އެކައުންޓްގައި ފައިސާ ނެތި ޗެކް ދޫކުރުމުގެ ބިލް ފާސްކޮށްފި

އެކައުންޓްގައި ފައިސާނެތި ޗެކް ދޫ ކުރުމާ ބެހޭ ބިލް ފާސްކޮށްފި އެވެ.

މާވަށު ދާއިރާގެ އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި މި ބިލަށް މެންބަރުން ގެންނެވި އިސްލާހްތަކާ އެކު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 22 މެންބަރުން ވޯޓު ދެއްވި އެވެ.

އެ ބިލުގައި ޗެކްގެ މުއާމަލާތް ކުރާނެ ގޮތާއި ކުށް ކަމުގައި ގަނޑައަޅާފައިވާ ކަންތައްތަކަށް ބޮޑެތި އަދަބުތަކެއް ބިލްގައި ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ޗެކްގައި ހިމަނާފައިވާ ފައިސާގެ އަދަދަށް ބަލައި އެކި އަދަދުގެ ޖޫރިމަނާތައް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، ބައުންސް ޗެކް ދޫކޮށްގެން އެތައް ބަޔަކު މަކަރު ހަދަމުންދާއިރު، އެފަދަ ކަންތައްތައް ހުއްޓުވުމަށް މިފަދަބިލެއް ކޮންމެހެން ފާސްކުރަން ޖެހޭ ކަމަށެވެ. އަދި އެ ގޮތަށް ބައުންސްޗެކް ދޫކޮށް މީހުންނަށް މަކަރު ހަދައިގެން އުޅޭ އެތައް ބަޔަކު މުޖުތަމައުގައި އުޅޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. ނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ، އެ ބިލުގައި ކަނޑައެޅިފައިވާ އަދަބުތައް ބޮޑު ކަމަށެވެ. ނަމަވެސް ފައިސާ ނެތި ޗެކް ދޫކުރުމުގެ މައްސަލަ އަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ކުޑަ ހުވަދޫ ދާއިރާގެ އަހްމަދު އާމިރު ހުށަހަޅުއްވާފައިވާ، މަޖިލީހުގެ ގަވާއިދުގެ ދަށުން އަމިއްލަ މެންބަރުންނަށް ބަހުސްގައި ކަނޑައަޅާ ވަގުތު، އެ މެންބަރަކު ބޭނުން މެންބަރަކަށް ދިނުމަށް، މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހް އަލުން ކޮމިޓީއަށް ފޮނުވުމަށް ވެސް ފާސްކުރި އެވެ.

އެ އިސްލާހު ކޮމެޓީއަށް ފޮނުވުމަށް ފާސްކުރީ އެ ވަގުތު ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހް ކޮމިޓީއަށް ފޮނުވަން ވޯޓަށް އެހީ އެ އިސްލާހް ދިރާސާކުރި ރިޕޯޓް ފާސްކުރަން ވޯޓަށް އެހުމުން ވެސް އެ ފާސްވަން ބޭނުންވާ ވަރަށް ވޯޓު ނުލިބުމުންނެވެ.
ރިޕޯޓް ފާސްކުރަން ވޯޓަށް އެއްސެވުމުން ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން ރިޕޯޓް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ. ރިޕޯޓް ފާސްކުރަން ބޭނުން ނުވާ ކަމަށް 57 މެންބަރުން ވޯޓު ދެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު