ވެރިކަމަށް ސިޔާސީ ހަންޖެހި ކޮންމެފަހަރަކު، ހަންދިޔައީ ގައުމުންނެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ހައްޔަރު ކުރެވުނު ބައެއް މީހުން ---

ހަންޖެހުމަކީ ކަނޑުމަތީގައި ޙާލުގައި ޖެހޭމީހުން ދެވަނަ ފަރާތެއްގެ އެހީތެރިކަމަށް ގޮވާ ގޮވުމެއް ނުވަތަ އިޝާރަތެކެވެ. އެފަދަ މަންޒަރެއް ފެނި ނުވަތަ އެ ޚަބަރު ލިބުނު އުޅަނދުގެ މީހުން، ޙާލުގައި ޖެހުނު ބަޔެއްގެ ގާތަށްގޮސް އެހީވެދިނުމަކީ ޢާންމު ކަމެކެވެ.

މިފަދައިން އެހީތެރިވެދެނީ އެ އުޅަނދާއި މީހުން ސަލާމަތް ކޮށްދޭށެވެ. އުޅަނދު ސަލާމަތް ކޮށްދެވެންނެތް ޙާލަތްތަކުގައި ޙާލުގައި ޖެހިފައިތިބި މީހުން ސަލާމަތްކޮށްދޭށެވެ. އެޙާލަތަށް ކަންކަން ގޮސްފައި ނުވާނަމަ، އެ އުޅަނދެއްގެ މީހުންނަށް ބޭނުމެއް ޖެހިފައިވާނަމަ، އެ މުހުތާދެއް ފުއްދައިދެއެވެ. ނަމަވެސް "ސިޔާސީ ހަންޖެހުން" އާއި މިދެންނެވި ހަންޖެހުން އަދި މުޅިން ތަފާތެވެ.

ތާރީޚަށް އެނބުރިލަމާ ހިންގަވާށެވެ. ފުރަތަމަ ވެސް ހުޅުވާލަން ޖެހެނީ މަޝްހޫރު ލިޔުންތެރިޔާ ޖެނެވީވް ބޫޝޯން ލިޔުއްވާފައިވާ " ރީޖަން އޮފް ދަ ސީ" އެވެ. މި ފޮތް އޭނާ ލިޔުއްވާފައިވަނީ، 1491މ.ގެ ކުރީގެ ދުވަސް ވަރުންފެށިގެން ދެކުނު އިންޑިއާއިން ފެންނަމުންދިޔަ ރަސްރަސްކަލުންގެ ވާހަކައިގެ އިތުރުން، އެދުވަސްވަރު ގޯވާގައި ތިބި ޕޯޗުގީޒުންގެ ވެރިންނާއި އެ ވެރިކަމެވެ. މިއީ ޕޯޗުގީޒު ރަސްގެފާނާއި ދެމެދުގައި ހިނގާފައިވާ ލިޔުންތައް ރިސާރޗް ކޮށްގެން އޭނާ ލިޔުއްވި ފޮތެކެވެ.

ބޫޝޯން ރިސާރޗަށް ހޯދި ލިޔުންތަކުގެ ތެރޭގައި 9 ވަނަ ޙަސަން ރަސްގެފާނު ޕޯޗުގީޒު ރަދުންނަށް ފޮނުއްވާފައިވާ ސިޓީފުޅަކާއި ކަންނަންނޫރާއި ކާލީކޮޓުގެ ވެރިން ޕޯޗުގީޒް ރަސްގެފާނަށް އެދުވަސްވަރު ފޮނުއްވި ސިޓީތަކާއި ލިޔުންތައް ހިމެނެވެ. ހަމަ އެހެންމެ 1491، 1494، 1512 ގައި ރާއްޖޭގައި ތިންފަހަރެއްގެ މަތިން ރަސްކަންކުރެއްވި އައްސުލްތާން މުޙަންމަދު ދަންމަރަ ބަވަނަ މަހާރަދުން (ކަޅުމުޙަންމަދު ރަސްގެފާނު) ޕޯޗުގީޒުންނަށް ލިޔުއްވާފައިހުރި ލިޔުއްވުންތައްވެސް ހިމެނެއެވެ.

ދަންނަވަން މިއުޅޭ ވާހަކަ އަދި ދެންނެވެން އޮތީ، އަދިވެސް އިތުރު ފޮތެއް ހުޅުވާލައިގެންނެވެ. އެއީ ޖޯޖް ޝޫރް ހަމަރ ލިޔުއްވި " ފްރެންސިސް ޒޭވިއަރ ހިޒްލައިފް" އެވެ.

މިދެންނެވި ދެ ފޮތުން އަލިކަން ގެނެސްދޭ ކަންކަމުގެ ތެރޭގައި، ކަޅުމުޙަންމަދު ރަސްގެފާނު، ދެވަނަ ފަހަރަށް ރާއްޖޭގެ ރަސްކަން ހޯއްދަވަން މާމަލޭ ކިޔުނު މީހެއްގެ އެހީ ހޯއްދެވިކަމާއި އެކަންކަން ކުރެއްވި ގޮތް އެނގެއެވެ. ކަޅުމުޙަންމަދު ރަސްގެފާނު ތިންވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ހޯއްދެވީވެސް މިދެންނެވި މާމަލޭގެ އެހީތެރިކަން ހޯއްދަވައިގެންނެވެ. މާމަލޭއަކީ މާމަލޭ މަރައްކާރު މުޙަންމަދު ޢަލީ، ގެ ނަމުން 15 ވަނަ ޤަރުނުގެ ފަހުކޮޅުންފެށިގެން 16 ވަނަ ޤަރުނުގެ ކުރީކޮޅާއި ހަމައަށް އުޅުނު ބާރުގަދަ ވިޔަފާރިވެރިއެކެވެ.

މިއިން ކޮންމެ ފަހަރަކު، އެކަމަށް އެއްބަސްވެ ސޮއިކުރައްވާ އެގްރިމަންޓެއްގެ ދަށުން ވެރިކަން ހޯދައިދިނުމުގެ ބަދަލެއްގެ ގޮތުގައި، ވަރަށް ބޮޑު އަގެއް ދައްކަވައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ރާއްޖެއަށްލިބޭ ރޯނާއި ހިކިމަހުގެ ވިޔަފާރިއަކީ، ކަންނަންނޫރު ގެ މާމަލޭގެ އަމިއްލަ ވިޔަފާރިއަކަށް ވެގެން ދިޔައެވެ. އެހިސާބުން ރާއްޖެއިން ބޭރު ޤައުމުތަކާއި ކުރަމުން އައި ވިޔަފާރި ހުއްޓި، މާމަލޭ މުށުތެރޭގައި އޮތް އެއްޗަކަށް ރާއްޖޭގެ ވިޔަފާރިއާއި އިޤްތިސާދު ބަދަލުވެގެން ދިޔައެވެ.

11 އޮކްޓޫބަރު 1512ގައި ގޯވާގައިހުރި ޕޯޗުގީޒުންގެ ގަވަރުނަރު އަޕޮންޝޯ ޑި ބުކެއާރްކް، ޕޯޗުގީޒު ރަސްގެފާނަށް ލިޔުއްވާފައި އޮތް ސިޓީފުޅެއްގައި، ދިވެހި ރާއްޖޭގެ ރަސްގެފާނު ކަޅުމުޙަންމަދަށް ރާއްޖޭގެ ތަޚްތު އަލުން ހޯއްދަވައިދެއްވުމުގެ ބަދަލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބައެއް ރަށްތައް މާމަލޭއަށް ދެއްވިކަމަށް އޭނާ ބުނެފައިވާ ކަމަށް ލިޔުއްވާފައި ވެއެވެ. މިކަމަށް ހެކިލިބޭ އިތުރު ފޮތްތަކަކީ، ޙަސަން ތާޖުއްދީން ލިޔުއްވި "ދިވެހި ތާރީޚް" ފޮތާއި، އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފެވެ.

ސުވާލަކީ، ކޮންމެ އަގެއް ދައްކައިގެންވެސް، ބޭރުގެ ނުފޫޒެއްގެ އެހީގައި ރާއްޖޭގެ ރަސްކަން ނުވަތަ ވެރިކަން ހޯދުމުން އޭގެ ފައިދާ ކުރަނީ ކޮން ބަޔަކަށްތޯއެވެ.؟ އަދި އެޔަށްފަހު، އެއިން ކޮންމެ ބާރެއް "ރޭޕްކުރަން" އޮތް ޤައުމަކަށް ރާއްޖެ ވެގެން ނުދޭތޯއެވެ.؟ މި ސުވާލުގެ ޖަވާބު އަންނަނިވި މަންޒަރުން ފެނިގެންދެއެވެ.

ކަޅުމުޙަންމަދު ރަސްގެފާނުގެ މި ޢަމަލް ވެގެންދިޔައީ ކަންނަންނޫރު ރާޖާއިން ރާއްޖެއާއި ތޮޅެން، މި ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް އެ ރަދުންނަށް ހުޅުވާލެވުނު ފުރުސަތަކަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ، އެދުވަސްވަރު އިންޑިއާ ކަނޑަށް އަތްގަދަ ކުރަމުންދިޔަ ޕޯޗުގީޒުންނަށްވެސް ރާއްޖޭގެ ވިޔަފާރިން ބައިއަޅަން ޖެހުމެވެ. އިންޑިއާ ކަނޑަކީ ޕޯޗުގީޒް ރަސްގެފާނުގެ ބާރުގެ ދަށުގައި އޮތް ސަރަޙަށްދެއްކަން، ބުކެއާރްކް މާމަލޭއަށް އިންޒާރުދީ، ރާއްޖެއިން އޭނާހޯދާ ތަކެތިން ކޮންމެ އަހަރަކު، ޕޯޒުގީޒުންނަށް 4 ކީންޓާލް ( 51.40 ކިލޯގްރާމް) ގެ ބަރުދަންހުރި 1000 ބޮނޑި ހިމަރޯނާއި 1000 ބޮނޑި ފަލަރޯނު ދޭން އެންގިއެވެ.

ކަޅުމުޙަންމަދު ރަސްގެފާނު 3 ވަނަފަހަރަށް ރާއްޖޭގެ ތަޚުތު ހޯއްދެވުމަށް މާމަލޭ މެދުވެރި ކުރެއްވުމުގެ ނަތީޖާއަކަށް ވެގެންދިޔައީވެސް، އެއަހަރު ރާއްޖެއަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި އޭނާއަށް ދެއްވަން އެއްބަސްވުމާއި މީގެ އިތުރުން ތިލަދުންމައްޗާއި ކިނޮޅޮހާއި ކެނދިކޮޅުވެސް، އެކަމުގެ އަގެއްގެ ގޮތުގައި އޭނާއަށް ލިބުމެވެ. މިވާހަކަ ގަވަރުނަރު އަޕޮންސޯ ޑި އަލްބުކެއާރްކް ޕޯޗުގީޒް ރަސްގެފާނަށް ލިޔުއްވާފައި ވެއެވެ. މިދެންނެވި މުޢާހަދާއަށްފަހު، މުޅި ރާއްޖޭގެ އިގްތިސާދާއި ވިޔަފާރި މާމަލޭގެ ފުރިހަމަ ބާރުގެދަށަށް އައެވެ.

ދެން ފެނިގެންދިޔައީ ޕޯޗުގީޒުންނާއި ކަޅުމުޙަންމަދު ރަސްގެފާނު ވަކި މުޢާހަދާއެއް ކުރެއްވި މަންޒަރެވެ. މާމަލޭގެ އަތްދަށުން ސަލާމަތްވުމަށްޓަކައި ޕޯޗުގީޒުންނަށް ޖިޒީ ދެއްވަން ތައްޔާރަށް ހުންނެވިކަމަށް 1510މ. ގައި ކަޅުމުޙަންމަދު ރަސްގެފާނު، ގޯވާގެ ޕޯޒުގީޒް ގަވަރުނަރު އަޕޮންސޯ ޑި އަލްބުކެއާރްކް އަށް ލިޔުއްވައި، މުޢާހަދާއެއް ކުރެއްވިއެވެ. މި މުޢާހަދާގެ ދަށުން ރާއްޖޭގެ ވިޔަފާރި ޕޯޗުގީޒުންގެ ބާރުގެ ދަށަށް އައެވެ. 1518ގައި މާލޭގައި ޕޯޗުގީޒުންގެ ވިޔަފާރި މަރުކަޒެއް ޤާއިމްވެގެންވެސް ދިޔައެވެ.

އެހެން ނަމަވެސް ރާއްޖޭން މާމަލޭއަށް ދައްކަންޖެހޭ ޖިޒީ ހޯދަން، އޭނާގެ ނައުފަހަރު ރާއްޖެއަށް އައިސް ރަށްރަށަށްއަރައި ފޭރި އުޅުނު އުޅުމަކަށް ބަދަލެއް ނައެވެ. ނަތީޖާއަކަށްވީ، ރާއްޖޭގެ އުފެއްދުންތެރިކަން ރޭޕް ކުރަމުންދިޔަ ދެފަރާތަށް ޕޯޗުގީޒުންނާއި ކަންނަންނޫރު ރާޖާއިންވެސް ވެގެން ދިއުމެވެ. އެމީހުން ފޭރެމުންދިޔައީ ދިވެހިންގެ އިޤްތިސާދު އެކަންޏެއް ނޫނެވެ. ދިވެހި އަންހެނުން ރޭޕްކުރުމާއި ދިވެހިން އަޅުންގެ ގޮތުގައި ވިއްކަން، އެމީހުންގެ ނައުފަހަރަށް އަރުވައިގެން ބޭރުގެ ގައުމުތަކަށް ގެންދިއުންފަދަ، ލާއިންސާނީ އެތަކެއް ޢަމަލްތަކެއް ކުރަމުން ދިޔައެވެ.

މިދެންނެވި މާޒީ ދޫކޮށް އޭގެ ފަހަތުން އުކެމުންދިޔަ ދިވެހި ތާރީޚުގެ ސަފްޙާ ތަކުންވެސް ފެންނަމުންދިޔައީ ހަމަ އެއް މަންޒަރު ތަކެކެވެ. މިސާލަކަށް 9 ވަނަ ޙަސަންރަސްގެފާނު ނަސާރާދީނަށް ވަންނަވައި ގޯވާގައި ހުންނަވައިގެން ޕޯޗުގީޒުންގެ އެހީގައި ރާއްޖެ އަޅުވެތިކުރުވި ސޯޅަ އަހަރެވެ.

1163ހ. ގައިވެސް ފެނިގެންދިޔައީ މުޙަންމަދު ޝަމްސުއްދީން ފަނޑިޔާރު މަނިކުފާނާއި ޚަތީބު އަޙްމަދު މުޙްޔިއްދީން، ކަންނަންނޫރު ރާޖާގެ އެހީތެރިކަން ހޯއްދަވައިގެން، އޭރު ހުންނެވި ރަސްގެފާނު އައްސުލްތާން މުކައްރަމް މުޙަންމަދު ޢިމާދުއްދީންގެ ރަސްކަން، އެބޭފުޅުންގެ އަތްމައްޗަށް ފުރޮޅާލަން، ހޮޅިންގެ ބާރުގެ ދަށަށް ރާއްޖެ ގެންނެވި މަންޒަރެވެ. އެފަހަރުވެސް ހޮޅިން ފޭރެމުންދިޔައީ ދިވެހިންގެ އިޤްތިސާދާއި މުއްސަނދިކަމެވެ. ޢިފްވަތް ލޫޓުވަމުންދިޔައީ މަޢުސޫމް ދިވެހިން އަންހެން ކަނބަލުންގެ އެވެ. މިކަންކަމުގެ އިތުރުން ފެންނަމުންދިޔަ ތާރީޚީ ޙާދިސާތަކުންނާއި 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ އިންވެސް ހާމަވީ އެއް ޙަގީގަތް ތަކެކެވެ. އެފަހަރުވެސް ޝަހީދުވެގެން ދިޔައީ ދިވެހި ދަރިންނެވެ.

މިކަންކަމުން ހާމަވަމުންދަނީ، މިއިން ކޮންމެ ފަހަރަކުމެ، އިނދަ ޖެހިގެންދިޔައީ ދިވެހިންގެ ވިޔަފާރިއާއި އިޤްތިސާދެވެ. ގެއްލިގެންދިޔައީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތެވެ. ރޭޕްކުރެވިގެންދިޔައީ ދިވެހި އަންހެނުންގެ ޢިފްވަތްތެރިކަމެވެ. އަޅުންގެ ގޮތުގައި ވަގަށް ނަގައިގެން ނައު ފަހަރުގައި ބޭރުޤައުމުތަކަށް ވިއްކަމުންދިޔައީ ލޮބުވެތި ދިވެހި އަޚުންނާއި އުޚްތުން ކަމެވެ. ކުރުކޮށް ދަންނަވާނަމަ، ރާއްޖޭގެ ވެރިކަން ފުރޮޅާލަން ބޭރުގެ އެހީއަށްއެދި ދިވެހިން ހަންޖެހި ކޮންމެ ހަންޖެހުމަކުން ހަން ދިޔައީ، ދިވެހި ޤައުމުން ކަމެވެ.!

comment ކޮމެންޓް