ރަށުގައި ތިބެގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ އިސްލާހު ބަލައިގެންފި

ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ . ފައްޔާޒު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ވަނީ ބަލައިގެންފައި ---- ސަން ފައިލް ފޮޓޯ

އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް، ރަށުގައި ތިބެގެން ކޯޓުތައް މެދުވެރިކޮށް މާލޭގައި ހުންނަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މާލެ ނައިސް އެ މައްސަތައް ބެލޭނެ ގޮތް ހެދުމަށް މަޖިލީހަށް ހުށަހެޅި އިސްލާހު ބަލައިގެންފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާއަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ގާއިމްކޮށްފައި ނުވާ ރަށްރަށުގައި ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލްގެ އިހްތިސޯސް ހިނގާ މައްސަލަތައް އެ ރަށެއްގެ ނުވަތަ އެ ރަށެއް ހިމެނޭ ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ.

އިސްލާހު މަޖިލީހުން ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި 41 މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ ވޯޓުންނެވެ. އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާއާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ދިމާވާ ދަަތިތަކަށް ކޮންމެސް ވަރެއްގެ ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ވަޒީފާގެ މާހައުލުގައި ހުރި މައްސަލަތައް ދެނެގަނެވޭނީ އެ މައްސަލަތައް ހުށަހެޅިގެން ކަމަށްވާއިރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން ފަސޭހަވާނެ އުސޫލެއް ގާއިމުކުރުމަކީވެސް އިސްލާހު ހުށަހެޅުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފައްޔާޒު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލާގައި ގޮތެއް ނިންމާނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށެވެ.

އޭގެ އިތުރުން މައްސަލަތަކުގެ ތަހުގީގަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން މައްސަލަ ހުށަހެޅޭ ދަށު ކޯޓަކުން ފުރިހަމައަށް ފޯރުކޮށްދޭންވާނެ ކަމަށާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި މައްސަލަތަކުގެ އަޑުއެހުންތައް ބާއްވާނީ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އެ އިސްލާހު ފާސްވެ، ގާނޫނަކަށް ބަދަލުވުމަށްފަހު އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގަވައިދުގައި ހިމަނާ އާންމުކޮށް ޝާއިއުކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލޭނެ އިންތިޒާމް އެ ގާނޫނަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި ޑީޖޭއޭ އިން ހަމަޖައްސަންވާނެ ކަމަށްވެސް ފައްޔާޒުގެ އިސްލާހުގައިވެ އެވެ.

އިސްލާހަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މެމްބަރުން ވަނީ އިސްލާހަށް ތާއީދު ކުރައްވައި ވާހަކަދައްކަވާފަ އެވެ.

comment ކޮމެންޓް