ރައީސް ޔާމީންގެ އެކައުންޓުގެ ތަފްސީލް އޭސީސީއަށް ދީފި

ރައީސް ޔާމީން ޖަލްސާގައި ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ

އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ބޭނުންވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެކައުންޓުގެ މައުލޫމާތު މޯލްޑިވްސް އިސްލާމިކް ބެންކް(އެމްއައިބީ) އިން އޭސީސީއަށް ދީފި އެވެ.

ރައީސް ޔާމީން އިސްލާމިކް ބެންކުގައި ހުޅުވާފައިވާ އެކައުންޓުގެ މައުލޫމާތު އޭސީސީ އާ ހިއްސާ ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަތުމާ އެކު އެ މައުލޫމާތު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެމްއައިބީ އިން އޭސީސީއަށް ދީފަ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެމްއައިބީ އިން އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެމްއައިބީ އިން ބުނީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

އޭސީސީ އިން އެމައުލޫމާތައް އެދުމުން އެމްއައިބީ އިން ފުރަތަމަ ވަނީ އެ މައުލޫމާތު ހިއްސާ ނުކުރަން ނިންމައި އެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅައިފަ އެވެ. އެމްއައިބީ އިން ބުނީ އޭރު އެގޮތަށް ނިންމައި އެ މައްސަލަ ކޯޓަށް ހުށައެޅީ އެފަދަ ކަންކަމުގައި އަމަލު ކުރަން ޖެހޭނެ އުސޫލްތައް ބެލުމުގެ ގޮތުން ކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެފައިވާ އިރު އޭގެ އިން ބައެއް ފައިސާ ރައީސް ޔާމީންގެ އެކައުންޓްއަކަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.

comment ކޮމެންޓް