ސޮއްސާލީ ސޮއްސާލި ކަމަކަށް ނޫނެވެ.

އޭޕްރީލް 11، 2015: އަދަބީ އުފާ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި ފެށުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. ދިވެހި ބަހުގެ މާނައަކީ " ދިވެހިރާއްޖޭގެ މީހުންގެ އަމިއްލަ ބަސް" ނުވަތަ " ދިވެހިންގެ މާދަރީ ބަސް" ކަން ޔަޤީނެވެ.

ދިވެހި ބަހަކީ ވަރަށް މުއްސަނދި އަބަދިއްޔާތެއް އޮތް ބަހެކެވެ. ހަމައެކަނި އަދަބިއްޔާތެއް ނޫނެވެ. ބަހުގެ ބަސްކޮށާރުގެ މުއްސަނދިކަންވެސް އެހައިމެ ބޮޑެވެ. އެހެން ނަމަވެސް ޙައިރާންކަން އުފެދެނީ މިޒަމާނުގެ ގިނަދިވެހިން, މަށްދިވެހިބަހުން ވާހަކަ ދައްކާއަޑު އިވެމުން ނުދާތީއެވެ. ދިވެހި ބަހާއި މަސްހުނި ކުރުވާ ބޭރު ބަސްބަހުގެ ލަފުޒުތައް އިންތިހާއަށް އިތުރުވަމުން އަންނާތީއެވެ.!

އަޅުގަނޑު މެންގެ މާދަރީ ބަހަކީ، އެ ބަހުގެ މުއްސަނދި ބަސްކޮށާރުގެ ބޭނުން ހިފަން ފަށައިފިނަމަ، ވަރަށް ހިތްގައިމު ކަމާއެކު، ވާހަކަ ދެއްކެން އޮތް ބަހެކެވެ. ލިޔެވެންވެސް އޮތް ބަހެކެވެ. މި މުއްސަނދި ބަސްކޮށާރުގެ ފުރިހަމަކަންވެސް އެހައިމެ ހާމަކަން ބޮޑެވެ. މިސާލެއްގެ ގޮތުނަ ދަންނަވާނަމަ، މިއަދު ހަވީރު ވެގެން އަންނައިރު ހުޅަނގު ފަރާތު އުދަރެހުން ފެންނާނީ ކޮން މަންޒަރު ތަކެއް ތޯ؟ ސުވާލު ކޮށްލަމާ ހިންގަވާށެވެ.

މިއަދަކީ އުޑުމަތި ސާފު ދުވަހެއްނަމަ، ހަވީރު ވުމުގެ ކުރިން ފަހަރުގައި " ރަރު" ( ކުދިވިލާ) ފެނިވަޑައިގެންފާނެއެވެ. އެހެން ނަމަވެސް އިސާހިތަކުމެ "ރަތްވިލާދަޅަ" ( ރަތްވިލާ ލާންވެގެން އުދަރެހަށް އަރާކުލަ) ފެންނަން ފަށާނެއެވެ. އެ ފެންނަނީ " ރަތްވިލާ ދަޅަޖެހުން" ( ރަތްވިލާދަޅަ ފެންނާންފެށުން) ކަމަށް ވާނަމަ، އެ ފެންނަނީ " ރަންދަޅަ" ( ރަތްވިލާ ދަޅަމަތިން ފެންނަ ރަންކުލަ) އެވެ. އެކުލަ ފެންނަނީ " ރަތްވިލާ" ( ހުޅަނގު ފަރާތު އުދަރެހުން ކުލަކުލައިގައި ފެންނަ ވިލާ) ތަކެވެ. މިދެންނެވި ހިތްގައިމު މަންޒަރު ފެންނަން އޮނަންނީ " ރަތްވިލާ ދަޅަމަތި" ( ރަތްވިލާލާން ފެށީއްސުރެ ރަތްވިލާ އޮއްސުމާއި ދެމެދު) ގައެވެ.

އަޅުގަނޑުމެން މިތިބީ މާޒީ މާޒީއަށް ދޫކުރަމުން، ޒަމާނީ ދިވެހި ރާއްޖެއެއް ގައެވެ. މަސައްކަތް ތެރިކަމަށް ބޮޑު އިންޤިލާބެއް ގެނުވައިފީމުއެވެ. ޢާންމު ދަތުރުފަތުރަށް ބޭނުންކޮށް އުޅުނު އޮޑިން ފައިބައިފީމުއެވެ. މިއަދު މިތިބީ ބާރަށްދުވާ އުޅަނދު ތަކުގައެވެ. އޮޑިން ފޭބުމުން ހަނދާނުން ކެހިގެންދިޔައީ ހަމައެކަނި އެ ޙަޔާތުގެ ހަނދާންތައް އެކަންޏެއް ނޫނެވެ. އެ އޮޑީގެ އާލަތްތަކަށް ކިޔައި އުޅުނު ނަންތައްވެސް ހަނދާނުން ދިޔައީއެވެ.

މާދަމާ ކޮންމެވެސް ބޭނުމަކު އެއިން އޮޑިއަކަށް އަރަން ޖެހުނަސް "ހަސަންދަރި" (ދޯނިފަހަރުގެ ހުރަސްފިލާގެ ކަނާތްފަރާތުގައި ވާއައްސަން ލަކުޑިން ޖަހާފައިހުންނަ ދެ މޫޓު) ހޯދަން އެއްގަމަށް ފައިބަން ޖެހިދާނެއެވެ. އެއީ އޮޑީގެ ފަޅުވެރިއެއް ކަމަށް ހީކޮށްފައެވެ. " ހަކުންފަލި" ( މާވަތުގައި ބޭނުންކުރާ ފަލި) ނަގަން ބުނުމުން ހުއްޓުން އެރުމަކީ ނުވެ ނުދާނެ ކަމެކެވެ. " ހަތަރު ކަންކަށިހިފުން" ( އޮޑިފަހަރު އަޅާއިރު ދެމައްޔާ ކައިރިން ބޭރު ހަތަރުފަރާތަށް ވާހިފާފައި އޮޑިއަޅާފައި އޮތުން) އެއީ ކޮން ކަމެއްކަން ސާފުނުވެ ހުންނަން ޖެހިދާނެއެވެ. " ބަނޑު އުނގުރި" ހޯދަން ދާނެތަނެއް ނޭގި ހުންނަންވެސް ޖެހިދާނެއެވެ.

މޫސުމީ ބަސްތަކަކީވެސް އަޅުގަނޑުމެންގެ ނަކަތް ތެރިކަން ކުރިއަރާފައި އޮތް މިންވަރުގެ ރީތި މިސާލެކެވެ. " ވައިދުނި" ، "ވައިގަސް" މިއީ އުޑުމަތިން ފެންނަ ވައިގެ ދެ ލިސާނަކަށް ބޭނުންކުރި ދެ ބަހެވެ. " ހެވަނަ" އާއި " ހެވަން ރޯޅި"ފަދަ ބަސްތައް " ހާފުސް" ކޮޅެއް ފަދައިން މާޒީއަށް ސޮއްސާލައިފިއެވެ. މާޒީގެ "މޯހިރު" ން ނޫނީ މިއިން ބަހެއް މިއަދު ފެންނާކަށް ނެތެވެ.

މިއަދު އިރު އަރައިގެން އައި ވަގުތު ފެންނަމުންދިޔަ މަންޒަރު ތަކުން މިއަދަކީ ޚާއްސަ ދުވަހެއްކަން ފަހުމް ވަމުން އައެވެ. މަދަރުސާ ތަކުގެ ބައެއް ކުދިން މަދަރުސާއަށްދާތީ ފެންނަމުން ދިޔައީ ދިވެހި ލިބާހުގައެވެ. ބައެއް ކުދިން ފޭލި އަނދެގެންނެވެ. މުންޑާއި ގަންޖިފަރާހުގައިވެސް ބައެއްކުދިން މަދަރުސާއަށް ދިޔަ މަންޒަރު ދުށީމެވެ.

މަދަރުސާއަށް ކުދިން ގެންދަނީ ޢާންމުކޮށް އެކުދިންގެ މައިންބަފައިންނެވެ. ދަރިން އެހާބޮޑަށް ދިވެހި ވަންތަ ކުރުވައިގެން އިނގިލިކޮޅުގައި ލައިގެންދިޔަ ގިނަ މައިންބަފައިންނާއި އޮފީސްތަކުގެ މުވައްޒަފުންނާއި ޢާންމުންވެސް ލައިގެންތިބި ހެދުމުން، ދިވެހި ބަހުގެ ދުވަސް އަންނަނީ ހަމައެކަނި މިކުދިންނަށްތޯ؟ މި ދަންނަވަނީ ބަހުގެ ދުވަސް ފާހަގަ ކުރެވޭނީ ދިވެހިލިބާސް ލައިގެންނެކޭ އެއް ނޫނެވެ. މިކަމަށް އަހައްމިއްޔަތުކަން ދޭންޖެހޭނީ ހަމައެކަނި މުދައްރިސުންނާއި ދަރިވަރުން ތޯއެވެ.؟

ޤަބޫލު ކުރަން ޖެހިފައި އޮތް ހިތި ޙަޤީގަތަކީ، އަމިއްލަ ބަހަށް އަހުލުވެރި ނުވެވުމުގެ ސަބަބުން، ގެއަށް " މަމީ" އަކާއި " ޑެޑީ" އެއް، މިއަދު ވަދެއްޖެ ކަމެވެ. މިދެންނެވި ފަދަ އެތައް ބަސްތަކެއް އައިސް، ދިވެހި ބަހުގައި ވަކި ހިއްޕާލައިފިއެވެ. އަޅުގަނޑުމެންގެ ހަނދާނުން ކެހިގެން އެތައް ބަސްތަކެއް ވަކިވެ ހިނގައްޖެއެވެ. އެއް މާނައެއްގައި މިއީ "އިންދިރާސް" ވުމެވެ. "ކަފާސް" ވުމެވެ. ނަތީޖާއެއްގެ ގޮތުން މާދަރީބަހުގެ ބަސްކޮށާރު، އަޅުގަނޑުމެންގެ ހަނދުމުން " ސޮއްސާލީ ސޮއްސާލި ކަމަކަށް ނޫނެވެ." ދިވެހި ރުކެއްގެ ބުޑުން ފެށިގެން ބޮންތިއާއި ހަމައަށް ފެންނަންހުރި ބައިތަކުގެ ނަންތަކާއި، ގެދޮރު އެޅުމާއި، އޮޑިފަހަރުގެ ބައިތަކުގެ ނަންތަކަށް އެކަނި ވިސްނާލިއަސް، ޒުވާންޖީލު އޮތީ، އެބަސްތަކަށް އަހުލުވެރި ވެގެންނެއް ނޫނެވެ. ދަންނަވަން ޖެހެނީ " ސޮއްސާލީ ސޮއްސާލި ކަމަށް ތޯއެވެ.؟"

comment ކޮމެންޓް