ޒުހާ މަރާލި މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި

ޒުހާ މަރާލި މައްސަލައިގެ ތުހުމަތުގައި އަންހެން މީހާ (ރަތް ކުލައިން ބޮޅު އަޅާފައި) ހައްޔަރު ކުރަނީ --- ސަން ފައިލް ފޮޓޯ

މިދިޔަ މަހު ހަތްވަނަ ދުވަހު މަރާލާފައި އޮށްވައި ފެނުނު ލ. ގަން ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ 23، މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާ ދޫކޮށްލައިފި އެވެ.

އެމައްސަލާގައި ޖުމުލަ ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ހިމެނޭ ދިވެހި ފިރިހެން މީހާ މިދިޔަ މަހު 24 ގައި ދޫކޮށްލާފައިވާއިރު އަންހެން މީހާ ދޫކޮށްލާފައިވަނީ މިމަހު ހަތަރު ވަނަ ދުވަހުއެވެ. އެމައްސަލާގައި މިހާރު ބަންދުގައި ހުރީ ބަންގުލަދޭސް މީހާ އެކަންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ އެއަންހެން މީހާ ދޫކޮށްލާފައިވަނީ ކޯޓުން ކަމަށާއި ކޯޓުން އޭނާއަށް އަމުރުކޮށްފައިވަނީ ރާއްޖެއިން ބޭރަށްދާއިރު ފުލުހުންނަށް އެންގުމަށްފަހު ދިއުމަށް ކަމަށެވެ.

ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗިފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒު ވިދާޅުވީ ޒުހާ މަރާލާފައި ވަނީ އޭނާ މަރާލާފައި އޮއްވައި ފެނުނު ހ. ލާލުގޭގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކުކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ހައްވާ ޒުހާ މަރުވެފައި ވަނީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލުމުން ކަމަށެވެ.

comment ކޮމެންޓް