)20 އޭޕްރީލް 2011އިގެ ނޫހާ ގުޅޭ(

"ކޮންތާކަށް މިދަނީ؟" ތަންކޮޅަކަށް ގޮސްފައި ރަމީޒު އަހައިލި އެވެ. އޭނާ ހުރީ ސުވާލު އުފެދިފަ އެވެ.
"ކޮފީ ޕޮއިންޓަށް." ރަމީޒު ގެ މޫނަށް ހަބީބު ބަލައިލި އެވެ.
ކޮފީ ޕޮއިންޓަށް ވަދެ ހުސް މޭޒެއްގެ ދޮށުގައި ދެމީހުުން ޖައްސައިލި އެވެ. އޭރު ރަމީޒު އިނީ ކެތްތެރިކަން ކުޑަވެފައި އިން ކަހަލަ ގޮތަކަށެވެ. ހަބީބު ދައްކަން އެ އުޅެނީ ކޮންވާހަކައެއްކަން ނޭނގިފަ އެވެ. ޔަގީންވާ ކަމަކީ އޭނާ އެއުޅެނީ ވަރަށް ސީރިޔަސް ވާހަކައެއް ދައްކަން ކަމެވެ.
"ކޮންވާހަކައެއްތަ ދައްކަން ތިއުޅެނީ؟" ގޮނޑީގައި ހަމަޖެހިލަމުން ރަމީޒު އަހައިލި އެވެ.
"ވަރަށް އެހެން ކަހަލަ ވާހަކައެއް." ރަމީޒާ ހަތަރުކަޅި ހަމަކޮށްލުމެއް ނެތި ހަބީބު ޖަވާބު ދިނެވެ.
"ތި އުޅޭގޮތުން މަގޭ ހިތް އެބަ ނުތަނަވަސްވާގޮތް ވޭ. އަނެއްކާ ކަމެއް މާ ބޮޑަށް ގޯސްވީތަ؟"
"ތިކަން ނިންމާނީ އަމިއްލައަށް." ވޭޓަރު އައުމުން ދެ ކޮފީއަށް އޯޑަރު ދިނުމަށްފަހު ހަބީބު ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.
"އެހެންވިއްޔާ ދެން ބުނެބަލަ!"
ހަބީބު އިތުރު އެއްޗެއް ނުބުނެ އެވެ. ފަޓުލޫނުގެ ޖީބަށް އަތް ކޮށްޕާލުމަށްފަހު ނެގީ ފޯނެކެވެ. ފޯނު ފެނުމާއެކު އެއީ ނަޖީބުގެ ފޯނުގެކަން އޭނާއަށް އެނގިއްޖެ އެވެ. އެހެނަސް އެ ފޯނާ ބެހޭގޮތުން އެއްވެސް ސުވާލެއް ރަމީޒު ނުުކުރެ އެވެ. ހަބީބުގެ ހަރަކާތްތަކަށް ބަލަން އިނީ އެވެ.
ހަބީބު އިނީ ފޯނާ ކުޅޭށެވެ. ފޯނުން އެއްޗެއް ހޯދަނީކަމެއް، ނަންބަރަކާ ގުޅަނީކަމެއް، އެއްޗެއް ލިޔަނީ ކަމެއް ނޭނގެ އެވެ.
"ނިކަން މި މެސެޖު ކިޔާލަބަލަ!" ރަމީޒު އަތަށް ފޯނު ދިއްކޮށްލަމުން ހަބީބު ބުންޏެވެ.
ރަމީޒު ފޯނުގައި ހިފި އެވެ. އެވަގުތު ވޭޓަރު އައިސް ހޫނު ދެތަށި ކޮފީ ގެނެސް މޭޒުމަތީގައި ބަހައްޓައިފި އެވެ. އެހެންނަމަވެސް ކޮފީތައްޓަކަށް މާބޮޑު ސަމާލުކަމެއް ދިނުމެއް ނެތި ހަބީބު ދެއްކި މެސެޖު ރަމީޒު ކިޔަންފެށި އެވެ.
"ނަޖީބު! އަހަރެން މީހަކާ އިނެއްކަމަކު ނަޖީބުދެކެ ވާ ލޯތްބަކަށް އެއްވެސް ބަދަލެއްނައި. ތިހެން އަބަދު އައިސް ކައިރީގައި އުޅޭތީ، މިހާރު އަދި ކުރިއަށްވުރެ ވެސް މާ ބޮޑަށް ލޯބިވޭ. އަހަންނަށް މިހާރު ނަޖީބާ ވަކިން އުޅެން ވަަރަށް ދަތި. ނަޖީބު އަހަންނާ އިންނަން ހުރިއްޔާ އަހަރެން މިހިރީ މިހާރުން މިހާރަށް ވަރިވާންވެސް ތައްޔާރަށް. ޖަވާބެއްދީ! ލަވް ޔޫ، މިސް ޔޫ"
މެސެޖު ކިޔާލުމަށްފަހު ރަމީޒު ޖަހައިލީ ހިނިގަނޑެކެވެ.
"ނަޖީބުވެސް ހާދަ ކާމިޔާބޭ ދޯ! މީހުންގެ އަނބިންވެސް މޮޔަވެފަ!"
"އާނ. ބުނެވޭނީ ތިހެން. ކޮން ކުއްޖެއްތަ މީ؟ މިރަށު ކުއްޖެއްތަ؟" ހަބީބަށް ފޯނު ދެމުން ރަމީޒު އަހައިލި އެވެ.
"ފޮނުވާފައި އޮތް ނަންބަރަށް ބަލައިލަބަލަ! އޭރުން އެނގޭނެ ކާކުކަން." ފޯނުގައި ހިފުމުގެ ބަދަލުގައި ހަބީބު ބުންޏެވެ.
ހަބީބު އެހެން ބުނުމުން ރަމީޒު އަނެއްކާވެސް ފޯނަށް ބަލައިލި އެވެ. "މަ ހިއެއް ނުކުރަން ނަޖީބު މީ އަދި މިހާ ކާމިޔާބު މީހެއް ކަމަކަށް."
މެސެޖު ފޮނުވާފައިވާ ނަންބަރަށް ރަމީޒު ބަލައިލި އެވެ. ހަބީބު އިނީ ރަމީޒުގެ ސީދާ މޫނަށް ކަޅި ހުއްޓާލައިގެންނެވެ. ރަމީޒަށް އަންނަ ބަދަލު ބަލަން ކަންނޭނގެ އެވެ.
ނަންބަރަށް ބަލައިލުމާއެކު ރަމީޒު ދިޔައީ ސިއްސައިގެންނެވެ. އަމިއްލަ ލޮލަކަށް ފުރަތަމަ އިތުބާރެއް ނުކުރެވުނެވެެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލުމަށްފަހު، އަނެއްކާވެސް ބަލައިލެވިއްޖެ އެވެ. ބަދަލެއް ނުވި އެވެ. އެމެސެޖު ކޮށްފައި އެވަނީ ޝަހާމާގެ ނަންބަރުންނެވެ. ރަމީޒަށް އިނދެވުނީ ކަޅި ޖަހާނުލާ އެނަންބަރަށް ބަލާށެވެ. އޭނާ ވަކިވަކިން ފަހަރަކު އަދަދަކުންވެސް އެތައް ފަހަރަކު އެނަންބަރަށް ބަލައިފި އެވެ. އެންމެ އަދަދެއްވެސް ތަފާތުވޭތޯ އެވެ. އެހެންނަަމަވެސް ބަދަލެއް ނުވި އެވެ.
"މީ ކޮންކަހަލަ ސަމާސާއެއް؟" ރަމީޒަކަށް ގަބޫލެއް ނުކުރެވުނެވެ. އެފަދަ ކަމެއް ޝަހާމާ ކޮށްފާނޭ ކަމަކަށް އޭނާގެ ހިތެއް އެއްބަހެއް ނުވި އެވެ.
"ތީ ސަމާސާއެއް ނޫން!" ހަބީބު އިސް އޮބައިލި އެވެ.
"ދެން....؟" ރަމީޒަށް ދެލޯ ބޮޑުކޮށްލެވުނެވެ.
"ތީ ހަގީގަތް." ރަމީޒާ ދިމާއަށް ބަލައިލުމެއްވެސް ނެތި ހަބީބު ބުންޏެވެ.
"ގަބޫލެއް ނުކުރެވޭ! ޝަހާއަކީ އެކަހަލަ ކުއްޖެއް ނޫން!"
"ތީ އަހަރެންވެސް ބޭނުންވާ ގޮތަކީ. އެކަމަކު ޝަހާ އެކަހަލަ ކުއްޖަކަށް ނުވިއެއްނު." ރަމީޒުގެ މޫނަށް ހަބީބު ބަލައިލި އެވެ. އޭރު ރަމީޒުގެ ދެލޮލަށް ކަރުނައިގެ އަސަރު ވެރިވާން ފަށައިފި އެވެ. ރަމީޒަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. ފާޑަކަށް ހުއްޓުން އަރާފައި އިނދެވުނީ އެވެ. ބުނާނޭ އެއްޗެއް ނޭނގިފައި ކަމެއް، ނުބުނެވިފައި ކަމެއް ނޭނގެ އެވެ. "ރަމީޒަށް މިކަން އަންގަން މި ޖެހުނީ އެހެން ގޮތެއް ނެތިގެން."
ކުރިމަތީގައި ހުރި ކޮފީ ތަށިން އާވި އަރައަރާ ހުއްޓެވެ. އެހެންނަމަވެސް އެ ކޮފީތައްޓަށް ވުރެ ރަމީޒުގެ ހިތުން އަރަމުންދާ އާވި މާގަދައެވެ. އޭނާގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރެއަށް ފެތިފައެވެ. ހަބީބު އެ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ދެއްކި ސިހުރެއްފަދަ މެސެޖެއްގެ ސަބަބުންނެވެ. ގަބޫލުކުރަން ކިތަންމެހާވެސް ދައްޗެވެ. އެހެންނަމަވެސް ހެކި އެއޮތީ ފެންނާށެވެ. ނަޖީބުގެ ފޯނަށް އެ މެސެޖު ފޮނުވާފައި އެވަނީ ޝަހާމާގެ ނަންބަރުންނެވެ. އެ ފޯނަކީ އެހެންމީހަކު އަތްލާ ފޯނެއް ނޫނެވެ. ވީއިރު އެ ފޯނުން މެސެޖެއް ފޮނުވާނެ ދެވަނަ މީހަކު ނުހުންނާނެ އެވެ.
ޝަހާމާއަކީ ހާދަ ގޮތެއް ނެތް މީހެކެވެ. މީހެއްގެ އަތްބެއްގެ ގޮތުގައި ހުރެ ހިލޭ ފިރިހެނެއްގެ ލޯތްބަށް އެދި އާދޭސްކުރާއިރު ލަދެއް ހަޔާތެއް ނެތެވެ.
"ތިކަމާ ނަޖީބު ހުންނަނީ ވަރަށް ކަންބޮޑުވެފައި. ރަމީޒުކަހަލަ ގާތް ރައްޓެއްސެއްގެ އަންބަކު އެހެން އުޅޭތީ، ހަދާނެގޮތް ހުސްވެފައި."
"މި ހުރިހާ ކަމެއް ހިނގާދިޔައިރު، ކީއްވެ ކުރިން މަގޭގާތު ނުބުނީ؟" ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓަމުން ރަމީޒު ފުން ނޭވާއެއް ދޫކޮށްލި އެވެ. ހީވަނީ ސިކުނޑިގައި އެނބުރެމުން ދިޔަ ހައިޖާނުގަނޑު ނޭވާއެއްގެ ގޮތުގައި ބޭރުކޮށްލެވޭތޯ އުޅޭހެންނެވެ.
"ފަސޭހައެއް ނުވާނެ ދޯ ދައްކާކަށް. އޭނާ އުޅުނީ ޝަހާއަށް ވިސްނައިދެވޭތޯ. ރަމީޒަށް ނަންގާ ހަމައަކަށް އެޅުވޭތޯ ވަރަށް މަސައްކަތް ކުރި. އެކަމަކު ގަބޫލެއް ނުކުރޭ! އޭނާ ބޭނުންވަނީ ނަޖީބާ އިންނާށޯ!"
"ހެޔޮނުވާނެ! ދެން ތިވާހަކަ ހުއްޓާލާ!" ރަމީޒަށް ދަތްކުނޑި ވިކައިގަނެވުނެވެ.
"ބުއްދިއަށްވުރެ ރުޅި އިސް ނުކުރައްޗޭ! ގެއަށް ގޮސް ޝަހާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރޭ! ކުރެވިފައިވާ ކައިވެންޏެއް ރޫޅާލުމަކީ ރަނގަޅުކަމެއް ނޫން. ރަމީޒުގާތު މި ވާހަކަ މި ދެއްކީވެސް އަހަރެމެންނަށްވުރެ ފަސޭހައިން ޝަހާއަށް ވިސްނައިދެވޭނީ ރަމީޒަށްހެން ހީވާތީ. ފުރަތަމަ ލޯބި ހަނދާން ނައްތާލަން އޭނާ އެ އުޅެނީ ދަތިވެގެން. އެހެން ވެދާނެ."
"ފުރަތަމަ ލޯތްބޭ؟" އިސް އުފުލައި ހަބީބުގެ މޫނަށް ރަމީޒު ބަލައިލި އެވެ. އޭރު އެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަ އެވެ.
"އާނ. އެކަމެއް ނޭނގޭތަ؟"
"އާނ، ޝަހާ ބުނީ ދުވަހަކުވެސް ކުއްޖަކާ ރައްޓެއްސެއް ނުވަމޯ!"
"ދައްކާ ވާހަކަ." ހަބީބު ޗޮކެއް ކަނޑައިލި އެވެ.
"ޝަހާ އަހަރެން ގެންގުޅެމުން އެ ގެންދަނީ ކަނުބަނދެގެން." ރަމީޒުގެ އަޑު ތުރުތުރު އަޅަ އެވެ.
"ތީ މުޅިއަކުން ދޮގެއް ނޫން! މިއަދުވެސް އެކުރީ ކިހާ އެހެންކަހަލަ ކަމެއް."
ހަބީބުގެ މޫނަށް ރަމީޒު ބަލައިލި އެވެ. ކޮންކަމެެއްހޭ އަހައިލާ ކަހަލަ ގޮތަކަށެވެ.
"ކުރަތްޕެކޭ ކިޔައިގެން ނަޖީބު ކޮޓަރިއަށް ވެއްދީނު. ރަމީޒުވީ މިސްކިތަށް ގޮހޭ ކިޔާފަ އޭނާ އުޅުނީ.............."
"ދެން ހެޔޮ! ހުއްޓާލާ! ފުދިއްޖެ!" ރަމީޒު ފުންމައިގެން ތެދުވެވިއްޖެ އެވެ. އެވާހަކަތައް އަޑުއަހަން ފަސޭހަ ނުވީ ކަންނޭނގެ އެވެ. "މަކަރުވެރި އަންހެނެއް!!" ރަމީޒަށް ދަތްކުނޑި ވިކައިގަނެވުނެވެ. އެއަަށްފަހު އެތަނުން ނިކުތުމަށްޓަކައި ހިނގައިގެންފި އެވެ. ބާރު ބާރަށެވެ.
"ގޯހެއް ނުހަދައްޗޭ!" ހެޔޮއެދޭގޮތް ދައްކަމުން ހަބީބު ބުންޏެވެ. އެހެނަސް އެއަޑު ރަމީޒަށް އިވުނުހެނެއް ހިއެއް ނުވެއެވެ. އޭނާ ދުރުދުރުގައި ފިޔަވަޅު އަޅަމުން އެތަނުން ނިކުމެގެން ހިނގައްޖެ އެވެ. ރަމީޒު ދިޔުމާއެކު ޙަބީބުގެ ތުންފަތް މަތީގައި ދުވެލީ ނުލަފާ ހިނިތުންވުމެކެވެ. ކޮފީތަށިން އެތިފޮދެއް ބޮއިލުމަށްފަހު ކޮށިގަނޑު ކައިރިއަށް ގޮސް އަގު ދައްކާފައި ނިކުތީ ބޭރަށެވެ.
ކޮޓަރި ސާފުކޮށް ތަންމަތި އަޅާ ހަދާލުމަށްފަހު، ޝަހާމާ ނިކުތީ ސިޓިން ރޫމަށެވެ. ނަޖީބު ގޭގައި ނޫޅޭ ވަގުތަކަށްވާތީ، އޭނާ ގަސްދުކުރީ ނަޖީބު ނިދާ ކޮޓަރި ވެސް ކުނިކަހާ ތަންމަތި އަޅައިލާ ހަދާށެވެ. ނަޖީބު ނިދިޔަސް، އެހެންމީހަކު ނިދިޔަސް އެއީ އޭނާގެ ގެއެވެ. އެގެ ސާފުކޮށް ބެލެހެއްޓުމަކީ އޭނާގެ ވާޖިބެކެވެ.
ވަރަށް ޖެހިލުންވެފައި ހުރި ކަހަލަ ގޮތަކަށް ހުރެ، ޝަހާމާ ގޮސް އެކޮޓަރީ ދޮރުމައްޗަށް ހުއްޓުނެވެ. އޭނާ ކޮޓަރިތެރެއަށް ރަނގަޅަށް ބަލައިލި އެވެ. ނަޖީބު ނެތްކަން ޔަގީންވުމުން މަޑުމަޑުން އޭނާ ކޮޓަރިއަށް ވަނެވެ. ހިތަށް އެރި އެއްޗަކުން އަވަސް އަވަހަށް ކޮޓަރިން ނިކުތެވެ. އެ ކޮޓަރީގައި އުޅެނިކޮށް ނަޖީބަށް އާދެވިއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އެވެ.
ޝަހާމާ ހިނގައިގަތީ ބޭރު ދޮރާދިމާއަށެވެ. ދޮރު ތަޅުލުމަށެވެ. ރަމީޒު އަތުގައި ބޭރު ދޮރުގެ ތަޅުދަނޑިއެއް އޮންނާނެ އެވެ. އެހެންކަމުން ތަޅުލާފައި ހުރިނަމަވެސް ރަމީޒަށް ވަދެވޭނެ އެވެ. އޭނާ ބޭނުންވަނީ ނަޖީބަށް ގެއަށް ވަނުމުގެ ފުރުޞަތު ނުދޭށެވެ. އަދި ޚާއްޞަކޮށް އެ ކޮޓަރީގައި އޭނާ އުޅެނިކޮށް ވަނަނުދޭށެވެ.
ބޭރު ދޮރު ތަޅުލުމަށްފަހު ޝަހާމާ ހިނގައިގަތީ ހިތްހަމަޖެހުމާއެކުގަ އެވެ. ހަމަ ޔަގީނުންވެސް ދެން ނަޖީބަށް ގެއަށް ނުވަދެވޭނެކަން އެނގޭތީ އެވެ. އޭނާ ވަރަށް ހަމަޖެހިލައިގެން ހުރެ ގޮސް ނަޖީބު ނިދާކޮޓަރިއަށް ވަދެ، އެނދު ތަންމަތި އަޅަންފެށި އެވެ.
ކުއްލިއަކަށް ޝަހާމާގެ ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކެއްގެ ސަބަބުން ހިތް ތެޅެލައިފި އެވެ. ނަޖީބަކީ މަކަރުވެރިކަމުގެ އިންތިހާގައި ހުންނަ މީހެއްކަން ޝަހާމާ އަބަދުވެސް ހަނދާން ހުރެއެވެ. އޭނާ ރަމީޒުގެ ބޮލަށް އެރިލާނީ މާ ބުރަ މަސައްކަތެއް ކޮށްގެނެއް ނޫނެވެ. އެއީ ހަމަ އެންމެ މިނެޓެއްގެ ކަމެކެވެ. ފަހަރުގައި ރަމީޒު އަތުން ބޭރު ދޮރު ތަޅުދަނޑި ހިފައިގެންވެސް އޭނާ އަތުވެދާނެ އެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު