ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުދީފި

އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް އުން ހަތިޔާރެއް ޓެސްޓު ކުރައްވަނީ -- ފޮޓޯ: ގެޓީ

ޕްޔޮންގް ޔަންގް (މާޗް 28): އުތުރު ހުށަހަޅާ ޝަރުތުތަކަކާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދީފި އެވެ.

އުތުރު ކޮރެއާ އިން ބުނާ ގޮތުގައި، ދެކުނު ކޮރެއާއިން ވަނީ އުތުރަށް "ހިޔާނާތްތެރި"ވެފަ އެވެ. އަދި ދެކުނު ކޮރެއާގެ ބައެއް އޮފިޝަލުން ދަނީ އުތުރަށް ހަމަލާ ދިނުމަށް ރާވަމުންނެވެ. އެހެންކަމުން، ދެކުނު ކޮރެއާއިން އެހިޔާނަތަށް މާފަށް ނޭދޭ ނަމަ އަދި އާއްމު ތަނެއްގައި އެއޮފިޝަލުންނަށް މަރުގެ އަދަބު ނުދޭ ނަމަ އެގައުމަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ވަނީ ދީފަ އެވެ.

މީގެ ކުރިން އުތުރު ކޮރެއާއިން ވަނީ އެމެރިކާއަށް ހަމަލާދީފާނެ ކަމުގެ އިންޒާރެއްގެ ގޮތުން، އެމެރިކާއަށް ހަމަލާދޭ މަންޒަރެއް ދައްކުވައިދޭ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

އުތުރު ކޮރެއާ އިން އެމެރިކާ އާއި ދެކުނު ކޮރެއާއަށް އިންޒާރު ދެމުންގެންދަނީ އެދެގައުމުން ކުރިއަށްދާ އަސްކަރީ ޑްރިލްތަކުގެ ސަބަބުންނެވެ. އުތުރު ކޮރެއާއިން ދެކޭ ގޮތުގައި އެޑްރިލްތަކަކީ އެގައުމަށް ވެރިވުމަށް ކުރާ ތަމްރީނުތައް ކަމަށް އުތުރުން ދެކޭ ކަމަށް ގާޑިއަންގައިވެ އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާއިން ގުޅިގެން ކޮންމެ އަހަރަކު ވެސް އަސްކަރީ ޑްރިލްތައް ބާއްވަ އެވެ. ނަމަވެސް، މިއަހަރުގެ ޑްރިލްތައް އެހެން އަހަރުތަކުގެ ޑްރިލްތަކަށް ވުރެ ބޮޑު ވުމުންނާއި، ޑްރިލްތައް ބާއްވަނީ އުތުރު ކޮރެއާގެ އެންމެ ފަހުގެ ނިއުކްލިއާ ހަމަލާތަކަށް ފަހުގައި ކަމުން އުތުރު ކޮރެއާގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

އުތުރު ކޮރެއާ އިން ދިން އިންޒާރުގައި، އެގައުމުން ބޭނުން ނަމަ "ވަރަށް ފަސޭހަ ކަމާ އެކު" ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރަށް ހަމަލާއެއް ދެވޭނެ ކަމަށް ބުނެފައިވެ އެވެ.

ދެކުނު ކޮރެއާ އަށް ހަމަލާދެވޭ ވަރުގެ ހަތިޔާރު އުތުރު ކޮރެއާގައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ގަބޫލު ކުރެ އެވެ. އަދި އުތުރު ކޮރެއާއިން ވަނީ މީގެ ކުރިންވެސް އެފަދަ އިންޒާރުތައް ދީފަ އެވެ. ނަމަވެސް އެއިންޒާރުތަކާ އެއްގޮތަށް އަމަލުކޮށްފައި ނުވެ އެވެ. (އޭއެންއައި)

comment ކޮމެންޓް