ސަރުކާރުގެ ވިސްނުން ހުރީ ޕްރައިވެޓް އެއާޕޯޓުތަކެއް ތަރައްގީ ކުރުމަށް: ސިޔާމް

ހޮޓެލް އިންވެސްޓްމަންޓު ކޮންފަރެންސް އޭޝިޔާ ޕެސިފިކް އަޕްޑޭޓުގައި އެމްޑީއޭ ގެ ލީޑަރު އަދި ސަން ސިޔާމް ގްރޫޕުގެ ޗެއާމަން ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް، ކުރިއަށް އޮތް ތަނުގައި ޕްރައިވެޓް އެއާޕޯޓުތަކެއް ތަރައްގީ ކުރުމުގެ ވިސްނުމެއް ސަރުކާރުގައި އެބަހުރި ކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ ގެ ލީޑަރު އަދި ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް މިހެން ވިދާޅުވީ، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ހޮޓެލް އިންވެސްޓްމަންޓު ކޮންފަރެންސް އޭޝިޔާ ޕެސިފިކް އަޕްޑޭޓުގައި ދެކުނު އިރުމަތީ އޭޝިޔާއަށް އަލިއަޅުވާލާ ކުރިއަށް ދިޔަ ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

ހޮޓެލް އިންވެސްޓްމަންޓު ކޮންފަރެންސް އޭޝިޔާ ޕެސިފިކް އަޕްޑޭޓުގައި ސިޔާމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ:

ސިޔާމު ވިދާޅުވީ، އެކި ފެންވަރުގެ ހޮޓެލްތައް ތަރައްގީކޮށް، އިތުރު ރިސޯޓުތައް ހުޅުވިގެން ދިއުމާއެކު ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އަދި ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީ ކުރުމަކީވެސް ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށާއި ހާއްސަކޮށް ޕްރައިވެޓް އެއާޕޯޓްތައް ތަރައްގީ ކުރެވިގެންދާނެ ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އަތޮޅުތަކުގައި ގިނަ އަދަދެއްގެ ޑޮމެސްޓިކް އެއާޕޯޓު ހުޅުވިގެން ދާނެ. އަދި ގިނަ އެއާޕޯޓުތައް ޕްރައިވެޓު އެއާޕޯޓުތަކުގެ ގޮތުގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް،" އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ، ދިވެހިރާއްޖެއަށް މިދިޔަ އަހަރުވެސް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށާއި، 2018 އަންނަ އިރު އެ އަދަދު ހަތް މިލިއަނަށް އިތުރު ކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.

ހޮޓެލް އިންވެސްޓްމަންޓު ކޮންފަރެންސް އޭޝިޔާ ޕެސިފިކް އަޕްޑޭޓް އިވެންޓްގެ ތެރޭން -- ސަން ފޮޓޯ

ނަމަވެސް ފަތުރުވެރިންގެ އަދަދު އިތުރު ކުރަން ބޭނުންވާ ނަމަ، އެ އަދަދަށް ހިދުމަތް ދެވޭނެ އެއާޕޯޓުތަކާއި، ރިސޯޓު އަދި ހޮޓެލްތައް ބޭނުންވާނެ ކަން ސިޔާމް ފާހަގަ ކުރެއްވި އެވެ.

"އެހާވަރަކަށް ރާއްޖޭގައި ބެޑް ކެޕޭސިޓީއެއް ނެތް. އަނެއްކާ އެއާޕޯޓުވެސް އެހާ ގިނަ ފްލައިޓުތައް ޖެއްސޭ ވަރަކަށް ޖާގައެއް ނެތް،" ސިޔާމު ވިދާޅުވި އެވެ.

ނަމަވެސް އާ ރަންވޭ އާ އެއާޕޯޓުތައް އިތުރުވުމުން އެ މައްސަލައަށްވެސް ހައްލެއް އަންނާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ހޮޓެލް އިންވެސްޓްމަންޓު ކޮންފަރެންސް އޭޝިޔާ ޕެސިފިކް އަޕްޑޭޓް އިވެންޓްގެ ތެރޭން -- ސަން ފޮޓޯ

ފަތުރުވެރިކަމަށް އަލިއަޅުވާލައްވައި ސިޔާމް ވިދާޅުވީ، ރާއްޖޭގައި ގެސްޓް ހައުސް އަދި ރިސޯޓުތަކުގެ ވިޔަފާރިވެސް ރަނގަޅު ކަމަށާއި، މައްސަލަތަކެއް ފަތުރުވެރިކަމަށް ކުރިމަތިވެގެން ނޫޅޭ ކަމަށެވެ. އަދި ރާއްޖޭގެ އާންމު ހާލަތުވެސް ރަނގަޅު ކަމަށާއި އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ހަނގުރާމަތަކާއި މީހުން މެރުން ފަދަ ކަންކަން ނެތް ކަމަށް ސިޔާމް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް