ލ. އަތޮޅު މާމެންދޫގައި އިއްޔެރޭ ބަޔަކު ކަނޑި އާއި ކަތިވަޅިން ހަމަލާދީ ޒަޚަމްކޮށްލި ގދ. ނަޑެއްލާ އަހުމަދު ޝާޒް އައްބާސް 23، އަށް އައިސީޔޫގައި ފަރުވާދިނުމަށް ފަހު ވޯޑަށް ބަދަލުކޮށްފި އެވެ.
ޝާޒަށް ދިން ހަމަލާއާ ގުޅިގެން އޭނާ އަށް ފަރުވާ ދެމުން އަންނަ ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ ޝާޒްގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށާއި ވޯޑަށް ބަދަލު ކުރީ މިއަދު ހެނދުނު ކަމަށެވެ.
ޝާޒަކީ، ކަނޑި ގެންގުޅުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުއްޓައި ޕެރޯލްގެ ދަށުން ދޫކޮށްލި ގދ. ނަޑެއްލާ އަތަމާގޭ އިބުރާހިމް ނާފިޒް (ޗިކާ)ގެ ތިމާގެ މީހެކެވެ.
ޝާޒަކީ ނަޑެއްލާގެ ކުރީގެ ކައުންސިލަރު، އައްބާސް ޢަލީގެ ދޮށީ ފިރިހެންދަރިފުޅެވެ.
މޫނު ނިވާކޮށް ކަނޑި ހިފައިގެން ތިބި ބަޔަކު އިއްޔެރޭ ޝާޒަށް ދިން ހަމަލައިގައި އޭނާގެ ކަނާތު ކަކުލު ހުޅުގެ ޕަޓެއްލާ ނުވަތަ ފިޔަންކަށިގަނޑު ވަރަށް ބޮޑަށް ބުރިވެ ވަނީ ހަލާކުވެފަ އެވެ. އަދި ޝާޒްގެ ވާތު އުޅަނބޮއްޓާއި ކަނާތު ކަކުލުން ތިރި ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ކަނޑި އާއި ކަތިވަޅީގެ ހަމަލާގައި ރޭ ޝާޒުގެ ކަނާތުފަޔަށް ބޮޑު ޒަހަމެއް ދީފައިވާ އިރު ވާތުފައިގެ ތިން ތަނަކަށް ވަޅި ހަރައި ވާތު މުލައްދަނޑި ވެސް ފުންކޮށް ވަނީ ކަފާލާފަ އެވެ. އެ ހަމަލާގައި ޝާޒްގެ ކަނާތު ފައިގެ ކަކުލު ހުޅުގެ ކަށިތައް އެއްކޮށް މުގުރައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި އޭނާ އަށް ބޮޑެތި ޒަހަމްތައް ލިބުނީ ހަމަލާދިން މީހުންގެ ކިބައިގެން ސަލާމަތް ވުމަށް ކަނޑިތަކާ ދިމާއަށް ފަޔާއި އަތް ހުރަސް ކުރުމުން ކަމަށްވެ އެވެ.
ކަނޑި އާއި ކަތިވަޅި ހިފައިގެން މޫނު ނިވާކޮށްގެން ޝާޒަށް ހަމަލަ ދިން ޖަމާއަތް އިއްޔެރޭ މާމެންދު އަށް ދިޔައީ ލޯންޗެއްގަ އެވެ.
އެ މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ 18 އަހަރުން ދަށުގެ ކުއްޖެއްގެ އިތުރުން ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.
ވެރިރަށް މާލެ ފިޔަވައި ގޭންގް މާރާމާރީތަކާ ކުށްތައް އެންމެ އާންމުވެފައިވާ އެއް އަތޮޅަކީ ލ. އަތޮޅެވެ.