އަދިވެސް މޮޅީ ކާބަފައިންނެއް ނޫންހެއްޔެވެ؟

ހުޅުލޭ އެއާޕޯޓު ހެދުމުގެ މަސައްކަތް ކުރިޔަށް ދިޔަ އިރު ރައީސް ނާސިރު އެ މަސައްކަތް ބައްލަވައިލައްވަނީ: އެންމެ ކުރީއްސުރެ ވެސް ދިވެހީންނަކީ އެކިފައްނުތަކުން އަރައިތިބިބައެއް: ސަން ފައިލްފޮޓޯ

ދުނިޔޭގެ ތާރީޚުން ދިވެހިންގެ ކާބަފައިން ހޯދާފައިވާ ޖާގައަކީ ސެލިއުޓު ކުރުން ޙައްޤު ކަމެކެވެ. އެބައި މީހުންވަނީ އަމިއްލަ ވަޒަނުން ފުރައިގެން ދުރު ކަރަތަކަށް ޤަދީމީ ޒަމާނުގައި ދަތުރުކޮށްއުޅު ކަނޑު ދަތުރުވެރިންގެ ތެރޭގައި ހިމެނިފައެވެ.

މިދަންނަވަނީ ދުނިޔޭގެ ޗާޓު ކުރެހި ޢާންމުވެފައި ނެތް ޒަމާނެއްގެ ވާހަކައެވެ. "ޖީޕީއެސް" އަދި "ރާޑަރު" ވުޖޫދަށް އައިސްފައި ނުވާ ދުވަސްވަރެއްގެ ވާހަކައެވެ. "ސެޓެލައިޓު ނެވިގޭޝަން" ޚިޔާލަށްވެސް އައިސްފައި ނެތް ދުވަސްވަރެއްގެ ވާހަކައެވެ. ނަމަވެސް 362މ.ގައި ރޯމްގެ އެމްޕެއަރ ޖޫލިއަން ޕަރްޝިއާ އަށް ވަޑައިގަތުމުން، އެ ރަސްގެފާނަށް މަރުޙަބާ ދަންނަވަން ދިވެހިން ދަތުރުކޮށްފައިވާކަން ތާރީޚު ހެކިދެއެވެ. 658މ. އާއި662މ.ގައިވެސް ޗައިނާގެ އެމްޕެރަރ އަރިހަށް ވެދުން ހިފައިގެން ދިވެހިން ދަތުރުކުރި ކަމުގެ ސާފު ހެކި ލިބެއެވެ. އެއީ ރާއްޖެ އިސްލާމްވުމުގެ 450 އަހަރު ކުރިއެވެ.

ތާރީޚީ އެހެން ޙާދިސާއަކަށް ބަލާލަމާ ހިންގަވާށެވެ. އެއީ މީލާދީން 1503 ވަނަ އަހަރެވެ. މިއީ ދިވެހިން ޕޯޗުގީޒުންނާއި ދިމާވި ފުރަތަމަ ވަގުތެވެ. ނަމަވެސް އެއީ ބިރުވެރިކަމުން ފުރިގެންވި ޙާދިސާ އެކެވެ.

މަންޒަރު ސިފަކުރާނަމަ، ފެންނަނީ ދިވެހި އޮޑިފަހަރު، ރާއްޖޭގެ އުފެއްދުންތައް ހިފައިގެން މަލިކު ކަނޑުން މަލަބާރު ކަރައަށް ދަތުރުކުރަމުންދާ މަންޒަރެވެ. ޕޯޗުގީޒުންގެ ނައުފަހަރު އެ ހަތަރު އޮޑިއާއި އަރާހަމަކޮށް، އެ އޮޑިފަހަރު ހުއްޓުވާ ފާސްކުރަންފެށި މަންޒަރެވެ. އެ ހަތަރު އޮޑި ބަރާކޮށްފައި އޮތީ، ރޯނާއި ބޮއްޔާއި ހިކިމަހާއި އުއި ފޮއްޗާއި ފަށުއި ފޭރާމާއި ބާދަލާ ބޭނުންކޮށްގެން ދިވެހިން ވިޔެފައި ހުންނަ ރުމާ ފަދަ ދާގީނާ ތަކުންނެވެ. އޭރު މި ހަތަރު އޮޑީގައިވެސް މިތަކެތި ރާއްޖޭން ގަންނަން ދަތުރުކުރި ކާލީކޯޓުގެ ވިޔަފާރިވެރިންވެސް ތިއްބެވެ.

މިދެންނެވި ދުވަސްވަރަކީ، ޕޯޗުގީޒުންނާއި ކަންނަންނޫރު ރަސްގެފާނާއި ދެމެދު، މުޢާހަދާއެއް ކުރައްވާފައި އޮތް ދުވަސްވަރެކެވެ. އެ މުޢާހަދާގައި ބުނާގޮތުން، މަލަބާރު ކަރައިގެ އައްސޭރީގެ ކަނޑުތަކުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ހުރިހާ ވިޔަފާރިއަކީ ޕޯޗުގީޒު ރަސްގެފާނުގެ ޙައްގެކެވެ. އަދި މިއާއި ދެކޮޅަށް ޢަމަލުކުރާ އުޅަނދުފަހަރަށް ޙަމަލާދޭނެކަން، ޕޯޗުގީޒުންގެ ވައިސް ރޯއީ ވަސްކޯ ޑަ ގާމާ، ވަނީ އަންގާފައެވެ.

މައްސަލަ ހޫނުވެ، ދިވެހި އޮޑިފަހަރަށް ޕޯޗުގީޒުން އަންގަމުންދިޔައީ އޭގައިތިބި ކާލީކޯޓުގެ ވިޔަފާރިވެރިން ދެއްކުމަށާއި އެހެން ނޫންނަމަ 4 އޮޑި އަންދާލާނެ ކަމަށެވެ. ދިވެހިން ކާލީކޯޓުގެ މީހުން ދެއްކުމުން، އެއް އޮޑީގެ މުދާތައް ހުސްކޮށް އެ އޮޑިއަށް އެމީހުން އެރުވުމަށްފަހު، އޮޑިޔާއެކު އަންދާލިއެވެ. ދިވެހިން ދޫކޮށްލީ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އިންޒާރު ދީފައެވެ.

އިސްވެ ދެންނެވި ޙާދިސާގެ މަންޒަރު ސިފަކޮށްދިނުމުގެ ބޭނުމަކީ، މިދެންނެވި ޒަމާނުގައިވެސް، ކަނޑު ދަތުރުފަތުރަށާއި ވިޔަފާރިއަށް ކާބަފައިން ކުރިއަރާފައިވާ މިންވަރު ހާމަކޮށްދިނުމެވެ. އަދި އެޒަމާނުގައިވެސް ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިންގެ މުހިންމުކަން ސަރަޙައްދުން ފެންނަން އޮތް މިންވަރު ދަންނަވައި ދިނުމެވެ. އެކަން އަންނަނިވި ޖުމްލައިން މާބޮޑަށް ފެނިގެން ދެއެވެ.

މީލާދީން 1500ގެ ތެރޭގައިވެސް، އިންޑިއާ ކަނޑުގައި ދުއްވާ ނައުފަހަރަށާއި، ސަރަޙައްދީ ބައެއް ޤައުމުތަކަށް، ރާއްޖެއަކީ ވަރަށް ބޭނުންތެރި ޤައުމެކެވެ. އެއީ އެ ނައު ފަހަރުގައި ބޭނުންކޮށް އުޅުނީ، ދިވެހި ރޯނުން އަޅައިފައިވާ ވަލެވެ. އަދި އެ ނައުފަހަރުގެ މަޑޫތައް ކޮޅަން ބޭނުންކޮށް އުޅުނީ ރާއްޖޭގެ ބޮނބިފަތެވެ. އަނެއްކޮޅުން އޮޅިއްސާ އާއި ބަންގާޅާއި ބަރުމާގެ ޕެގޫ އާއި އަރަކަން ކިޔާ ހިސާބުތަކުގައިވެސް ފައިސާގެ ގޮތުގައި ގެންގުޅުނީ ދިވެހި ބޮއްޔެވެ.

ޤަދީމީ ޒަމާނުގެ ކާބަފައިންނަކީ، އިންޑިއާ ކަނޑުގެ ދަތުރުވެރިންނަށް ވިޔަފާރި ކޮށްއުޅު ހުޝިޔާރު ބައެކެވެ. ހިއްކާފައިހުންނަ ކަނޑުމަހާއި މާވަހަރާއި ރާއްޖޭގައި ވިޔެފައިހުންނަ ރީތި ފޮއްޗަކީވެސް މި ވިޔަފާރީގެ އެއްބައެވެ. އޭގެ މާނައަކީ، މިއަދު ބޭރުން ފޮތި އިމްޕޯޓުކުރަމުން އަންނަ ދިވެހި ރާއްޖެއަކީ، 1500މ.ގެ ކުރިން ފޮތިވިޔެގެން އެކްސްޕޯޓުކުރި ޤައުމެކެވެ. ފޮތީގެ އެކްސްޕޯޓުގެ ތެރޭގައި ރުމާވިޔެގެން ރުމާ އެކްސްޕޯޓު ކުރުމަކީވެސް ދިވެހިންގެ ވިޔަފާރީގެ ބައެކެވެ.

މިތާނގައި ތިޔަ ކިޔުންތެރިޔާ އާއި އަޅުގަނޑު ސުވާލުކުރަމުން މިގެންދަނީ "އަދިވެސް މޮޅީ ކާބަފައިންނެއް ނޫންހެއްޔެވެ؟"، މި ސުވާލެވެ. އެއީ އިސްވެ ދެންނެވި ވާހަކަތަކުން، ދިވެހި ކާބަފައިން އެކި ފަންނުތަކުގައި ކުރިއަރާފައިވާ މިންވަރު މާބޮޑަށް އިޙުސާސް ކުރެވޭތީއެވެ.

މިއަދު އަޅުގަނޑުމެން މިތިބި "ދިވެހިރާއްޖެ" ބޭރުގެ ބާރުތަކުގެ ޝިކާރަޔަކަށްވީ ހިނދު، މިނިވަންކޮށްދެއްވީ ކާބަފައިންގެ ފުރާނައިން ޤުރުބާން ވެގެންނެވެ. އެމީހުންނީ ހަނގުރާމައަށްވެސް އެހައިމެ ހުޝިޔާރު ބައެކެވެ.

ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގައި ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމުން، އަނެއްކާވެސް ރާއްޖެ ހިފަން އެމީހުން ހަނގުރާމައަށް އައެވެ. ޕޯޗުގީޒުންގެ ލިޔުންތަކުން އެނގޭގޮތުގައި މެދުނުކެނޑި ތިން އަހަރު ދިވެހިންނާއި ޕޯޗުގީޒުން ހަނގުރާމަކޮށް މާބޮޑު ކުރިއެރުންތަކެއް ނުލިބިގެން އެންމެފަހުން އެގްރިމަންޓެއް ކުރަންޖެހުނެވެ. އެއީ ބޮޑުތަކުރުފާނުގެ ރަސްކަމުގެ ދުވަސްވަރެވެ. 1576 މ. ގައެވެ.

މި މުޢާހަދާގައި ދެފަރާތުން އެއްބަސްވީކަމަށް ޕިރާޑު ލިޔުއްވާފައިވަނީ، "ދިވެހި ރަސްރަސްކަލުންނާއި އެބޭފުޅުންގެ ރައްޔިތުން ސުލްޙަ މަސަލަސް ކަމުގައި އިހުފަދައިން ވެރިކަންކުރަން ދޫކޮށްލުމަށެވެ."

އިސްވެ ދެންނެވި، ކަންކަމުން އަޅުގަނޑަށް ޔަޤީންކުރެވެނީ، ދިވެހި ކާބަފައިންގެ ހިތްވަރު ގަދަކަމެވެ. ނެވިގޭޝަނަށް އެޒަމާނުގައިވެސް އެމީހުން މާބޮޑަށް ކުރިއަރާފައި ތިބި ކަމެވެ. އުފެއްދުންތެރިކަމާއި ވިޔަފާރީގައިވެސް އެމީހުން އަދާކޮށްފައި އެވަނީ، އެޒަމާނުގައި ރަށްވެހިކަން ޤާއިމްކުރި އެހެން ޙަޟާރަތްތަކުގެ ރައްޔިތުންނާއި އަޅާބަލާއިރު، ވަރަށް މަތިވެރި

ދައުރެއް ކަމެވެ. އަޅުގަނޑުމެނަނަށް ލިބިހުރި ކޮންމެ ހުނަރަކީ، ކާބަފައިންގެ ޖީނުން ވާސިލްވި ހުނަރެވެ. އަޅުގަނޑުމެންނީ ކާބަފައިންނަށް ފަޚުރުވެރިވުން ޙައްޤު ރައްޔިތެއްކަމެވެ. އެއީ ކޮންމެ ދިވެއްސެއްގެ ފަޚުރަށް ހަދަންޖެހޭ ކަމެވެ. މިހިނދުވެސް ހިތަށް ވަންނަނީ ކުރިން ދެންނެވި ސުވާލެވެ. "އަދިވެސް މޮޅީ ކާބަފައިން ނޫންހެއްޔެވެ.؟".

comment ކޮމެންޓް