ޒުވާނުން ބާރުވެރިކޮށް ކުރިއެރުވުމަށް ގުޑްވިލް ފަސް އެމްބަސަޑަރަކު އައްޔަންކޮށްފި

ގުޑްވިލް އެމްބަސަޑަރުންނަށް ހޮވުނު ފަސް ޒުވާނުންނަށް އެކަމުގެ ޓްރޮފީއާއި ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޒުވާނުން ބާރުވެރިކޮށް ކުރިއެރުވުމަށް ފަސް ގުޑްވިލް އެމްބަސަޑަރަކު އައްޔަން ކޮށްފި އެވެ.

ގުޑްވިލް އެމްބަސަޑަރުންނަށް ހޮވުނު ފަސް ޒުވާނުންނަށް އެކަމުގެ ޓްރޮފީއާއި ލިޔުން ހަވާލު ކުރުމަށް މިރޭ ހިރިޔާ ސުކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ފަރާތްތަކާ ޓްރޮފީއާއި ލިޔުން ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.

ގުޑްވިލް އެމްބަސަޑަރުންނަށް ހޮވުނު ފަސް ޒުވާނުންނަށް އެކަމުގެ ޓްރޮފީއާއި ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ފުރަތަަމަ ފަހަރަށް ކަނޑައެޅިގެންދިޔަ ޒުވާނުންނަކީ މަސައްކަތްތެރިކަމުގެ ދާއިރާއިން ބައިނަލްއަގުވާމީ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ޒުވާނުންތަކެއް ކަމަށެވެ.

"މި ޒުވާން ކުދިންނަކީ މުޖުތަމައު ބަލައި ގަންނަ ފެންވަރުގެ އަހުލާގެއް ހުރި ނަމޫނާ ހުނަރުވެރި މަސައްކަތްތަކެއްކޮށް ކާމިޔާބީތަކެއް ހާސިލު ކޮށްފައިވާ ޒުވާނުން ކަމަށް ވުމީ އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ތާނގައި ތަފާތު އެކި ދާއިރާތަކުން ކާމީޔާބީ ހާސިލުކޮށްފައިވާ ހުނަރުވެރި، އަހުލާގު ރަނގަޅު ނާމޫނާ ޒުވާނުންނަށްވެސް އެ ފުރުސަތު ފަހި ވެގެންދާނެ ކަމަށެވެ.

"ތަފާތު އެކި ރޮނގު ރޮނގުން ހުނަރުވެރި ޒުވާނުންނަށް މި ޝަރަފު ދިނުމަށް ސަރުކާރުގެ ފަރާތުން ވަނީ ނިންމާފައި،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ގުޑްވިލް އެމްބަސަޑަރުންނަށް ހޮވުނު ފަސް ޒުވާނުންނަށް އެކަމުގެ ޓްރޮފީއާއި ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ރާއްޖެ މިހާރު ގޮސްފައިވާ ހިސާބުން ވިސްނުމާ ފިކުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ވެފައިވާ ގޮތުގެ ސަބަބުން އިހު ނެތް ތަފާތު ގިނަގުނަ މައްސަލަތަކެއް އަޅުގަނޑުމެންގެ ތެރޭގައި ހުރި ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ،" ސްޓޭޓު މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޭޓު މިނިސްޓަރު ވިދާޅުވީ، ގުޑްވިލް އެމްބަސަޑަރުން އައްޔަން ކުރުމުގެ ބޭނުމަކީ ދަރުމަވެރިކަމަށް ޒުވާނުންގެ ހިތް ޖައްސައި އެ ޒުވާނުންގެ އަގުވަޒަން ކުރުން ކަމަށެވެ.

"ސުކޫލް ތައުލީމުގެ ތެރެއިން ހިންގޭ އެކިއެކި މަސައްކަތްތައް އާއްމު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ އެކަންކަމަށް މީހުން ހޭލުންތެރިކޮށް ޝައުގުވެރި ކުރުވުން. އަދި ވަކިން ހާއްސަކޮށް ވަޒީފާތަކަށް ޒުވާނުން ނެރުމަށް ހިތްވަރުދީ އެކަންކަމަށް ބޭނުންވާ ކުދިން އުފައްދައި ނެރުން،" ސްޓޭޓު މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގުޑްވިލް އެމްބަސަޑަރު ކަމަކީ ކަނޑައެޅިފައިވާ މުއްދަތަކަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ދާއިރާތަކެއްގައި މަސައްކަތް ކުރުމަށް ހަވާލު ކުރެވޭ ލަގަބެއް ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ގުޑްވިލް އެމްބަސަޑަރުންނަށް ހޮވިފައިވަނީ، ގައުމީ ޔުނިވާސިޓީގެ ޓޫރިޒަމް ފެކަލްޓީގައި ކިޔަވަމުން އަންނަ ފަސް ދަރިވަރެ ކެވެ. އެގޮތުން އެމްބަސަޑަރުންނަށް ހޮވިފައިވަނީ ޓޫރިޒަމް ފެކަލްޓީގެ އައިޝަތު މައިޝާ އާއި ޒާރާ އަބްދުލް އަޒީޒު، ފާތިމަތު ސާނިހާ މައުސޫފް އާއި އަހްމަދު މާދިހް ގެ އިތުރުން މަރިޔަމް ރަފްޝާ އެވެ.

ގުޑުވިލް އެމްބަސެޑަރުކަމުގެ މުއްދަތަކީ އައްްޔަން ކުރެވޭ ދުވަހުން ފެށިގެން ދެ އަހަރެވެ.

comment ކޮމެންޓް