މޫސަ ލަންކާ ނޫހަކަށް ދެއްވި އިންޓަވިއު، ނަޝީދު އެމްޑީޕީގެ ލީޑާޝިޕް ދޫކޮށްލުމަށް ގޮވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރީކޯ މޫސާ މަނިކު. މޫސަ ވަނީ އެމްޑީޕީއަށް އިތުރު ގެއްލުމެއް ނުދީ ނަޝީދު ޕާޓީގެ ލީޑަރު ކަމުން އެއްފަރާތްވާން ޖެހޭކަމަށް ވިދާޅުވެފަ -- ސަން ފައިލް ފޮޓޯ

އެމްޑީޕީއަށް މިހާރު ލިބިފައިވާ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާ، ލިބެމުން އަންނަ ގެއްލުންތަކުން އެ ޕާޓީ ސަލާމަތް ކުރުމަށް، ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ލީޑަރު ކަމުން އެއްފަރާތް ވާން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ލަންކާގެ އައިލެންޑް ނޫހަށް ދިން އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު ނަޝީދު ދައްކަވަމުން ގެންދަވާ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ ނަން ވަރަށް ހުތުރުވެފައިވާ ކަމަށެވެ. އެގޮތުން އައިއެސް ޖަމާއަތާ ގުޅުމަށް އެންމެ ގިނަ އަދަދެއްގެ މީހުން ދަނީ ރާއްޖެ އިން ކަމަށް ނަޝީދު ދައްކަވާ ވާހަކަތައް މޫސަ ވަނީ ފާހަގަކުރައްވާފަ އެވެ.

މޫސަ ވިދާޅުވީ ނަޝީދު ދައްކާ ވާހަކަތަކުން ރައީސް ޔަމީންގެ ސަރުކާރަށް ގެއްލުންތަކެއް ނުވާ ކަމަށާއި، ގެއްލުން ވަނީ ހުދު އެމްޑީޕީ އަދި ދިވެހިންގެ އިގްތިސޯދު ބިނާވެފައި އޮތް ފަތުރުވެރިކަމަށް ކަމަށެވެ.

އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ޕާޓީއަށް އިތުރު ގެއްލުމެއް ނުދީ ނަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެން ޕާޓީ ހިންގުމާއި ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީގެ އެހެން މެމްބަރަކަށް ވާދަކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

"ނަޝީދަށް މިހާރު ވިސްނިވަޑައިގަންނަވަން ވެއްޖެ ނަޝީދު ދައްކަވާ ހަގީގަތެއް ނެތް ވާހަކަތަކުން ދިވެހި ރައްޔިތުންނަށް ގެއްލުން ލިބޭކަން. އެހެންވީމާ މިހާރު އެންމެ ރަނގަޅު ގޮތަކީ ޕާޓީއަށް އިތުރު ގެއްލުމެއް ނުދީ ނަޝީދު ޕާޓީގެ ލީޑަރުކަމުން ވަކިވެވަޑައިގެން ކުރިއަށް އޮތް އިންތިހާބުގައި އެހެން ބޭފުޅަކަށް ފުރުސަތު ދިނުން،" މޫސަ ވިދާޅުވެފައިވެ އެވެ.

މޫސަ އައިލެންޑް ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، އެމްޑީޕީގެ ފަންޑުތަކުގެ 80 ޕަސެންޓް ހަރަދުކޮށްފައި ވަނީ ނަޝީދު ޕްރޮމޯޓް ކުރުމަށާއި ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންނަށް ދައްކަން ޖެހޭ ފީތައް ދެއްކުމަށް ކަމަށެވެ.

"އެތައް ބޭފުޅުންގެ އެތައް ގުރުބާނީތަކަކުން ގެނައި ޕާޓީއެއް އެންމެ ބޭފުޅަކަށް ޓަކައި ހަލާކުކޮށްލަން ދޫކޮށެއް ނުލެވޭނެ. ނަޝީދުގެ އަމިއްލަ އެދުން ބޮޑުކަމުން ޕާޓީގެ އެތައް މެމްބަރުންނެއް ގެއްލި ޕާޓީއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައި،" މޫސަ ވިދާޅުވި ކަމަށް ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެގޮތުން އެމްޑީޕީއަށް ހަތަރު އިންތިހާބެއްގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެކަން ހުއްޓުމަކަށް ގެންނަން ޖެހިފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ. މޫސަ ވިދާޅުވީ ނަޝީދު ގެންގުޅުއްވާ މަގުމައްޗަށް ނުކުމެ އަޑުގަދަ ކުރުމުގެ ސިޔާސަތުގެ ސަބަބުން އެތައް މެމްބަރުންނަކަށް ގެއްލުން ލިބި ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގަތުމުގެ ފުރުސަތު ބޮޑުވަމުން އަންނަ ކަމަށެވެ.

މޫސަ ވަނީ އެންމެ ލޯބިވި ޕާޓީ ހިމާޔަތްކޮށް ވަރުގަދަ ކުރުމަށް ކުރިއަށް އޮތް އިންތިހާބުގައި އޭނާ ވާދަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ އަކީ ނަޝީދުގެ ފިކުރެއް ނޫން ކަމަށާއި އެމްޑީޕީ އުފެއްދީ ވެސް މޫސަ އާއި އިތުރު ބަޔަކު ގުޅިގެން ކަމަށެވެ.

"އަޅުގަނޑާ އިތުރު މަދު މީހުން ކޮޅެއް އުފެއްދި ޕާޓީއެއް އެމްޑީޕީ އަކީ. އަޅުގަނޑުމެންނަށް ހުރިހާ ހަމަލާތަކަކާ ކުރިމަތިލާން ޖެހުނީ. އޭރު ނަޝީދު ހުންނެވީ ޔޫކޭގައި. ނަޝީދު އެމްޑީޕީ އަށް އައީ މާފަހުން. އައިގޮތަށް އެމްޑީޕީ ހައިޖެކް ކޮށް، ނަޝީދުގެ ބަސް ވިކޭ މީހުން ޕާޓީގެ އިސް މަގާމުތަކަށް ލައިގެން އަމިއްލަ ހަރު މުދާހެން އަމަލުކުރަން ފެށީ،" މޫސަ ވިދާޅުވެފައިވެ އެވެ.

މޫސަ ވިދާޅުވީ އެމްޑީޕީއަށް ޓަކައި ވަރަށް ގިނަ ކަންކަން ތަހައްމަލުކޮށް ނަޝީދު ހެއްދެވި ގޮތަކަށް ރުހިގެން ވަރަށް ގިނަ ދުވަހު ހުރެވިއްޖެ ކަމަށާއި، އެކަމަކު ދެން އިތުރަށް ނުހުންނަވާނެ ކަމަށެވެ. އަދި ޕާޓީ ހަލާކުވެގެންދާއިރު ވެސް އަމިއްލަ އެދުން އިސްކޮށް، އެގޮތް ބަދަލު ކުރައްވަން ބޭނުންފުޅު ނުވާ ބޭފުޅަކު ހިމާޔަތް ކުރުމަށް ދެން މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް މޫސް ވިދާޅުވި އެވެ.

comment ކޮމެންޓް