އަވިން ހަކަތަ އުފައްދާ 1.6 މެގަވޮޓުގެ ނިޒާމު އަންނަ މަހު އައްޑޫގައި ގާއިމު ކުރަނީ

އައްޑޫ ސިޓީ: ފައިލް ފޮޓޯ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފައްދާ 1.6 މެގަވޮޓުގެ ނިޒާމު އަންނަ މަހު ގާއިމުވެގެންދާނެ ކަމަށް އެންވަޔަރަންމެންޓު މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުން ހަކަތައިގެ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް އެންވަޔަރަންމެންޓް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ އަވިން ހަކަތަ އުފައްދާ 1.6 މެގަވޮޓުގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ސާމާނު އޭޕްރީލް މަހުގެ މެދެއްހާ ހިސާބުގައި ރާއްޖެ ގެނެވޭނެ ކަމަށެވެ.

އަދި އޭޕްރީލް މަހުގެ ފަހުކޮޅުގައި އެތަކެތި ފުރާޅުތަކުގައި ހަރުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމު ކުރުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށްޓަކައި މިނިސްޓްރީގެ ޓީމެއް އެ ދެ ރަށުގައި މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ހަމައެއާއެކު އަންނަ މެއި މަހު އިތުރު ހަތަރު ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މެއި މަހު މަސައްކަތް ފެށޭ ރަށްތަކާއި، މަސައްކަތުގެ ތަފްސީލް:

  • ބ. ގޮއިދޫ - 200 ކިލޯވޮޓުގެ ނިޒާމެއް.
  • ޅ. ކުރެންދޫ - 300 ކިލޯވޮޓުގެ ނިޒާމެއް.
  • ތ. ބުރުނި - 100 ކިލޯވޮޓުގެ ނިޒާމެއް.
  • ގއ. ވިލިނގިލި - 300 ކިލޯވޮޓުގެ ނިޒާމެއް.

އޭގެ އިތުރުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމު އަޕްގްރޭޑު ކުރުމުގެ މަސައްކަތުގެ ބީލަން ތައްޔާރު ކުރަމުން އަންނަ ކަމަށާއި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަންނަ މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ހަދަންޖެހޭ ދިރާސާތައް މިހާރު ނިމިފައިވާ ކަމަށާއި ށ. އަތޮޅުގައި އެ މަސައްކަތްތަށް ބޭނުންވާ ދިރާސާ މި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމެން ވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދުވާލުގަޑީގައި ކަރަންޓު ބޭނުންވާ މިންވަރުގެ އެންމެ މަތީ ލޯޑުގެ 30 ޕަސެންޓާ އެއްވަރަށް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމެވެ.

comment ކޮމެންޓް