މެކޭނިކަލް ޕާކިން ސިސްޓަމް މާލެ ގެނެސް، އިންސްޓޯލުކުރަން އެސްޓީއޯއާ ހަވާލުކޮށްފި

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މެކޭނިކަލް ޕާކިން ސިސްޓަމް ރާއްޖެ ގެނެސް އިންސްޓޯލް ކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި މިނިސްޓްރީގެ ފަރާތުން އެއެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ.

މިނިސްޓަރު މުއިއްޒު "ސަން"އަށް މިރޭ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ކާރު ޕާކް ކުރުމަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމާއި ސައިކަލަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމް ބެހައްޓާނެ ކަމަށެވެ.

"މި ބަލަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ބެހެއްޓި އަދި ހަ މަސް ދުވަހުގެ ތެރޭގައި އިންސްޓޯލްކޮށް ނިމޭނޭ މާލޭގެ 20 ސަރަހައްދެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ސިސްޓަމުގެ ތެރެއިން ޕާކުކުރެވޭނެ އަދަދާއި އެހެނިހެން ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެސިސްޓަމަކީ ކުޑަ ޖާގަތަކުގައި ބުރިބުރިއަށް ވެހިކަލް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ސިސްޓަމެކެވެ.

comment ކޮމެންޓް