ދަރިވަރަކަށް އެއިޑްސް ޖެހިފައިވާކަމަށް ބުނެ ދޮގު ހަބަރު ފެތުރުމުން ލަންކާ ސްކޫލަކަށް ކުދިން ފޮނުވަން ބެލެނިވެރިން ދެކޮޅުހަދައިފި

ކޮލަމްބޯ (މާޗް 3): ސްރީ ލަންކާގެ ޕްރީސްކޫލެއްގެ ހަ އަހަރުގެ ދަރިވަރަކަށް އެއިޑްސް ޖެހިފައިވާ ކަމަށް ބުނެ ދޮގު ހަބަރު ފެތުރުމުން އެސްކޫލަށް ކުދިން ފޮނުވަން ބެލެނިވެރިން ދެކޮޅުހަދައިފި އެވެ.

ދަރިވަރުން ސްކޫލަށް ފޮނުވުމަށް ދެކޮޅުހެދި ބައެއް ބެލެނިވެރިން ވަނީ އެއިޑްސް ޖެހިފައިވާ ކަމަށް އަޑު ފެތުރުނު ކުއްޖާއަށް ސްކޫލުގައި ކިޔަވައިދިނުމާ ދެކޮޅަށް އަޑުއުފުލައި މުޒަހަރާކޮށްފަ އެވެ.

އެއިޑްސް ހުރި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާ ވަނީ ޓެސްޓުކޮށްފައި ކަމަށާއި އެކުއްޖާއަށް އެއިޑްސް ޖެހިފައި ނުވާ ކަމަށް ކުއްޖާގެ މަންމަ، ޗާންދަނީ ޑި ސޯއިސާ ބުންޏެވެ. އަދި އެދޮގު ހަބަރު ފެތުރުމުގެ ސަބަބުން ގިނަ ސްކޫލްތަކުން ވަނީ ކުއްޖާއަށް ސްކޫލުން ފުރުސަތު ދިނުމަށް ދެކޮޅުހަދާފައި ކަމަށްވެސް ޗާންދަނީ ބުންޏެވެ.

"އަހަރެން ޗައިލްޑް ސާވިސަސް އަށް މައްސަލަ ހުށަހެޅުމުން [ކުއްޖާއަށް] މިސްކޫލަށް ވަދެވުނީވެސް،" ޗާންދަނީ ބުންޏެވެ.

ހައަހަރުގެ ފިރިހެން ކުއްޖާއަށް އެއިޑްސް ޖެހިފައިވާ ކަމަށް ހަބަރު ފެތުރުނީ އޭނާގެ ބައްޕަ މަރުވީ އެއިޑްސް ޖެހިގެން ކަމަށް އަވަށުގެ މީހުން ލަފާކުރުމުން ކަމަށް ޗާންދަނީ ބުންޏެވެ. ނަމަވެސް، ކުއްޖާގެ ބައްޕަ މަރުވީ ޓީބީ ޖެހި، ކިޑްނީ ފެއިލްވުމުގެ ސަބަބުން ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.

އެމައްސަލައާ ބެހޭގޮތުން މަޝްވަރާކުރުމަށް އެސްކޫލްގެ ބެލެނިވެރިންނާއި ސިއްހަތާއި ގާނޫނީ މާހިރުންނާއެކު މާދަމާ ބައްދަލުވުމެއް ބާއްވާނެ ކަމަށް އެޑިއުކޭޝަން ޑިރެކްޓަރެއް ކަމަށްވާ، ސަމާން ވިޖެސްކަރާ ވިދާޅުވި އެވެ. (އޭއެފްޕީ)

comment ކޮމެންޓް