ހުޅުމާލޭގައި 10،000 ފުލެޓު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ހަވާލު ކުރާނަން: ރައީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގެ ސަރަހައްދު: ފައިލް ފޮޓޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 10،000 ފުލެޓު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަސް މުސްތަގުބަލެއްގައި ހަވާލު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އދ. މާމިގިލީގެ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތަށް، ސަރުކާރުން ބޭނުންވާ ޝަރުތުތަކާއި އެކު ގިނަ އަދަދެއްގެ ބޭރުގެ ކުންފުނިތަކުން ހުޅުމާލޭގައި ފުލެޓު އެޅުމުގެ ޕްރޮޕޯސަލް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދޭތެރެއިން ކުރި މަސައްކަތުގައި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިންވައިޓްކޮށް އަދި ރާއްޖޭގެ ފަރާތްތަކަށް ވެސް އިންވައިޓްކޮށްގެން ސޯޝަލް ހައުސިންއާ އަދި ރިއަލް އެސްޓޭޓް ނުވަތަ މިކްސް ހައުސިން ޕްރޮޕޯސަލްތަކެއް މިހާރު އެހެރީ ގެނެސްފައި. ރައީސް އޮފީހުގައި އެ ޕްރޮޕޯސަލްތައް އެބަހުރި. އެ ޕްރޮޕޯސަލްތަކަށް ބަލާއިރު އަޅުގަނޑުމެން ދައުލަތުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ، އެއީ އެތަންތަނަށް ވަންނަ މީހުންނަށް އެކަށީގެންވާ އަގެއްގައި ރެންޓު ދެއްކޭނެ އަދި ދައުލަތުން ދައްކަންޖެހޭ ފައިސާ ދައުލަތަށް ވެސް ދެއްކޭ ގޮތަށް ހަދާފައިވާ ޕްރޮޕޯސަލްތަކެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އދ. މާމިގިއްޔަށް ރައީސް ޔާމީން މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ފަސް އަހަރު 13،000 އަށް ވުރެ ގިނަ ފްލެޓް އަޅާނެ ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަދުވެގެން 10،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ވަނީ 2،028،510.8 އަކަ ކިލޯ މީޓަރުގެ ބިން ހިއްކައިފަ އެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ހުޅުމާލޭގައި ސޯޝަލް ހައުސިންގެ ގޮތުގައި އިމާރާތްކުރަން ހަމަޖެހިފައި ވަނީ 7120 ހައުސިން ޔުނިޓާއި މެދު ފަންތީގެ ހައުސިން ޔުނިޓްގެ ގޮތުގައި 3000 ހައުސިން ޔުނިޓެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވެސް ސޯޝަލް އަދި މެދު ފަންތީގެ ހައުސިންއަށް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މަޝްރޫއު ކުރިޔަށް ގެންދާނީ ޑިވެލޮޕާގެ އަމިއްލަ ހަރަދުގައި ކަމަށާއި އެއްބަސްވާ މުއްދަތުގެ، ދެ އަހަރުގެ ތެރޭގައި 500 ހައުސިން ޔުނިޓް ނިންމަން ޖެހޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

comment ކޮމެންޓް