އަައިފޯން 5 ބާޒާރަށް ނެރުން މިފަހަރު ލަސްވެދާނެ

އެޕަލް އައިފޯންގެ އާ ވާޝަން އާއްމުކޮށް ބާޒާރަށް ނެރެނީ ކޮންމެ އަހަރެއްގެ ޖޫން މަހު އެވެ. ނަމަވެސް އެކަން މިހާރު މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ލަސްވެދާނެ ކަމަށް އެޕަލް ކުންފުނީގެ ވެރިންނާ ގާތްގުޅުމެއް އޮންނަ ފަރާތަކުން ބުނެފި އެވެ.

އެޕަލް އައިފޯން 5 ބާޒާރަށް ނުކުންނާނެ އިރަކާ ބެހޭ ގޮތުން އިންޓަނެޓް ގައި ތަފާތު ވާހަކަ ތަކެއް ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އެ ފޯން ވެގެން ދާނީ އެޕަލް ފޯންގެ އެންމެ ފަހުގެ ވައްތަރު ކަމަށްވާ އައިފޯން4 ގައި ހުރި ކުދި ކުދި ބައެއް ކަންތައްތައް ރަނގަޅުކޮށްލާފައިވާ ފޯނަކަށް ކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ އެފޯން ވެގެން ދާނީ މުޅިން ބަދަލުވެފައިވާ އުފެއްދުމަކަށް ކަމަށެވެ.

އައިފޯންގެ ފަހުގެ އުފެއްދުން ބާޒާރަށް އާއްމުކޮށް ނެރޭ ޖޫން ޖުލައި ގައި އެ ފޯން މިފަހަރު ބާޒާރަށް ނުނުކުންނާނެ ކަމަށް ބުނެ މީޑިޔާއަށް މައުލޫމާތު ދިން މީހާ ބުނިކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ބުނަނީ އެކަން އެގޮތަށް ދިމާވީ ޖަޕާނަށް އައި ބިންހެލުމާއި ސްނާމީ ކާރިސާގެ ސަބަބުން ބައެއް ސަޕްލަޔަރުންނަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުންނެވެ.

އައިފޯނާ ބެހޭ ގޮތުން މީޑިޔާއަށް މައުލޫމާތު ދިން ނަން ހާމަނުކުރާ މީހާ ބުނެފައިވާ ގޮތުގައި އައިފޯން 5 ގައި ކުރީގެ ފޯންތަކަށް ވުރެ އަވަސް ޕްރޮސެސާއެއް އެކުލެވޭނެއެވެ. ނަމަވެސް ފޯނުގެ ޑިޒައިނާއި ގިނަ ކަންތައްތައް މިހާރުވެސް ބޭނުންކުރަމުން އަންނަ އައިފޯން 4 އަކާ މާބޮޑު ތަފާތެއް ނުހުންނާނެއެވެ.

އައިފޯންގެ ފަހުގެ ވާޝަންއާ ބެހޭ ގޮތުން ރޮއިޓާސްއަށް މައުލޫމާތު ދިން ނަން ހާމަ ނުކުރާ ތިން ފަރާތަކުން ބުނެފައިވަނީ އައިފޯން 5 އުފެއްދުމުގެ މަސައްކަތް މިއަހަރު ފަށާނީ ޖުލައި މަހުގެ ތެރޭގައެވެ.

އެޕަލް ކުންފުނިން އެ ކުންފުނީގެ މަޝްހޫރު އައިފޯންގެ އައު ވާޝަން އާއްމުކޮށް ބާޒާރަށް ނެރެނީ ޖޫން މަހު އޮންނަ އެ ކުންފުނީގެ ވޯލްޑް ވައިޑް ޑިވެލޮޕާ ކޮންފަރެންސްގަ އެވެ. އެކޮންފަރެންސް މިއަހަރު ބާއްވަން ހަމަޖެހިފައި ވަނީ ޖޫންމަހުގެ ހަވަނަ ދުވަހުން ފެށިގެން އެމަހުގެ 10 އަކަށެވެ.

އައިފޯން އުފެއްދުމަށް ބޭނުންވާ ބައެއް މާއްދާތައް ނުލިބިގެން އައިފޯން 5 އުފެއްދުން ލަސްވެދާނެކަމަށް ދެކެވޭ ވާހަކައާ މެދު ބަހެއް ބުނުމަށް އެޕަލް ކުންފުނިން ވަނީ ތަކުރާރުކޮށް އިންކާރުކޮށްފައެވެ.

އައިފޯން 4 ބާޒާރަށް ނުކުތުމުން އެއުފެއްދުމަށް އަމާޒުވި އެންމެ ބޮޑު ފާޑުކިއުމަކީ އެފޯންގެ ތިރީގެ ވަކި ބައެއް ފޮރުވުމުން ފޯންގެ ސިގްނަލް ދަށްވާ ކަމަށް ދެކެވުނު ވާހަކައެވެ.
އައިފޯން 5 ބާޒާރަށް ނެރޭނެ އިރަކަށް އެޕަލްގެ އުފެއްދުން ތަކަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ. ޑެއިލީ މެއިލް . ޔޫކޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު