ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވާށެވެ!

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހެވެ. ދުވަހުގެ ހެޔޮ އެދުންތައް މީޑިއާ ގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ފޮނުވަމެވެ.

މި ގައުމުގައި އެއް ޕްރޮފެޝަން އަކަށް ބަލާ އިރު އެންމެ މަދު މީހުން އެ ދާއިރާއެއްގެ ވަޒީފާގައި ތިބި ދާއިރާ އަށް މީޑިއާ ވުން އެކަށީގެންވެ އެވެ. އެންމެ ބޮޑު ރިސްކެއްގައި މަސައްކަތް ކުރާ ބަޔަކީ ނޫސްވެރިން ކަމަށް ވުން އެކަށީގެންވެ އެވެ. ނޫސްވެރިންނަށް ކޮންމެ ދުވަހަކު ވެސް އެތަކެއް އިންޒާރެއް އާދެ އެވެ. ތަޅައިލާނެ ކަމުގެ އިންޒާރެވެ. ހޭ އަރުވައިލާނެ ކަމުގެ އިންޒާރެވެ. ދުވަސް ދުއްވައިލާނެ ކަމުގެ އިންޒާރެވެ. މަރައިލާނެ ކަމުގެ އިންޒާރެވެ.

ނޫސްވެރިޔާގެ ދުވަހުގެ ހަޔާތަކީ ތަފާތު ތަޖުރިބާ އެކެވެ. ކޮންމެ ދުވަހަކީ ވެސް ބިރުވެރި ދުވަހެކެވެ. ހެނދުނު ހެނދުނާ ނޫސްވެރިޔާ އޭނާ މަސައްކަތް ކުރާ މީޑީއާ ހައުސްގެ ނިޔުސްރޫމަށް ހާޒިރުވެ އެވެ. އެޑިޓަރަށް ރިޕޯޓު ކުރެ އެވެ. އެ ދުވަހުގެ މުހިންމު ސުރުޚީތައް ހިއްސާ ކުރެ އެވެ. ގައުމުގައި ހިނަގާ މުހިންމު މައްސަލަތައް ހިއްސާ ކުރެ އެވެ. އެޑިޓަރު ނޫސްވެރިންނާ އެކު އިށީނދެ މި ސްޓޯރީ ތަކާ މެދު މަޝްވަރާ ކުރެ އެވެ. އެއަށް ފަހު ނޫސްވެރިން ދުވަހުގެ މުހިންމު މައްސަލަތައް ކަވަރު ކުރާން ނިކުމެ އެވެ. އޭގެ ބެކްގްރައުންޑް މައުލޫމާތު ދިރާސާ ކުރެ އެވެ. މި ކަންކަން ދިރާސާ ކުރުމުގަ އާއި ސްޓޯރީ ތައް ކަވަރު ކުރުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާ ކުރާ "ސިއްރު އެޖެންޓުން" ގައުމުގެ އެކި ހިސާބު ތަކުގައި ތިބެ އެވެ. ސަރުކާރު ތެރޭގަ އާއި ދައުލަތުގެ އެހެނިހެން ދާއިރާ ތަކުގަ ވެސް މި ފަދަ އެޖެންޓުން ތިބެ އެވެ. އެއީ ނޫސްވެރިންނަށް ޖާސޫސް ކޮށްދޭ ފަރާތް ތަކެވެ. އެ މީހުން އެ މަސައްކަތް ކުރަނީ ގައުމަށް ހެޔޮ އެދޭތީ އެވެ. ކަންކަން އިސްލާހު ކުރަން ބޭނުން ވާތީ އެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ގައުމަށް މުހިންމު، ގައުމު އިސްލާހުގެ މަގަށް ގެންނަން ބޭނުންވާ މުހިންމު މައްސަލަތައް ނޫސްވެރިޔާ ޢާންމުންގެ ސަމާލު ކަމަށް ގެނެސްދެ އެވެ. ސަރުކާރުގެ ސަމާލު ކަމަށް ގެނެސްދެ އެވެ. ހެޔޮ ނިޔަތަކާ އެކުގަ އެވެ. އަމިއްލަ އެދުމެއް ނެތި އެވެ. ގައުމަށްޓަކަ އެވެ.

މިއަދު ރާއްޖޭގައި މި ފެންނަނީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ރަން ޒަމާނެކޭ ބުނެވިދާނެ އެވެ. ކަރަޕްޝަނާއި ފަސާދަ، ބަދު އަޚުލާގީ މައްސަލަ ތައް، ސިޔާސީންގެ ފަތިފުށްތައް، ސަރުކާރުގެ ބަލި ފައިތައް، ކަޓަރު އެޅުމާއި ވައްކަން އަދި މި ނޫން ވެސް ގައުމުގައި ހިންގާ މި ފަދަ ކަންކަން ރައްޔިތުންނަށް މިއަދު އެނގިގެން މި ދަނީ ނޫސްވެރިންގެ ސަބަބުންނެވެ. އެ ކަން ކަން ރިޕޯޓު ކުރުމުގައި ނޫސްވެރިޔާގެ އޮތީ އެންމެ ބޭނުމެކެވެ. އެއީ ގައުމު އިސްލާހު ކުރުމެވެ. ގައުމަށް ހެޔޮ ބަދަލު ގެނައުމެވެ. މިހާ ސާފު ސީދާ ގޮތެއްގައި މި ފަދަ މައްސަލަތައް ރިޕޯޓު ކުރި އެހެން ޒަމާނެއް ދިވެހި ނޫސްވެރިކަމުގެ ތެރެއިން ފެންނާކަށް ނެތެވެ.

ތަންކޮޅެއް ކުރިން އަޅުގަނޑާ ވަޒީރަކު ސުވާލު ކުރިއެވެ. އަޅުގަނޑުމެން ކުރާ ރަނގަޅު ކަންކަން ނޫސްވެރިން ނުލިޔަނީ ކީއްވެ ހެއްޔެވެ؟ އަބަދުވެސް ގޯސް ވާހަކަ ލިޔަނީ ކީއްވެ ހެއްޔެވެ؟ މީ ވަރަށް ގިނައިން ނޫސްވެރިންނަށް ކުރިމަތިވާ ސުވާލެކެވެ. މީގެ ޖަވާބު ވަރަށް ސާފެވެ. ރަނގަޅު ކަންކަން ކުރުމަކީ ސަރުކާރުގެ ޒިންމާ އެވެ. ޓީޗަރުން ދަރިވަރުންނަށް ކިޔަވައިދިނުމަކީ ޚަބަރަކަށް ނުވެ އެވެ. އެއީ ޓީޗަރުންގެ ޒިންމާ އެކެވެ. ސްކޫލަކަށް ހެޑްމާސްޓަރުން ފޮނުވުން ވެސް ޚަބަރަކަށް ނުވެ އެވެ. އެއީ އެޑިޔުކޭޝަނުގެ ޒިންމާ އެކެވެ. ހުރިހާ ސްކޫލަކަށް ބޭނުންވާ ފޮތްތައް އަހަރު ފެށޭ އިރު ލިބުން ވެސް ޚަބަރަކަށް ނުވެ އެވެ. އެއީ ލިބެން ޖެހޭ އެއްޗެކެވެ. އެހެން ކަމުން ޓީޗަރުން ނުކުމެ މިއަދު ކިޔަވައިދީފިއޭ، އެވެނި ރަށަކަށް ހެޑްމާސްޓަރަކު ފޮނުވައިފިއޭ ބުނީމަ ވާނީ ޖޯކަކަށެވެ.

ޓީޗަރުން ނެތިގެން ކިޔަވައި ނުދީފި ނަމަ ޚަބަރަކަށް ވެ އެވެ. ހެޑްމާސްޓަރުން ނެތި ގިނަ ދުވަސް ވުން ވެސް އެއީ ނޫސްވެރިންނަށް ނެގި ދާނެ މައްސަލަ އެކެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ފެށޭ އިރު ފޮތްތައް ނުލިބުން ވެސް އެއީ ފާހަގަ ކުރަން ޖެހޭނެ މައްސަލަ އެކެވެ. ނޫސްވެރިން މި ފަދަ މައްސަލަތައް ފާހަގަ ކުރަނީ އެ ކަމަށް ޕްރެޝަރު ކުރުމަށެވެ. އެކަން ކަން ރަނގަޅު ކުރުމުގެ ބޭނުމުގަ އެވެ. އެހެން ނަޒަރަކުން ބަލާ ނަމަ ޓީޗަރު ތިއްބަސް، ނެތަސް، އަދި ހެޑްމާސްޓަރު ހުއްޓަސް އަދި ނެތަސް ނޫސްވެރިޔާ އަށް ވާނެ ފައިދާއެއް އަދި ގެއްލުމެއް ވެސް ނެތޭ ބުނެވިދާނެ އެވެ. އެކަމަކު ވަޒީރު ބޭފުޅުން ނުވަތަ ކަމާ ބެހޭ ދާއިރާގެ މީހުންގެ ވިސްނުން ތަފާތެވެ. ކޮންމެ ކަމެއް ނަގަނީ ޒާތީ ކޮށެވެ. މައްސަލަ އެއް ފާހަގަ ކުރުމުން އަންނަނީ ރުޅި އެވެ. ބަލަނީ އެއީ ޖައްސާލީ ކަމަށެވެ. ކަންކަން އިސްލާހު ނުވާ މައިގަނޑު އެއް ސަބަބަކީ މިއެވެ.

އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. އެކި ފަރާތްތަކުން ކުރާ ރަނގަޅު ކަންކަމުގެ ވާހަކަ ވެސް ނޫސްވެރިން ފާހަގަ ކުރާން ޖެހޭނެ އެވެ. ދިވެހި ނޫސްވެރިން އެ ކަން ފުރިހަމަ އަށް އަދާ ކުރާ ކަމަށް ހަމަ ގައިމު ވެސް އަޅުގަނޑު ގަބޫލު ކުރަމެވެ. ސަރުކާރުން ރައްޔިތުންނަށް ޓަކައި ހިންގާ މުހިންމު މަޝްރޫޢު ތަކުގެ ވާހަކަތައް ވެސް ނޫސްވެރިން ގެނެސްދޭލެއް މަދެއް ނޫނެވެ. މީ ސިޔާސަތު ރާވާ ފަރާތްތަކުން ގަބޫލު ކުރާން ޖެހޭ ހަގީގަތެކެވެ.

މި ދުވަސް ވަރު ނޫސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މުޒާހަރާ ކަވަރު ކުރުމުގެ މައްސަލަ އެވެ. ސަލާމަތީ ބާރުތަކުން ނޫސްވެރިން ޖިޕަށް ލުމުގެ މައްސަލަ އެވެ. ނޫސްވެރިން ދަމާ ކޫތާ ދުރަށް ލުމުގެ މައްސަލަ އެވެ. ސަލާމަތީ ބާރު ތަކުން ބުނާ ގޮތުގައި އެހެން ހަދަން އެ ޖެހެނީ ނޫސްވެރިންގެ ވެސް ސަލާމަތާ ރައްކާތެރި ކަމަށް ޓަކަ އެވެ. އެ މީހުން ބުނާ ގޮތުގައި، މައިދާން ހޫނުވެ، ކަރުނަ ގޭސް ޖަހައި، މައިދާނުގައި ހުޅުރޯވެފައި އޮންނަ ހާލަތުގައި ނޫސްވެރިޔާ ވެސް ޖެހޭނީ އެ މީހުންގެ އެންގުމަށް މައިދާން ދޫކޮށްފައި ދުރަށް ދާށެވެ.

މީ ރަނގަޅު ވާހަކައެއް ނޫނެވެ. ނޫސްވެރިޔާ އަކީ ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ބާރެއްގެ ދަށުން އެ މައިދާނުގައި ހުރި މީހެކެވެ. ސަލާމަތީ ބާރުތަކެކޭ ހަމަ އެއް ފަދައިންނެވެ. އެ ހާލަތުގައި މުޒާހަރާގެ މައިދާނުގެ އެންމެ އެތެރޭގެ ހާލަތު ގައުމަށް ދައްކައިދިނުމަކީ ނޫސްވެރިޔާގެ މަސްއޫލިއްޔަތެކެވެ. އެ ޒިންމާ އަދާ ކުރުމަށް ޓަކައި ނޫސްވެރިޔާ ހުންނާނީ މުޒާހަރާގެ މައިދާނުގެ ކިހާ ހިސާބެއްގައިތޯ ނިންމާނީ ޚުދު ނޫސްވެރިޔާ އެވެ. ނޫސްވެރިޔާ އެ މަންޒަރު ގައުމުގެ ރައްޔިތުންނަށް ސިފަ ކޮށްދޭނީ މައިދާނުގެ ބޭރު ތެރޭގައި ހުރެގެންތޯ ނުވަތަ އެތެރޭގައި ހުރެގެންތޯ ނިންމާނީ ނޫސްވެރިޔާ އަމިއްލަ އަށެވެ. މައިދާނުގެ ހާލަތު އޮތް ގޮތުން އަމިއްލަ ނަފުސަށް ނުރައްކާ އޮތީ ކިހާ ވަރަކަށްތޯ ނިންމާނީ ވެސް ނޫސްވެރިޔާ އަމިއްލަ އަށެވެ. މި ނޫން ގޮތަކަށް ނޫސްވެރިޔާ މުޒާހަރާގެ މައިދާނުން ފައްސާލެވިގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ސަލާމަތީ ބާރު ތަކަށް ފެންނަ އިރަށް ނޫސްވެރިން މައިދާނުން ބޭރު ކުރުން އެއީ އެއްވެސް ހާލެއްގައި ކުރެވިގެން ވާނޭ ކަމެއް ނޫނެވެ. އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރު އަޅުގަނޑުމެން އަމަލު ކުރަމުން މި އަންނަ ގާނޫނު އަސާސީން ނޫސްވެރިކަން ކުރުމަށް ދީފައިވާ މިނިވަން ކަމަށް އެޅޭ ހުރަހެކެވެ. އެކަން އެ ގޮތަކަށް ނުކުރެވޭނެ އެވެ.

މިއަދު، ނޫސްވެރިން މި މަސައްކަތް ކުރަނީ ޝައުގަށެވެ. ގާނޫނީ އެއްވެސް ހިމާޔަތެއް ނެތެވެ.
އެހެން ކަމުން ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅުވައިގެން ކުރެވޭ އުއްމީދު ތަކެއް އެބަ ހުއްޓެވެ. އެއީ ދިވެހި ނޫސްވެރިކަމަށް ބޭނުންވާ ގާނޫނުތައް އަވަސް ވުމެވެ. ވަކީން ޚާއްސަ ގޮތެއްގައި ނޫސްވެރިންގެ ހިމާޔަތާއި ރައްކާތެރި ކަމުގެ ގާނޫނު އަވަސް ވުމަކީ މިހާރު ގައުމު މި އޮތް ހާލަތަށް ބަލާ އިރު ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދިވެހި ނޫސްވެރިކަމަށް އަދަށް ވުރެ ފެހި މާދަމާ އަކަށް އެދެމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް