'މޯލްޑިވިއަން އައިޑްލް'ގެ ފަނޑިޔާރުން، ބުއިންތަކާ އެކު --

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މި ހަފުތާގައި ހެލްތު މިނިސްޓްރީ އިން ބޭއްވި ޖަލްސާގައި މިނިސްޓަރު އިރުތިޝާމު އާދަމް ވިދާޅުވި ވާހަކައަކަށް އަޅުގަނޑުގެ ނަޒަރު ހުއްޓުނެވެ. އެކަމަނާ ވިދާޅުވި އެވެ؛ އެނާޖީ ޑްރިންކްސްގެ ސަބަބުން ހަކުރު ބައްޔަށް މަގުފަހިވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހޯދުންތަކުން ދައްކާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދީން ވެސް އެކި ބާވަތުގެ އެނާޖީ ޑްރިންކްސް ގިނަ އަދަދަކަށް ބޭނުން ކުރާ ކަމަށާއި އެއީ ވަރަށް ބޮޑުކަންބޮޑުވުމެއް ކަމަށެވެ.

ރަނގަޅު ވާހަކަފުޅެކެވެ. ގިނަ އެނާޖީ ޑްރިންކްސް ނޫނީ އެފަދަ ބުއިންތަކަކީ ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވާ ބުއިންތަކެކެވެ. އިތުބާރު ހިފޭ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 500 މިލި ލިޓަރުގެ އެނާޖީ ޑްރިންކް ފުޅިއެއްގައި 50 ގްރާމް ނޫނީ 10 ސައި ސަމުސާ ހަކުރު އެކުލެވިގެންވެ އެވެ. އަދި 250 މިލި ލިޓަރުގެ އެނާޖީ ޑްރިންކް ދަޅެއްގައި ހަތަރު ސައި ސަމުސާގެ ހަކުރު އެކުލެވިގެންވެ އެވެ.

އެކަމަކު ސުވާލަކީ ހެލްތު މިނިސްޓަރު އެ ވިދާޅުވާ ނަމޫނާ ސަރުކާރު މުއައްސަސާތަކުން ފެނޭތޯ ކުރެވޭ ސުވާލެވެ. ދައުލަތުގެ ޓީވީ، ޕީއެސްއެމް އިން މިދުވަސްވަރު ދައްކާ އެންމެ މަގުބޫލު އެއް ޕްރޮގްރާމަކީ ހަފުތާ ބަންދުގައި ބާއްވަމުން އަންނަ 'މޯލްޑިވިއަން އައިޑްލް'ގެ ޝޯއެވެ. ވަރަށް ވެސް ރީއްޗެވެ. އަދި ގިނަ ބައެއްގެ މަގުބޫލުކަން ވެސް އަންނަނީ އެ ޝޯއަށް ހޯދަމުންނެވެ. އަޅުގަނޑުގެ ނަޒަރުގައި ވެސް އެއީ ވަރަށް ކާމިޔާބު ޝޯއެކެވެ. އެތައް ގޮތަކުންނެވެ. އެއްކަމެއްގެ ގޮތުން އަޅުގަނޑު ފާހަގަ ކުރާނީ ޒުވާން ލަވަކިޔުން ތެރިން އުފެއްދުމަށް އެ ޕްރޮގްރާމް މަގުފަހިކޮށްދޭތީ އެވެ. ލަވަ ކިއުމަކީ އަޅުގަނޑުމެން ފަދަ މުސްލިމް ގައުމެއްގައި ކުރުން އެހާ ރަނގަޅު ކަމެއް ނޫން ކަމަށް އެއް ބަޔަކު ވަކާލާތު ކުރިއަސް، އެއީ ދީނީ އިލްމުވެރިން ވެސް ދެކޮޅަށް ވާހަކަ ދައްކާ މައުލޫއުއަކަށް ވާތީ އެކަމާ ބެހޭ ގޮތުން މާގިނަ ވާހަކަ ދައްކާކަށް އަޅުގަނޑު ނެތީމެވެ. އަދި ބައެއް މީހުން، އެ ޝޯގެ ފަނޑިޔާރުކަން ކުރައްވަން ތިއްބަވާ ބައެއް ބޭފުޅުންގެ މޭކަޕްތައް ނޫނީ ކޮސްޓިއުމްތައް ހުންނަ ގޮތަކީ މުޖުތަމައުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ހުންނަ މޭކަޕްތަކެއްތޯ ވެސް ސުވާލު އުފައްދަ އެވެ. އަޅުގަނޑުގެ ނަޒަރުގައި އެ މޭކަޕްތައް އެފަދަ ޝޯއަކާ ބީރައްޓެއްސެއް ނޫނެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެއީ މުނިފޫހިފިލުވުމުގެ ވެސް ހަރަކާތެއް ކަމެވެ.

ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ވެސް އެ ޝޯގައި ފާހަގަ ކުރެވޭކަންތައްތަކެއް އެބަހުއްޓެވެ. އެއްކަމަކީ ދައުލަތުގެ މީޑިއާއަކުން ހިންގާ އެފަދަ އަދި ހުނަރުވެރިން އުފެއްދުމަށް ހިންގާ ޕްރޮގްރާމެއްގައި މާ ބޮޑަށް ވިޔަފާރިއަށް ހުޅުވާލާފައި އޮތުމަކީ މައްސަލައެކެވެ. މިސާލެއްގެ ގޮތުން އަޅުގަނޑު ފާހަގަ ކުރާނީ އާންމުންގެ 50 ޕަސެންޓް ލިބޭ ގޮތަށް އެސްއެމްއެސް ފޮނުވުމަށް ނިންމާފައިވާ ނިޒާމެވެ. ކޮންމެ އެސްއެމްއެސް އަކަށް ތިން ރުފިޔާ ޗާޖު ކުރެ އެވެ. ބައެއް ލަވަކިއުންތެރިންގެ ބެލެނިވެރިން 150 ސިމްކޮޅު ގަނެއްގެން ގިނަ މާކްސް ހޯދުމަށް، ކޮންމެ ސިމްއަކުން 50 އެސްއެމްއެސް އެބަ ފޮނުވަ އެވެ. ގިނަ ވެގެން ސިމަކުން ފޮނުވެނީ 50 އެސްއެމްއެސް އެވެ. އެއީ ކޮންޓްރޯލެކެވެ. އެކަމަކު 150 ސިމުކޮޅުން، ސިމަކުން 50 އެސްއެމްއެސް ފޮނުވާ ނަމަ އެއީ ވެސް 22،500 ރުފިޔާ އެވެ. އަދި އެ އަދަދު ފަސް ލަވަކިއުންތެރިންނަށް ގުނަ ކުރާ ނަމަ އެއީ 112،500 ރުފިޔާ އެވެ. އަދި ލަވަކިއުންތެރިންގެ ބެލެނިވެރިންގެ އިތުރަށް ސަޕޯޓަރުން ފޮނުވާ އެސްއެމްއެސްތައް ކޮބައިތޯ އެވެ. މިލިއަނުން ގުނޭނެތޯއްޗެކެވެ.

އަޅުގަނގަޑު ނަޒަރުގައި މިއީ ގޯހެކެކެވެ. ދައުލަތުގެ މީޑިއަމަކުން ހިންގާ މިފަދަ ހަރަކާތެއްގައި އެވަރު އަރުވާލެވިގެން ނުވާނެ އެވެ. އަދި އޭގެ ސަބަބުން ހުނަރުވެރި ޒުވާން ލަވަ ކިއުންތެރިން އުފެދުމުގެ ބަދަލުގައި އެކަންދާނީ ހުނަރަކަށް ނޫނެވެ. ފައިސާ އަށެވެ. އެއީ އާންމު ވޯޓުގެ 50 ޕަސެންޓް ނަތީޖާ އަށް ގުނާތީ އެވެ.

މައާފު ކުރާށެވެ. އަޅުގަނޑު ދައްކަން ބޭނުންވި ވާހަކަ އަށް ވުރެ އިތުރަށް ވެސް އެ ޝޯގެ ވާހަކަ ދެއްކިއްޖެ އެވެ. އަޅުގަނޑު ބުނަން މި އުޅޭ ވާހަކައަކީ އެ ޝޯގެ މެއިން ސޮޕޮންސަރުންގެ އިޝްތިހާރުގެ ގޮތުގައި އެ ދައްކާ ބުއިންތަކަކީ ހެލްތު މިނިސްޓަރު އެ ވިދާޅުވާ ގޮތަށް، ހަކުރު ބައްޔަށް މަގުފަހިވާ ބުއިންތަކެއް ނޫންތޯ އެވެ. މައާފެވެ. ފަހަރެއްގައި ވެސް އެ ބުއިން އިޝްތިހާރު ކުރާ ކުންފުނި އަޅުގަނޑު ކުށްވެރިއެއް ނުކުރަމެވެ. ވިޔަފަރާރިވެރިން އެ މީހުންގެ ޕްރޮޓަކްޓްސް އިޝްތިހާރު ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރާނެ އެވެ. އެއީ މައްސަލައެއް ނޫނެވެ. އެކަމަކު ދައުލަތުން ބޮޑު ހަރަދުކޮށްގެން ދައުލަތުގެ މީޑިއާއަކުން ދައްކާ އިޝްތިހާރަކީ އާންމު ސިއްހަތަށް އެވަރުގެ ގެއްލުމެއް ފޯރާ އެއްޗަކަށްވާ އިރު، އެކަން ކުރަން ޖެހެނީ ކީއްވެތޯ މިއީ ސުވާލެއް ނޫންތޯ އެވެ؟ ސަރުކާރުގެ ހެލްތު މިނިސްޓަރު އެ ވިދާޅުވާ ވާހަކައާ ފައިހަމަވާ ގޮތަށް އެކަން ކުރަން ޖެހެ އެވެ. ދައުލަތުގެ ނަމުގައި މީޑިއާއެއް ހިންގާ ނަމަ އެކަންކަމަށް ރިއާޔަތް ކުރަން ޖެހެ އެވެ. ޕީއެސްއެމްގެ ގާނޫނުގައި ކޮމާޝަލް އިޝްތިހާރު ހޯދުމަށް "ކެޕެއް"ލައި އެއާ ގޮތަށް އަމަލުކޮށް މުޖުތަމައުގެ އަދަބު ސަދަބާއި ސަގާފަތާއި އެ ނޫނަސް ގައުމީ ކަންކަން ކުރި އެރުވުމަށް، ދައުލަތުން ހަރަދުކޮށްގެން، ޕަބްލިކްސާވިސް ބްރޯޑްކާސްޓިން ކޯޕަރޭޝަނެއް ހިންގަން ޖެހެނީ އެހެންވެ އެވެ. ކޮމާޝަލް ޓީވީތަކާއި ދައުލަތުގެ މީޑިއާ ތަފާތު ކުރުމަށެވެ. ނޫނީ އާސަންދަ ފަދަ ތަންތަނުން ދިވެހިންގެ ސިއްހަތަށް އަހަރަކު ބޭރަށް އެކަނި ކުރާ 900 މިލިއަން ދާނީ ގުނެމުން އިތުރުވަމުންނެވެ. ބަލަން ޖެހޭނީ ޓީވީއެމް އަށް ވަގުތީ ގޮތުން ލިބޭ އިޝްތިހާރު ފައިސާ ކޮޅަކަށް ނޫނެވެ. ބޮޑު މަންޒަރަށެވެ.

ސިއްހަތުގެ ވާހަކައަކާ ޝޯގެ ހުނަރަކާ ގުޅުމެއް ނެތެވެ. ކުރިން ވެސް ދެންނެވި ފަދައިން އަޅުގަނޑުގެ ނަޒަރުގައި އެ ޝޯއަކީ ކާމިޔާބު ޝޯއެކެވެ. ހުނަރުވެރި ޒުވާން ފަންނާނުންތަކެއް އެ ޝޯގެ ސަބަބުން އުފަން ކުރުވާނެ އެވެ. އަދި ހަމަ އެއާ އެކު އެފަދަ ޝޯތައް ހުށަހެޅުމަށް ހުނަރުވެރިން ޕްރެޒެންޓަރުން ވެސް އުފަން ކުރުވާނެ އެވެ. އެކަމުގެ އެއް މިސާލަކީ މޫސާ ވަސީމެވެ. ވަސީމުގެ ހުށަހެޅުމަށް ސާބަހެވެ. އޯޑިއަންސާ ގުޅޭ ގޮތަށް އަދި ހިތްގައިމުކޮށް ހުށަހެޅުމުގެ ކުޅަދާނަކަން ވަސީމުގެ ކިބައިގާ އެބަހުއްޓެވެ. ކުރިއަށް ވަޑައިގަންނަވާށެވެ. އެކަމަކު ބައެއްކަންކަން ރަނގަޅުކޮށްލުމާ އެކު އެވެ. ޒިންމާއެއްވެ އެވެ.

comment ކޮމެންޓް