މާމިގިލީގައި ބޯފެނުގެ ނިޒާމުގެ ހިދުމަތް ދޭން ފަށައިފި

އދ. މާމިގިލީގައި ގާއިމްކޮށްފައިވާ ބޯފެނުގެ ނިޒާމް ރައީސް އަބްދުﷲ ޔާމީން ފައްޓަވައިދެއްވަނީ -- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

އދ. މާމިގިލީގައި ސަރުކާރުން ގާއިމް ކުރި ބޯފެނުގެ ނިޒާމުން ހިދުމަތް ދޭން ފަށައިފި އެވެ. މާމިގިލީގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެރަށުގައި ބޯފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.

މާމިގިލީގެ ފެނުގެ ނިޒާމު ގާއިމްކުރަން ޖުމްލަ 50,140,891.10 (ފަންސާސް މިލިއަން އެއް ސަތޭކަ ސާޅީސް ހާސް އަށް ސަތޭކަ ނުވަދިހަ އެއް ރުފިޔާ ދިހަ ލާރި) ރުފިޔާ ހަދުވި ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ. އެމަޝްރޫއު ހިންގީ ދައުލަތުގެ ބަޖެޓުންނެވެ.

މާމިގިލީ ބޯފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރީ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިންނެވެ. އެ މަޝްރޫގެ އަމަލީ މަސައްކަތް ފެށީ 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެމަސައްކަތް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އެވެ.

ފެނުގެ ނިޒާމު ގާއިމް ކުރުމަށް މާމިގިލީގައި ހިންގި މަޝްރޫއުގައި 40 ޓަނުގެ 02 ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާފައިވެ އެވެ. އެ ދެޕްލާންޓުން ދުވާލަކު 80 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެ އެވެ.

ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 500 ޓަނުގެ ތާނގީއެއް ވެސް ވަނީ ބަހައްޓައިފަ އެވެ. އެމަޝްރޫއުގެ ދަށުން 24.6 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް މާމިގިލީގައި ގާއިމްކޮށްފައިވެ އެވެ. އަދި 442 ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ވަނީ ބަހައްޓައިފަ އެވެ.

ފެންއުފެއްދުމަށް ކުރާ ހަރަދު ކުޑަކުރުމަށާއި، ގުދުރަތީ ވަސީލަތްތައް އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ޓަކައި ވާރޭފެން ރައްކާކުރުމަށް 1000 ޓަނުގެ އެއްތާނގީ އަށް ޖަމާކޮށް އެފެނުގެ ސާފުކަން ކަށަވަރު ން ކުރުމަށް ފަހު ބޭނުންކުރާނެ އިންތިޒާމު ވެސް މަޝްރޫއުގެ ދަށުން ވަނީ ހަމަޖައްސާފަ އެވެ.

މާމިގިލީގައި ފެނުގެ ނިޒާމް ހިންގައި ބަލަހައްޓައި، ފެނުގެ ހިދުމަތް ދެމުން ގެންދާނީ އެރަށު ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

މާމިގިލީގައި ބޯފެނުގެ ނިޒާމު ގާއިމު ކުރުމަށް ޝަރުތުކޮށް އެ އަތޮޅު ހުރޯޅި ކިޔާ ފަޅުރަށެއް 2010 ވަނަ އަހަރު ބަޔަކަށް ދިނެވެ. އަދި އެ ރަށް ލިބުނު ފަރާތުން ދައުލަތަށް ވަނީ ކޮންމެވެސް ވަރަކަށް ފައިސާ ވެސް ދައްކައިފަ އެވެ.

comment ކޮމެންޓް