އައްޑޫ ސިޓީ މޭޔަރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރުމަށް ޕީޖީ އަށް ފޮނުވައިފި

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު: އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އަށް ވަނީ ފޮނުވާފައި

އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އެ ސިޓީގެ އިކުއިޓޯރިއަކް ކޮންވެންޝަން ސެންޓަރުގައި ކުރެހުންތަކެއް ބަހައްޓަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭތީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓުމަހުން ފެށިގެން އެ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އައްޑޫ ސިޓީ ކައުންސިލުން ކުރަން ޖެހޭ ހުރިހާ ޑިޒައިން އާއި އާޓް ވޯކްގެ މަސައްކަތްތައް ކުރުމަށް މަހަކު 15،000 ރުފިޔާއަށް ކުންފުންޏަކާ އެކު އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް ކޮންވެންޝަން ސެންޓަރުގެ ކޮންކްރީޓް ރީފިލް މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ އިއުލާނު ކުރުމެއް ނެތި ކަމަށާއި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޭޔަރުކަން އެނގެން އޮންނަ ކަމަށް އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން ބުނީ އެއްބަސްވުމުގައި 84 ރިފިލް އާޓް އަދި 20 ސިއްކަ ހެދުމަށް ނަމަވެސް، އެ އަދަދަށްވުރެ 64 ރީފިލް އާޓްގެ މަސައްކަތް ކުރުމަށްފަހު، އެ މަސައްކަތަށް 336،000 ރުފިޔާ ބިލްކުރުމުން ކައުންސިލުން ދެ ފަހަރެއްގެ މަތިން ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޕޭމަންޓު ވައުޗާ ދޫކޮށްފައި ވަނީ އިންސްޕެކްޝަން އެއް ހަދައިގެން ނަމަވެސް އެ އިންސްޕެކްޝަން ހަދާފައި ވަނީ ސާކް ސަމިޓު ނިމުނު ފަހުން ގާތްގަނޑަކަށް ތިން މަސް ދުވަސް ފަހުން ކަމަށް ވާތީ، ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނިމުނުކަންވެސް ކަށަވަރު ނުވާކަމަށް އޭސީސީ އިންން ނެރުނު ބަޔާނުގައި ވެއެވެ.

އަދި އެ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ހަދާފައި ވަނީވެސް މޭޔަރުގެ އެންގުމަށްކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

އެ އަމަލުގެ ސަބަބުން ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 336،000 ރުފިޔާ ހޯދުމަށް ދައުވާ ކޮށްދިނުމަށް ވެސް އޭސީސީން ބުންޏެވެ.

comment ކޮމެންޓް