ރޯޔަލްޓީއާއި ސާވިސް ޗާޖުގެ ގޮތުގައި ޖީއެމްއާރުން ފައިސާ ދެއްކި އަދަދު މީރާއިން އަންދާޒާކުރި ވަރަށްވުރެ މަދު!

މާލެ އެއާޕޯޓުން ރީއެކްސްޕޯޓްކުރި ޖެޓް ފިއުލްގެ ރޯޔަލްޓީއާއި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މިހާތަނަށް ޖީއެމްއާރުން ސަރުކާރަށް ދައްކަންޖެހޭނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ލަފާކުރި އަދަދަށްވުރެ މަދުން އިއްޔެ އެ ކުންފުނިން ފައިސާ ދެއްކުމާ ގުޅިގެން މީރާއިން އެ މައްސަލަ ބަލަން ފަށައިފި އެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު މިއަދު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ އެއާޕޯޓް ސާވިސް ޗާޖާއި ތެލުގެ ރޯޔަލްޓީއަށް ލިބޭނެ ކަމަށް މީރާއިން އަންދާޒާކުރި އަދަދާ އަޅާބަލައިރު ޖީއެމްއާރުން ދައްކައިފައިވާ އަދަދުގައި ތަފާތުތަކެއް އުޅޭތީ ޖީއެމްއާރުން ދައްކަންޖެހޭ ސާވިސް ޗާޖާއި ރޯޔަލްޓީގެ އަދަދު ކަށަވަރުކުރުމަށް އޮޑިޓެއް ކުރުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މީރާއިން އަންދާޒާކުރި އަދަދުތައް ސައްހަތޯ ބެލުމަށް ވެސް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ޓެކްސްގެ ގޮތުގައި ޖީއެމްއާރުން ދައްކަން ޖެހޭ މިންވަރު ބެލުމަށް އިމިގްރޭޝަނާއި ކަސްޓަމްސް އާއި އެއާޕޯޓްސް ކޮމްޕެނީން ހޯދަން ޖެހޭ ޑޮކިއުމަންޓް ހޯދައިގެން އޮޑިޓެއް ހަދަމުންދާ ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ.
އަދި ޖީއެމްއާރުން ރޯޔަލްޓީއާއި އެއާޕޯޓް ސާވިސް ޗާޖު ދައްކާފައިވަނީ މަދުން ކަމަށް ކަށަވަރުވެއްޖެ ނަމަ މަދުވާ ފައިސާ ދައްކަން އެކުންފުންޏަށް އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮޑިޓްކުރަނީ އެބުނާ އަދަދަކީ ސައްހަ މައުލޫމާތުތޯ ރަނގަޅު އަދަދުތޯ ވެރިފައިކުރުމަށް. ވެރިފައިކޮށްފައި އެއީ ރަނގަޅު އަދަދު ނޫން ކަމަށްވަންޏާ ނޫނީ އިތުރު ކުރަން ޖެހޭ ކަމުގައިވަންޏާ އަޅުގަނޑުމެން އަންގާނަން އެމީހުންނަށް އެޑިޝަނަލް ޓެކްސްގެ ގޮތުގައި އެ އެއްޗެހި ދައްކަން،" ޔަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު މީރާއިން އަންދާޒާކޮށްފައިވަނީ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ނަމަވެސް، މީރާއިން ބުނެފައިވާ ގޮތުގައި، ޖީއެމްއާރުން ސާވިސް ޗާޖު ގޮތުގައި ދައްކައިފައިވަނީ 3.9 މިލިއަން ޑޮލަރެވެ. އެއީ ފުރާ ކޮންމެ ބޭރު ފަސިންޖަރެއްގެ އަތުން ނަގައި 18.5 ޑޮލަރު އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރުގެ ރޭޓުންނެވެ.

"ފުރާ މީހުންގެ އަދަދަށް ބަލައިފަ އަޅުގަނޑުމެން ކޮންމެވެސް ވަރެއްގެ ފޯކާސްޓެއް ހަދައިފަ އޮތީ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ހައެއްކަ މިލިއަންވަރު ލިބޭންޖެހޭނެ އެ އެސްޓިމޭޓަށް ބޭސްކޮށް. ނަމަވެސް ޑޭޓާތައް ލިބުނީމަ އަޅުގަނޑުމެންގެ އެސްޓިމޭޓްތައް ސައްހަތޯ ނުވަތަ ނޫންތޯ އެނގޭނީ،" ޔަޒީދު ވިދާޅުވި އެވެ. "އެހެންވީމަ، ވެރިފައިކުރުމުގެ ކުރިން އަޅުގަނޑުމެންނަށް ނުދެންނެވޭނެ ]ޖީއެމްއާރުން[ ގޯސް އަދެދެކޭ ދައްކައިފަ އޮތީ ނޫނިއްޔާ މަދުންނޭ ދެއްކީ،"

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް 320،861 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. އެހެންކަމުން އެ ހުރިހާ ޓޫރިސްޓުން ރާއްޖެއިން ފުރައިފައިވާ ނަމަ، އެއިން ކޮންމެ މީހެއްގެ އަތުން ނަގައިފައިވާ 18.5 މިލިއަން ޑޮލަރުގެ ސާވިސް ޗާޖަށް އެކަނި ބެލި ކަމުގައިވިޔަސް، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭ 5.9 މިލިއަން ޑޮލަރު ސަރުކާރަށް ލިބެންވާނެ އެވެ.

މީރާއިން ބުނީ، ތެލުގެ ރޯޔަލްޓީވ ޖީއެމްއާރުން ދައްކައިފައިވަނީ އެކުންފުނީގެ އަމިއްލަ ހިސާބުތަކަށް ބެލުމަށްފަހު ކަމަށްވާތީ، އެ ހިސާބުތައް ރަނގަޅުތޯ މީރާއިން ބަލާނެ ކަމަށެވެ.

ޖީއެމްއާރުގެ ފަރާތުން ވާހަކަދެއްކެވި މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ފައިސާ ދެއްކުމުގައި އެއްވެސް "އޮޅުވާލުމެއް" ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ޖީއެމްއާރުން ނޮވެމްބަރު 25، 2010 ގައި އެއާޕޯޓާ ހަވާލުވުމަށްފަހު "އިދާރީ މައްސަލައަކާ ގުޅިގެން" ކަމަށް ބުނެ ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ސާވިސް ޗާޖާއި ރޯޔަލްޓީ ނުދައްކާ އޮތުމަށްފަހު، އެ ފައިސާ ދައްކާފައިވަނީ އިއްޔެ އެވެ. މީރާއިން ބުނި ގޮތުގައި، ސާވިސް ޗާޖުގެ ގޮތުގައި 3.9 މިލިއަން ޑޮލަރު (60 މިލިއަން ރުފިޔާ) ލިބުނު އިރު ތެލުގެ ރޯޔަލްޓީގެ ގޮތުގައި ޖީއެމްއާރުން ދައްކައިފައިވަނީ 10.28 މިލިއަން ރުފިޔާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު