ސަރުކާރުގެ ގިނަ އިދާރާތަކެއްގައި ދިވެހިބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި

ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ހެލްތު މިނިސްޓްރީގެ މުވައްޒަފުން ސަގާފީ ހެދުމުގައި -- ފޮޓޯ/އާއިޝަތު ރިޝްމީ

މިއަދު ފާހަގަކުރާ ދިވެހިބަހުގެ ދުވަހާއި ގުޅިގެން، ސަރުކާރުގެ ގިނަ އޮފީސްތަކާއި މުއައްސަސާތަކުގައި ހަރަކާތްތަކެއް ބާއްވައިފި އެވެ.

މިއަދު ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ގިނަ މުވައްޒަފުން އޮފީހަށް ހާޒިރުވެފައި ވަނީ ދިވެހިވަންތަ، ސަގާފީ ފޭރާމެއްގައެވެ. އަދި މިއަދު ހެނދުނު އެ އިދާރާތަކުގައި މުވައްޒަފުންނާއި ވެރިން އެކުވެ، ޚާއްސަ އެސެމްބްލީއެއް ވަނީ ބާއްވައިފަ އެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންވަޔަރަންމެންޓް މިނިސްޓްރީގައި މުވައްޒަފުންނަށް ބޭއްވި ޚާއްސަ އެސެމްބްލީ -- ފޮޓޯ/މުހައްމަދު ނާސިހު

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި، ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ އިއްޔެ ވިދާޅުވީ، މިއަދު ހެނދުނު އޮތް އެސެމްބްލީތަކުގައި، އެކެޑެމީގެ ފަރާތުން ޝަރަފުވެރި މެހެމާނެއް ކޮންމެ އިދާރާއަކަށް ފޮނުއްވާނެ ކަމަށާއި، އެ ޝަރަފުވެރި މެހެމާނު ބަހުގެ އެކެޑެމީގެ ފަރާތުން ޚާއްސަ ބަޔާނެއް އިއްވަވާނެ ކަމަށެވެ.

ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގައި "އާ ލަފްޒު މުބާރާތް" ކުރިޔަށް ގެންދަނީ -- ފޮޓޯ/އިބްރާހިމް މުހައްމަދު

މީގެ އިތުރުން، ދައުލަތުގެ ގިނަ އިދާރާތަކުގައި ވަނީ، "އާ ލަފްޒު މުބާރާތް" ގެ ނަމުގައި މުބާރާތެއް ކުރިޔަށް ގެންގޮސްފަ އެވެ. މި މުބާރާތަކީ، ދިވެހި ބަހުގެ އެކެޑެމީއިން އުފައްދައި، ބަސް ތޫރައިގައި އާންމުކުރާ އާ ލަފްޒުތައް ހިތުދަސްކޮށް، ކަނޑައެޅޭ ވަގުތެއްގެ ތެރޭގައި އެންމެ ގިނަ ބަސް ލިޔެވޭ ފަރާތެއް ހޮވުމަށް ބޭއްވި މުބާރާތެކެވެ.

ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ސަން އަށް އިންޓަވިއު ދެއްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ބަހުގެ އެކެޑެމީގެ ރައީސް އިއްޔެ "ސަން" އަށް ވިދާޅުވީ، މިއީ ހުރިހާ އޮފީހެއްގައި ވަކިން ބާއްވާ މުބާރާތެއް ކަމަށާއި، ކޮންމެ އޮފީހަކުން ވެސް އެއްވަނައަށް ދާ މުވައްޒަފަކަށް ދިވެހި ބަހުގެ އެކެޑެމީއިން ޚާއްސަ އިނާމެއް ދޭނެ ކަމަށެވެ.

އަދި މިއަދު އެ މުބާރާތް ކުރިޔަށް ނުގެންދެވޭ ނަމަ، ފަހުން ވެސް މުބާރާތް ބޭއްވޭނެ ކަމަށް އަޝްރަފް ވިދާޅުވި އެވެ.

ދިވެހިބަހުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 14 އޭޕްރިލް 2011 ވަނަ އަހަރު އެވެ. އެ ދުވަސް ފާހަގަ ކުރަން ފެށީ ލިޔުންތެރިންގެ ގުޅުން ޖަމިއްޔާއިން އިސްނަގައިގެންނެވެ. މި ދުވަސް ފާހަގަކުރެވެނީ، ދިވެހިބަހަށާއި އަދަބަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ހުސައިން ސަލާހުއްދީން އުފަންވެވަޑައިގަތް ތާރީޚުގަ އެވެ.

ދިވެހިބަހުގެ ދުވަސް ގައުމީ ފެންވަރުގައި އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ މިދިޔަ އަހަރު އެވެ.

comment ކޮމެންޓް