ދެކުނު ކޮރެއާ އިން ފުރަތަމަ ފަހަރަށް ޒިކާ ވައިރަސް ފެނިއްޖެ

ދެކުނު ކޮރެއާ އިން ފުރަތަމަ ފަހަރަށް ޒިކާ ވައިރަސް ފެނިފައިވާ ކަމަށް އެގައުމުން މިއަދު ބުނެފި އެވެ.

އެގައުމުގެ ސެންޓަރު ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުން، ޒިކާ ވައިރަސް ފެނިފައި ވަނީ ބްރެޒިލް އިން އެގައުމަށް އައި 43 އަހަރުގެ ފިރިހެނެއްގެ ގައިން ކަމަށެވެ. އަދި އޭނާ މިހާރު ކަރަންޓީނުކޮށް ގުވާންޖޫ ސިޓީގައި ފަރުވާ ދެމުންދާ ކަމަށް އެ ސެންޓަރުން ބުނެ އެވެ.

މަދިރީގެ ޒަރިއްޔާ އިން ޖެހޭ ޒިކާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް އާއްމު ސިއްހަތުގެ ކުއްލި ނުރަކްލުގެ ހާލަތު މިދިޔަ ފެބްރުއަރީ މަހު އިއުލާންކޮށްފަ އެވެ. އަދި އެ ބަލި އެންމެ ހަލުވިކަމާ އެކު ފެތުރިފައި ވަނީ ބްރެޒިލް އަދި އެމެރިކާގެ ހިސާބުތަކުގަ އެވެ.

މީގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ވަނީ ޒިކާ ވައިރަސް ފެނިފަ އެވެ.

ޒިކާ ވައިރަސް ޖެހިފައިވާ މީހުން ވިހާ ތުއްތު ކުދިންގެ ބޮލުގެ ނާށިގަނޑާއި ސިކުނޑި އައިބު ވާކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކަމާ ބެހޭ މާހިރުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ބޮލުގެ ނާށިގަނޑާ ސިކުނޑި އައިބު ވުން ނުވަތަ "މައިކްރޯސެފަލީ" ހުންނަ ކުދިންގެ ބޮލާއި ސިކުނޑި ރަނގަޅަށް ނުއުފެދޭ އިރު، އެއާއި ވިދިގެން ވިސްނުމުގެ އުނިކަމާއި، ފެނުމާއި އަޑު އިވުމުގެ މަހްރޫމުކަމުން ފެށިގެން ޅަ އުމުރުގައި މަރުވުމުގެ ފުރުސަތު އެކުދިންނަށް ބޮޑެވެ.

މައުލޫމާތު: ބީބީސީ، ރޮއިޓާސް

comment ކޮމެންޓް