ބައެއް ގާނޫނުތައް ފާސްކޮށްފައިނުވުމުން ހުރަސްތަކެއް ކުރިމަތިވޭ: ބިޝާމް

މިރޭގެ ރަސްމިއްޔާތުގައި ޕީޖީ ބިޝާމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު އާޒިފް

ބައެއް ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިނުވާތީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތައް އެކަށީގެންވާގޮތުގައި ކުރިއަށްގެންދަން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުގެ 2019-2016 ވަނަ އަހަރުގެ ނިޔަލަށް ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުމަށް މިރޭ ބަނޑޮސް އައިލެންޑު ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ބިޝާމް ދެއްކެވި ވާހަކަފުޅުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހެއްކާ ބެހޭ ގާނޫނާއި ވިޓްނަސް ޕްރޮޓެކްޝަން ގާނޫނުފަދަ މުހިންމު ގާނޫނުތައް އަވަހަށް ތައާރަފްވެގެން ދިޔުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

"ޖިނާއީ އަދުގެ ނިޒާމަށް ވަކިން ޚާއްސަކޮށް ޕްރޮސިކިއުޝަންގެ މަސައްކަތަށް ބޭނުންވާ މުހިންމު ގާނޫނުތައް ފާސްވެފައި ނެތުމުން މި އޮފީހުގެ މަސައްކަތްތައް އެންމެ ފުރިހަމަގޮތެއްގައި ކުރިއަށްގެންދަން ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ފާހަގަކުރަން،" ބިޝާމް ވިދާޅުވިއެވެ.

ބިޝާމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގައި އަމަލުކުރަމުންދާ މައިގަނޑު ސިޔާސަތަކީ 2008 ވަނަ އަހަރު ބަންޑާރަ ނައިބު ކަނޑައަޅުއްވާފައިވާ ސިޔާސަތެއް ކަމަށެވެ. 2008 ވަނަ އަހަރުގެފަހުން ހިނގައިދިޔަ މުއްދަތުގައި ގާނޫނީ ނިޒާމާއި ކުށުގެ ތޮބީއަތަށާއި ނިސްބަތަށް އައިސްފައިވާ ބަދަލަށް ބަލާއިރު މިހާރު އޮތް ސިޔާސަތަކީ މިއަދުގެ ހާލަތަށް އެންމެ އެކަށޭނަ ގޮތަކަށް އޮތް ސިޔާސަތެއް ނޫން ކަމަށް ވާތީ އެ ސިޔާސަތު އަލުން މުރާޖާކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ޕީޖީ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ޖުވެނައިލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަހްމަދު ޝަކީލް ވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް