ކުރި ތަހުލީލުތަކުން "މާވަހަރު"، ތެޔޮގަނޑަކަށް، ނަމަވެސް ވިކިއްޖެ

މަހަށް ނުކުމެ އުޅެނިކޮށް، މާވަހަރެއް ކަމަށްހީކޮށް ފޯކައިދޫ ދޯނިން ހޮވި "ތެޔޮގަނޑު"-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އާދީއްތަ ދުވަހު ށ. ފޯކައިދޫ ދޯންޏަކުން ހޮވި 60 ކިލޯގެ އެއްޗަކީ މާވަހަރެއް ކަމަށް ތަހުލީލުތަކުން ނުދައްކާ ކަމަށާއި އެއީ "ތެޔޮ ގަނޑެއް" ކަމަށް އޭތި ހޮވި ދޯނީގެ ކެޕްޓަން ބުނެފި އެވެ.

"ސަން"އާ ވާހަކަ ދައްކަމުން "މާކަރީ" ދޯނީގެ ކެޕްޓަން އަލީ ހުސައިން މިރޭ ބުނީ، މާލޭގައި ކުރި ތަހުލީލުތަކުން އެއީ މާވަހަރެއް ކަމަށް ޔަގީން ނުވިޔަސް އެ ތެޔޮގަނޑު ލައްކައަކަށް ވުރެ ގިނަ ރުފިޔާއަށް ވިކިފައިވާ ކަމަށެވެ.

"ކިލޯއެއް 2000 ރުފިޔާ އަށް، ޖުމްލަ 120،000 ރުފިޔާ އަށް އިއްޔެ އިރުއޮއްސުނު ވަގުތު ވިކިއްޖެ،" އަލީ ހުސައިން ބުންޏެވެ.

އޭނާ ބުނީ، 60 ކިލޯގެ "ތެޔޮގަނޑު" ވިކުނު ނަމަވެސް، އެއިން ސާމްޕަލެއް ނަގައިގެން ރާއްޖެއިން ބޭރުން ތަހުލީލުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މަހަށް ނުކުމެ އުޅެނިކޮށް، މިދިޔަ އާދީއްތަ ދުވަހު 60 ކިލޯގެ މާވަހަރު ހޮވި ށ. ފޯކައިދޫ "މާކަރީ 7" ދޯނި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބޭރުގައި ކުރާ ތަހުލީލުތަކުން އެއީ މާވަހަރެއް ކަމަށް ޔަގީންވެއްޖެނަމަ އޭގެ އަގު ދޯންޏަށް ދޭނެ ކަމަށް "ތެޔޮގަނޑު" ގަތް ފަރާތުން ބުނި ކަމަށް ވެސް މާކަރީ ދޯނީގެ ކެޕްޓަން ބުންޏެވެ.

"މާވަހަރެއްގެ ގުރާމެއް މިއުޅެނީ 26 ނޫނީ 27 ޑޮލަރަށް. އަޅުގަނޑުމެން ހަދާ ޓެސްޓުތަކުން ވެސް އެއީ މާވަހަރަކަށް ވެއްޖިއްޔާ އޭގެ އަގު ދޭނެ ކަމަަށް އޭނާ ބުނި،" އުމުރުން 50 އަހަރުގެ އަލީ ހުސައިން ބުންޏެވެ.

"ސަތޭކައެއްހާ މީހުން އެ ވަގުތު ތިބި. އެ އެންމެން ހެކިކޮށް، އޭތި ގަތް މީހާ ބުނީ އެއީ މާވަހަރަކަށް ވެއްޖެއްޔާ އޭގެ އަގު ދޭނެ ކަމަށް."

މަހަށް ނުކުމެ އުޅެނިކޮށް، މާވަހަރެއް ކަމަށް ހީކޮށް ފޯކައިދޫ ދޯނިން ހޮވި ތެޔޮގަނޑު"- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މާކަރީ" ދޯނިން ހޮވީ ތެޔޮގަނޑެއް ކަމަށް ބުނެފައިވާއިރު، އެ ބާވަތުގެ އެއްޗެހިތަކެއް 2012 ވަނަ އަހަރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނުނެވެ. އެ ތަކެތި ތަހުލީލު ކުމުން އެނގުނީ އެއީ ޖަނަވާރުގެ ސަރުބީތަކެއް ކަމެވެ. އެ ސަރުބީތަކަކީ ކާބޯތަކެތި އުފައްދާ ފެކްޓްރީތަކުގައި ކެއްކުމަށްޓަކައި ކުކިން އޮއިލްގެ ބަދަލުގައި ބޭނުންކުރާ އެއްޗެކެވެ.

ހުދަންބަރު މާވަހަރު ދެނެގަންނާނެ ގޮތް:

  • ސައިޒަށް ވުރެ ބަރުދަން ލުއިވާނެ
  • އުއްބައްތީގެ އުށް ނުވަތަ ވެކްސް އަށް ވުރެ ހަރުވާނެ
  • ބޭރު ފުށުން ހުދުކުލަ ހުއްޓަސް އެތެރޭގައި އަޅިކުލަ ހުންނާނެ
  • ނުބައި ވަހެއް ނުދުވާނެ
  • 'ގޮމަ ނިޔަފަފަތި' ހުންނާނެ (ރަސް އައިނު މަތީގައި ނުވަތަ އެން ތިލަވެގެން އުޅޭ ވަގުތު ކަނޑަށް ތިރި ކުރާ ގޮމަ ދޫނި ކެއުމުގެ ސަބަބުން ބޮޑުމަހުގެ ބަނޑުތެރޭގައި ހަޖަމުނުވެ، މައިދާގައި ހަރުލާފައި ހުންނަ ގޮމަ ދޫނީގެ ނިޔަފައްޗާއި ތުންގަނޑު)
ގުޅޭ ޓެގު
comment ކޮމެންޓް