މަހާސިންތާގައި 400 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައި: މުއާޒު

މަހާސިންތާގެ ތިން ވަނަ ބުރު ފެށުން -- ސަން ފޮޓޯ

ރައީސް ޔާމީންގެ ކެމްޕޭން ލީޑަރުން ތައްޔާރުކުރުމަށް، ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މަހާސިންތާގެ ތިން ވަނަ ބުރު ފަށާފައި ވާއިރު، މިހާތަނަށް މަހާސިންތާގައި 400 ށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

މަހާސިންތާގެ ތިންވަނަ ބުރު ފަށާފައި ވަނީ މިއަދު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ. މިއަދު ފެށުނު ބުރު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

މަހާސިންތާގެ ތިން ވަނަ ބުރު ފެށުން -- ސަން ފޮޓޯ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މަހާސިންތާއާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގެ ފަރާތުން އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ، މަހާސިންތާގެ ތިން ވަނަ ބުރު ހާއްސަކޮށްފައި ވަނީ މާލެ ސަރަހައްދަށް ކަމަށާއި އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ރައްޔިތުން ހިމެނޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ފަހުގެ ތަފާސް ހިސާބަކީ މަހާސިންތާގައި މިހާތަނަށް 408 ބައިވެރިން. ކުރިން އަޅުގަނޑުމެން ލަފާކޮށްފައި އޮތީ 350 އެއްހާ ބައިވެރިން ކަމަށް. އެހެން ނަމަވެސް 88 ގޮފީގެ 408 ބައިވެރިން މިފަހަރުގެ މި މަހާސިންތާގައި ބައިވެރިވާނެ،" މުއާޒު ވިދާޅުވި އެވެ.

މަހާސިންތާގެ ތިން ވަނަ ބުރު ފެށުން -- ސަން ފޮޓޯ

މިއަދުގެ މަހާސިންތާގައި ރަޖިސްޓްރީ ކުރުމާ، މައުލޫމާތު ސާފު ކުރުމުގެ ކަންކަން ކުރިއަށް ދިޔަ އިރު، ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވަނީ ދަރުބާރުގެއަށް ވަޑައިގެން ބައިވެރިންނާ ބައްދަލު ކުރައްވާފަ އެވެ.

މަހާސިންތާގެ ތިން ވަނަ ބުރު ފެށިގެން ކުރިއަށް ދާއިރު، މެޑަމް ފާތުން ބައިވެރިންނާ ބައްދަލު ކުރައްވަނީ -- ސަން ފޮޓޯ

އެ މަހާސިންތާގެ ފުރަތަމަ ބުރު ހާއްސަކުރީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ދެވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

އެ މަހާސިންތާގައި ބައިވެރިވަނީ ޕީޕީއެމްގެ ގޮފިތަކުން އެ ޕާޓީގެ މަންދޫބުން އެކަންޏެވެ.

comment ކޮމެންޓް