ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައިފި

އާ ބްރާންޗް ހުޅުވުމާއި ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ތައާރަފްކުރުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންދާ ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުރިހާ ވިޔަފާރިތަކަށް ދިނުމަށް ނިންމައިފި އެވެ.

ބީއެމްއެލްގެ 28 ވަނަ ބްރާންޗް ކ.މާފުށީގައި ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ އެކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުހައްމަދު ސައީދެވެ.

ބީއެމްއެލްގެ ޕޭމަންޓް ގޭޓްއަވޭގެ ހިދުމަތް މީގެ ކުރިން ހަމައެކަނި ދެމުންދިޔައީ ބޮޑެތި ކޯޕަރޭޝަންތަކަށެވެ.

އެ ހިދުމަތް ތައާރަފްކުރުމާ އެކު ވިޔަފާރިތަކަށް ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް ވިޔަފާރި މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. ރާއްޖޭގައި ތްރީޑީ-ސެކިޔުއާ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހަމައެކަނި ބީއެމްއެލް އިން ދެމުންދާ އިރު އެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ވިސާ، މާސްޓާ އަދި މައިސްޓްރޯ އަދި އެމެރިކަން އެކްޕްރެސް ފަދަ ބައިނަލްއަގްވާމީ ކާޑުތަކުން މުއާމަލާތްކުރެވޭނެ އެވެ.

އެހިދުމަތް ތައާރަފްކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ޕޭމަންޓް ގޭޓްވޭ ތައާރަފްކުރުމުން ދައްކުވައިދެނީ ވިޔަފާރިތަކަށް ބޭނުންވާ ހިދުމަތްތައް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ. އެ ހިދުމަތް މެދުވެރިކޮށް އެކި ފެންވަރުގެ ދިވެހި ވިޔަފާރިތަކަށް ހުޅުވިގެން ދަނީ "އީކޮމާސް"ގެ ދުނިޔެއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާނައަކީ ދިވެހި އުފެއްދުންތައް އޮންލައިންކޮށް ވިއްކާލުމަށް ހުށަހަޅާލެވި، އަދި އެ އުފެއްދުންތައް އޮންލައިންކޮށް ބޭނުން ވަގުތަކު ވިއްކާލުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލެވިފައި. މިއީ ހަލުވި ބާރުމިނެއްގައި ވިޔަފާރި ކުރިއަރައިގެން ދިޔުމަށް ލިބެގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް." އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލް އިން މިއަދު މާފުށީގައި ހުޅުވި ބްރާންޗުން އެކައުންޓް ހުޅުވުމާއި، ލޯނަށް އެދި ހުށަހެޅުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމް ބަލައިގަތުމުގެ ހިދުމަތް ދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ބުރާންޗްގައި ބަހައްޓާފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ވެސް ލިބެ އެވެ. އުމުރުން ދުވަސްވީ ފަރާތްތަކަށް ބޭންކިން ހިދުމަތް ދިނުމަށް އެހީތެރިވުމާއި ޕެންޝަން ފައިސާ ދިނުމަށް ވެސް އެބުރާންޗުގެ މުވައްޒަފުން މަސައްކަތްކުރަމުންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މާފުށީގައި ހުޅުވި ބޭންކުގެ ބުރާންޗާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލް ސީއީއޯ އަދި އެމްޑީ، އެންޑްރޫ ވިދާޅުވީ އެއީ މި އަހަރު އަތޮޅުތެރޭގައި ހުޅުވަން ނިންމާފައިވާ ހަތް ބްރާންޗުގެ ތެރެއިން ފުރަތަމަ ބުރާންޗް ކަމަށެވެ.

މުޅި ރާއްޖޭގައި ބޭންކިން ހިދުމަތް ފުޅާކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިވަގުތު އަންނަނީ 300 މިލިއަން ރުފިޔާގެ އިންވެސްޓް ޕްރޮގްރާމެއް ހިންގަމުން ކަމަށް އެބެންކުން ބުނެ އެވެ.

comment ކޮމެންޓް