވާހަކަ އެހުމުން ވެންހާލް ރަތަށް!

ޔުނައިޓެޑްގެ ކޯޗް ވެން ހާލް އަދި ކީޕަރު ޑެހެއާ ---

މެންޗެސްޓާ ޔުނައިޓެޑްގެ ގޯލު ކީޕަރު ޑޭވިޑް ޑެހެއާ އެ ޓީމް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލު ވާން އުޅޭ ވާހަކަ އެހުމުން ޔުނައިޓެޑްގެ ކޯޗު ލުއިސް ވެންހާލް ރުޅި ގަދަވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން އެސްޓަންވިލާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެހެއާގެ ޓްރާންސްފާއާ ގުޅޭގޮތުން ނޫސްވެރިއަކު ވެން ހާލްއާ ސުވާލު ކުރުމުން އޭނާ ބުނީ އެ ސުވާލު ކުރުން އެންމެ ރަނގަޅުވާނީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ޔުނައިޓެޑްގެ ވައިސް ޗެއާމަންއާ ކަމަށެވެ.

"އަހަރެންނާ ތި ސުވާލު ކުރުމުން ދޭނެ އެއްވެސް ޖަވާބެއް ނެތް. ތި ސުވާލު ކުރަންވީ ރެއާލް އާއި ޔުނައިޓެޑްގެ އިސް ވެރިންނާ. މީގެ ކުރިން އަބަދުވެސް އަހަރެން ދައްކަމުން އަންނަ ވާހަކަ އަކީ ޑެހެއާ ޔުނައިޓެޑް ދޫކޮށް ދާކަށް ނޫޅެ އޭ،" ވެން ހާލް ބުންޏެވެ.

ނިމިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑުން ޑެހެއާ ރެއާލަށް ވިއްކާލަން އެއްބަސްވެ އެންމެ ފަހު ވަގުތު އެކަން ނާކާމިޔާބް ވެފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އޭރު ޕެރޭޒް ބުނީ ޔުނައިޓެޑަކީ ޓްރާންސްފާގައި އެއްވެސް ތަޖްރިބާއެއް ނެތް ބައެއް ކަމަށެވެ.

ނަމަވެސް އެ ކަން ދޮގުކޮށް ވެން ހާލް ބުނީ އެފަދަ އެއްވެސް ވާހަކަ އެއް އަދި އެއްބަސްވުމެއް ރެއާލްއާ ދެމެދު ވެފައިވާ ކަމުގެ އެއް ވެސް މައުލޫލާތެއް ނުލިބޭ ކަމަށާއި އެއީ އެއްވެސް އޮށްޓަރެއް ހުރި ވާހަކަ ތަކެއް ނޫން ކަމަށެވެ.

މިސީޒަނުގެ ލީގް ގެއްލިފައިވާ ޔުނައިޓެޑުން އޯލްޑް ޓްރެފޯޑްގައި މިރޭ، ތާވަލުގެ ފުލުގައި އޮތް އެސްޓަންވިލާއާ ދެކޮޅަށް ނިކުންނައިރު، ޔުނައިޓެޑް އޮތީ 53 ޕޮއިންޓާއި އެކު ލީގްގެ ފަސް ވަނާގައެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 7:00ގައެވެ.

comment ކޮމެންޓް