އޭޕްރީލް މަސް ފެށޭއިރު ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ: ދިރާގު

ދިރާގުގެ ފިކްސްޑް ލައިން ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ކޭބަލްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭ މައުލޫމާތު ދިނުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ދަތިވަމުން އަންނަނީ ކުރީގެ ކަސްޓަމާ ސާވިސް ސެންޓަރުގައި ހުރި ޓެކްނިކަލް ސާމާނުތައް އެހެން ސަހަރަހައްދުތަކަށް ބަދަލުކުރަމުން އަންނާތީ ކަމަށާއި، އަންނަ އޭޕްރިލް މަސް ފެށޭ އިރު އެ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ޗާނދަނީ މަގާއި މެދުޒިޔާރަތް މަގާ ގުޅޭ ކަންމަތީގައި ހުރި ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުގައި ހުރި ކޭބަލްތައް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތް މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ.

ދިރާގުގެ ފިކްސްޑް ލައިން ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ކޭބަލްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ، ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ބައެއް ގެތަކުން ހިދުމަތްތައް ކެނޑުމުގެ މައްސަލަ ދިމާވާ ކަމަށެވެ.

"މަސައްކަތް ކުރިއަށްދާވަގުތު ވަރަށް ބޮޑެތި ދަތިތަކާއި ކަސްޓަމަރުންނަށް އެބަ ކުރިމަތިލާންޖެހޭ،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގުގެ ފިކްސްޑް ލައިން ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ކޭބަލްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިމްޖާދު ވިދާޅުވީ، ހިދުމަތަށް ބުރޫ އަރާނީ ގިނަވެގެން 48 ގަޑިއިރަށް ކަމަށާއި، ވީހާވެސް އަވަހަށް މައްސަލަ ހައްލު ކުރުމަށް ދިރާގުގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި މަހުގެ ނިޔަލަށް އަޅުގަނޑުމެން މިތަނުން ފޯރުކޮށްދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް އެހެން ސައިޓަކަށް ބަދަލުކޮށް ނިންމާލެވޭނެ ކަމުގެ އުންމީދުގައި މި މަސައްކަތް ކުރަނީ. ވަރަށް ބޮޑަށް މައާފަށް އެދެން ދިމާވާ ދަތިތަކަށް. އެކަމަކު އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުން މި މަހުގެ ނިޔަލަށް މައްސަލަ ހައްލުވެގެން ދާނެ،" އިމްޖާދު ވިދާޅުވި އެވެ.

އެތައް ހާސް ކޭބަލް ލައިންތަކެއް ކަނޑާލައިގެން ކޭބަލް ބަދަލު ކުރުމުގެ މަސައްކަތް ކުރަންޖެހޭ އިރު، އޭގެ ތެރެއިން 60 ޕަސެންޓު ކޭބަލްތައް ބަދަލު ކުރަނީ ޕޯސްޓަލް ބިލްޑިންގ އަށެވެ.

ދިރާގުގެ ފިކްސްޑް ލައިން ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ކޭބަލްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އެންމެ ކޭބަލްއެއް ބަދަލު ކުރަންވެސް ތިން ގަޑިއިރާއި ހަގަޑިއިރާއި ދެމެދުގެ ވަގުތެއް ހޭދަވޭ،" ދިރާގުގެ ކަސްޓަމަރ އިންސްޓަލޭޝަން އެންޑް މެއިންޓެނަންސް މެނޭޖަރު އިބްރާހިމް ފަޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް